ފަރުވާ އެއް ހޯދިފައި ނުވާ ކޯވިޑް-19 އަށް ފަރުވާ ދިނުމަށް އެބޯލާ ބޭސް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފި އެވެ.
އެބޯލާއަށް ފަރުވާ ދިނުމަށް ބޭނުންކޮށްފައިވަނީ ރެންޑެސެވިއާ ކިޔާ ބޭހެކެވެ. އެފްޑީއޭގެ މި ހުއްދަ އާއި އެކު އެ ބޭސް އެމެރިކާގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކޯވިޑް ޖެހިފައިވާ މީހުންނަށް ދޭނެ އެވެ.
ރެންޑެސެވިއާ ދިނުމުން ކޮވިޑް-19 ގެ ބަލި މީހުން ރަނގަޅުވާ މުއްދަތު 15 ދުވަހުން 11 ދުވަހަށް އަވަސްވެފައިވާ ކަމަށް ކްލިނިކަލް ޓްރަޔަލްތަކުން އެނގޭ ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒް އިން ވަނީ ބުނެފަ އެވެ. އެކަމަކު މީގެ ހަގީގަތް އެނގޭނީ ރަސްމީކޮށް ހޮސްޕިޓަލްތަކުގައި މި ބޭސް ބޭނުން ކުރަން ފެށީމައެވެ.
މިއީ ކޯވިޑަށް ފަރުވާ ދިނުމަށް ވަކި ބޭހެއް ބޭނުން ކުރުމަށް އެފްޑީއޭއިން ހުއްދަދިން ފުރަތަމަ ފަހަރެވެ.
މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެލޭރިއާ ބޭހަކީ ކޯވިޑަށް ދެވޭ ފަރުވާއެއް ކަމަށް ބުނެ ވަރަށް ބޮޑަށް ޕްރޮމޯޓުކޮށްފައި އެވެ. އަދި ގިނަ އަދަދަކަށް މެލޭރިއާ ބޭސް އިންޑިއާއިން ހޯދާފައިވެ އެވެ.
އެކަމަކު އެ ބޭހަކީ ކޯވިޑަށް ފަރުވާ ދޭން ބޭނުން ކުރެވިދާނެ ބޭހެއްގެ ގޮތުގައި އެއްވެސް ސިއްހީ ތަޖުރިބާކާރަކު ޔަގީންކަމާއި އެކު ބުނެފައެއް ނުވެ އެވެ.
މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ އެމެރިކާއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް