ގިނަ އިރު ނުކައި ހުރުމުން މާބޮޑަށް ބަނޑުހައިވެ، އެކަމާ މެދު ވިސްނޭގޮތްވެ އެވެ. ބަނޑުހައިވަނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ހަކަތަ ނެތުމުން އެ ހަކަތައަށް ހަށިގަނޑު ބޭނުން ވުމުންނެވެ.
އެކަމަކު ބަނޑުހައި ވާއިރަށް ބަނޑު ފުރެންދެން ކެއުމުގެ ބަދަލުގައި ހަށިގަނޑަށް އެންމެ މަދުން ބޭނުންވާ ވަރަށް ކެއުމަށް އިސްކަން ދޭންޖެހެ އެވެ. އަދި ކާއިރު ކާހިތްވާ ކޮންމެ އެއްޗެއް ކެއުމުގެ ބަދަލުގައި ފައިދާ ހުންނަ ކާއެއްޗެހި ކާން އާދަ ކުރާށެވެ.
އެންމެންގެ ދިރިއުޅުމަށް އައިސްފައިވާ މި ދަތި ދުވަސްވަރުގައި ހަރަދަށް ބަލައިގެން ވީހާވެސް ބޮޑަށް ބޭކާރު ގޮތުގައި ގިނަ އަދަދެއްގެ ކާއެއްޗެހި ތައްޔާރުކުރުމުގެ ބަދަލުގައި ހަށިގަނޑަށް ފައިދާ ހުންނަ ކާއެއްޗެހި ތައްޔާރު ކުރުމަށް އިސްކަން ދޭންޖެހެ އެވެ. މިއީ ރޯދަ މަސް ކަމަށްވުމުން ރޯދައަށް ހުންނަ އިރު މާބޮޑަށް ހައިބޮޑުވެ ހަށިގަނޑަށް ގެއްލުން ނުލިބޭނެ ގޮތަކަށް އަމަލުތައް ބަހައްޓަން ޖެހެ އެވެ.
ބަނޑުހައި އިހުސާސްވުން ކުޑަކުރުމަށް ޑިޕްރެޝަން އާއި ދުރުވާން ޖެހެ އެވެ. މާބޮޑަށް ޑިޕްރެޝަނަށް ގޮސްފިނަމަ ސިކުނޑި މަސައްކަތް ކުރުމަށް ބަދަލު އައިސް މުޅި ހަށިގަނޑުގެ ބާރު ކަނޑުވާލައެވެ. އޭރުން އަބަދު ހިވާނީ ބަނޑުހައިވެފަ ހުންނަހެންނެވެ.
އަބަދުވެސް އެހެން ކަންކަމަށް މެދު ސަމާލުކަން ދޭވަރު އިތުރުކޮށް، ކާއެއްޗިއްސާއި މެދު ނުވިސްނާށެވެ. ދިރިއުޅުމުގައި ކުރަން ހުރި އެހެންކަންކަމަށް ސަމާލުކަން ދޭވަރު އިތުރު ކުރާށެވެ. އޭރުން ހަށިގަނޑުގައި ހުންނަ ހޯމޯންސްތަކުގެ ސަމާލުކަން އެހެންކަމަށް ހުއްޓި ބަނޑުހައިވުމުގެ އިހުސާސް ކުރުން ދުރުކޮށްދޭނެ އެވެ.
އެމެރިކާގެ ޕަބްމެޑް ސެންޓަރުން ބަނޑުހައިވުމާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ބަނޑުހައިވުން މީހާގެ އުމުރާވެސް ގުޅުން އޮންނަ ކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 15-30 ޕަސެންޓާއި ދެމެދުގެ މީހުންނަކީ ކެއުން މަދު ކުރަން ބޭނުންވި ނަމަވެސް ގިނައިން ކެވޭ މީހުންނެވެ. އެހެންވެ އެމީހުން ބަނޑުހައިވާލެއް އަވަސްވާނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް