ފެބްރުއަރީ ހަތެއްގެ ނިޔަލަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް މާދަމާ ދެވަނަ ޑޯޒު ޖަހައިދޭން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒު ޖަހައިދޭން ފެށީ މިއަދު އެވެ. މިއަދު ދެވަނަ ޑޯޒު ޖަހައިދީފައިވަނީ ފެބްރުއަރީ 4-1 އަށް ފުރަތަމަ ޑޯޒު ޖެހި މީހުންނަށެވެ.
ކޮވިޝީލްޑު ދެވަނަ ޑޯޒު ޖަހައިދެމުން ދަނީ މާލެ ސަރަހައްދުގައި އެކަންޏެވެ.
އެޗްޕީއޭއިން ބުނީ ފެބްރުއަރީ 7-1 އަށް ވެކްސިން ޖެހި މީހުންނަށް މާދަމާއިން ފެށިގެން ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒު ޖެހޭނެ ކަމަށެވެ. ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ކޯވިޑް-19 ވެކްސިން ކާޑާއި އައިޑީކާޑު/ ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑު ގެންދަން ޖެހޭނެ އެވެ.
މާލޭގެ ފަސް ސެންޓަރެއްގައި ކޮވިޝީލްޑް ދެވަނަ ޑޯޒު ދިނުން ކުރިޔަށް ދާނެ އެވެ. އެއީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ސޯޝަލް ސެންޓަރު، ވިލިމާލޭ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ފްލޫ ކްލިނިކް އަދި ނެޝަނަލް އާޓް ގެލަރީ އެވެ.
ވެކްސިން ޖެހުން ކުރިޔަށް ގެންދާނީ ހެނދުނު 10:00 ން މެންދުރު ފަހު 3:00 އަށެވެ.
އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒު މާލެ ސަރަހައްދުގައި ދެމުންދާނީ ދެ ވެކްސިން ސެންޓަރެއްގައި ކަމަށެވެ. އެއީ ޓްރީ ޓޮޕް ހޮސްޕިޓަލާއި ރައްޔިތުންގެ މަޖިލީހުގައި އެވެ.
ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 ވެކްސިން ދީފައިވަނީ 241،127 މީހުންނަށެވެ.
އޭގެ ތެރެއިން 132،044 މީހުންނަށް ވެކްސިން ދިނީ މާލެ ސަރަހައްދުގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 109،083 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް