ކޮވިޝީލްޑް ދެ ވަނަ ޑޯޒު މިހާތަނަށް 1،721 މީހުންނަށް ދީފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.
އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖަހައިދޭން ފެށީ މިއަދު އެވެ. އެކަމަކު ފުރަތަމަ ޑޯޒު ޖެހިފަހުން ރާއްޖެއިން ބޭރަށް ދާން ޖެހޭ މީހުންގެ ތެރެއިން 12 ހަފްތާ ތެރޭގައި ނާދެވޭ މީހުންނަށް ވަނީ ފުރަތަމަ ޑޯޒު ޖެހިތާ ހަތަރު ހަފްތާ ވެފައިވާ ނަމަ ދެ ވަނަ ޑޯޒު ޖަހައިދީފަ އެވެ.
އެޗްޕީއޭއިން ބުނީ އެހާލަތުގައި 572 މީހަކަށް ދީފައިވާ ކަމަށެވެ. އަދި ފެބްރުއަރީ 4-1 އަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ތެރެއިން މިއަދު 1،149 މީހަކަށް ދެވަނަ ޑޯޒު ޖަހައިދީފައިވާ ކަމަށެވެ.
ކޮވިޝީލްޑް ދެވަނަ ޑޯޒު ޖަހައިދެމުން ދަނީ އަދި މާލެ ސަރަހައްދުގައި އެކަންޏެވެ.
އެޗްޕީއޭއިން ބުނީ ކޮވިޝީލްޑް އާާއި ސިނޮފާމް ވެންސިންގެ ފުރަތަމަ ޑޯޒު މިއަދު ޖުމްލަ 2،622 މީހުން ޖަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން 2،213 މީހުން އަތޮޅުތެރޭގައި ވެކްސިން ދިން އިތުރު މާލެއިން ވެކްސިން ޖަހާފައިވަނީ 409 މީހުންނެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް ވެކްސިމް ދޭން ފަށާފައިވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ވެކްސިން ޖަހާފައިވަނީ 243،749 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް