ލ.ފޮނަދޫ އަކީ ނިސްބަތުން ބޮޑު އާބާދީއެއް އޮތް ބިމުގެ ގޮތުން ބޮޑު ސަރަޙައްދެއްކަމަށްވެފައި ދަތުރުފަތުރުކުރުމަށް ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދު ދުއްވަމުން އަންނަ ތަނެކެވެ. މީގެ ދެއަހަރެއްހައި ކުރިން ލިންކް ރޯޑު ފިޔަވައި ދެންހުރި މަގުތަކުގެ ހާލަތު ގޯސްވުމުން އެކަން ރަނގަޅު ކުރުމަށް އެދި ފޮނަދޫ ރައްޔިތުން ސަރުކާރުތަކުގައި އާދޭސް ކުރާތާ އެތައް ޒަމާންތަކެއް ވަނީ ވެފައެވެ.
ރައްޔިތުންގެ އާދޭސްތައް އަޑު އިވިއްޖެ ކަމަށް ބުނެ ކޮންމެ ކެމްޕެއިނަކާއި ނުވަތަ އިންތިހާބަކާއި ދިމާކޮށް ކުރެވޭ މަސައްކަތް ފިޔަވައި ފޮނަދޫގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. ފަހަރެއްގައި އެއީ ފޮނަދޫގެ މަގުތައް ބެލެހެއްޓުމުގެ ޒިންމާ އާއި ހަވާލުވެފައިވާ ފަރާތަށް މަގުތަކުގެ ހާލަތު އެނގިވަޑައިނުގަންނަވާތީ ކަމަށް ވެސް ވެދާނެއެވެ.
ފޮނަދޫގެ ވެލިމަގުތަކުގައި ދަތުރުކުރުމުން ބައެއް ފަހަރު ފަރުބަދަމަތިން ދަތުރުކުރާކަމުގެ އިޙުސާސްކުރެވެއެވެ. މަގުތަކުގެ އަޑިގުޑަންކަމާއިއެކު ވާރޭ ވެހިއްޖެނަމަ ދެން ދުއްވާ އެއްޗަކަށް ހިނގާ ބިނގާވެ އުޅޭމީހަކަށްވެސް ސަލާމަތެއްނެތެވެ. އެކަން ފޮނަދޫ ރައްޔިތުންވަނީ ވަރަށް ރަނގަޅަށް ތަޖުރިބާކޮށްފައެވެ.
ފޮނަދޫ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ، މީގެ ހަ އަހަރެއްހާ ދުވަސް ކުރިން ހަވާލު ކުރީ ސްރީ ލަންކާގެ ކުލުނު ކުންފުންޏާ އެވެ. އެކަމަކު، އެ މަސައްކަތް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކުރިއަށް ނުދާ ކަމަށް ބުނެ، އޭރުގެ ހައުސިން މިނިސްޓްރީން ވަނީ އެ މަސައްކަތް އެ ކުންފުނީގެ އަތުން އަތުލައި މިހާރު އުވާލާފައިވާ އެމްއާރުޑީސީއާ ކުރިން ހަވާލުކޮށްފަ އެވެ.
އެމްއާރުޑީސީން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ފާހަގަވުމުން އޭރު އޮތް ރައީސް ޔާމީންގެ ސަރުކާރުން އެ މަސައްކަތް ހަވާލު ކުރީ ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވޯކްސް ސާވިސްއާ އެވެ. ފޮނަދޫ މަގު ހެދުމުގެ މަސައްކަތް އޭރު ކުރީ ޕަބްލިކް ވޯކްސް ސާވިސްގައި މަސައްކަތް ކުރާ އެ ރަށު ރައްޔިތުންނެވެ.
ލ. ފޮނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2017 ވަނަ އަހަރު ފެށުނު ނަމަވެސް މަސައްކަތް ހުއްޓި ދިގު މުއްދަތެއް ފާއިތުވީ ފަހުން، އަލުން އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ޖޫންމަހުއެވެ. މި ދިޔަ އަހަރުގެ ޑިސެމްބަރުމަހު ވަނީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައެވެ.
ލ. ފޮނަދޫ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ބޮޑު ބައެއް ނިމި، ޒަމާނީ މަގުތަކުގެ މަލަމަތި މިހާރު ފެންނަން ފަށާފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައިވާ އެމް.ޓީ.ސީ.ސީ.ން ވަނީ ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ %75 މަސައްކަތް ނިމިފައެވެ. މި ފިޔަވަހީގެ ދަށުން، ތާރު އެޅުމުގެ މަސައްކަތުގެ ވެސް %50 މިހާރު ވަނީ ނިންމާފައެވެ.
ފުރަތަމަ ފިޔަވަހީގައި ފޮނަދޫގެ 12 މަގެއްގައި ތާރު އެޅުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެއީ 3.5 ކިލޯ މީޓަރުގެ ސަރަޙައްދެކެވެ. މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މި މަޝްރޫޢު ކުރިއަށްގެންދަނީ ފެންބޮޑުވުމުގެ މައްސަލައަށް ވެސް ޙައްލު ލިބޭނެހެން ފަރުމާކޮށްގެންނެވެ. މިހާރު ތާރު އެޅުމުގެ މަޝްރޫއުގެ ދެބައި ކުޅަ އެއްބައި ނިމުނު އިރު ރަށް ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ.
ލ. ފޮނަދޫ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް އެމް.ޓީ.ސީ.ސީ.އާ ވަނީ ޙަވާލުކޮށްފައެވެ.
ލ.ފޮނަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން އެރަށުގެ 3.64 ކިލޯމީޓަރުގެ މަގު ހެދުމަށްވަނީ ހަމަޖެހިފައެވެ. ފޮނަދޫ މަގުތައް ހަދަނީ، މަގުގެ މައްސަލައަށް ފުރިހަމައަށް ޙައްލު ލިބޭނެހެން ފަރުމާކޮށް، ތާރު އަޅައިގެންނެވެ. އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައިވަނީ މަގުތަކުގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި މަގު ބައްތިޖަހައި ރަނގަޅު ފެންވަރަކަށް މަގު ހެދުމުގެ މަސައްކަތެކެވެ. މި މަސައްކަތްތައް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރީ 390 ދުވަހުން ނިންމާގޮތަށެވެ. މި މަޝްރޫޢަކީ ސަރުކާރުން 53.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތެކެވެ.
ފޮނަދޫގެ މަގުތަކުގެ ބޮޑުބައެއްގައި ތާރު އަޅާ މިހާރު ނިމިފައިވާއިރު، ފޮނަދޫ ރައްޔަިތުންނަށް ބޮޑެތި ފަސޭހަތަކެއް ވަނީ ވެފައެވެ. އެގޮތުން އަޑިގުޑަން ބޮޑެތި ފަރުބަދަތައް މަތިން ހެން ދަތުރު ކުރަން ޖެހުނު މަގުތަކުގައި މިހާރު ފަސޭހަކަމާއި އެކު ދުއްވާލާ ހެދެއެވެ. ވާރޭ ވެހުނަސް މިހާރު އެމަގުތަކުގައި އެއްވެސް އުނދަގުލަކާއި ނުލާ ދަތުރުތައް ކޮށްލެވެއެވެ. ފޮނަދޫގެ ބައެއް މީހުން ކިޔައިދިން ގޮތުގައި އެތެރޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅިގެން ދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިންހަމަ ޖެހުމެކެވެ.
" އަސްލަށް ބުނަންޏާ މިއީ ވަރަށް ބޮޑު ހިންހަމަ ޖެހުމެއް. ކުރިން އެ މަގުތަކަުގައި ދަތުރު ކުރުމަކީ ފަރުބަދަ ފެޅުންފަދަ ކަމެއް. އަދި ވާރޭކޮޅެއް ވެހިއްޖެއްޔާ ދެން އެވާހަކަ ދައްކާނެ ކަމެއްނެތް. އެހެން ނަމަވެސް މިހާރު މި ލިބިގެން ދިޔަ ފަސޭހަ އަކީ ފޮނަދޫ ރައްޔިތުންނަށް ވަރަށް ބޮޑު ހިންހަމަ ޖެހުމެއް ލިބިގެން ދިޔަކަމެއް. މި ޝަރުކާރަށް ޝުކރު ދަންނަވަން. ނަން ހާމަ ނުކުރުމަށް އެދި ފޮނަދޫ ރައްޔިތަކު ކިޔައިދިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް