އިންޑިއާގެ މަޝްހޫރު ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރް ކޯވިޑަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެވެ.
ސަޗިންއަށް ކޯވިޑް ޖެހިފައިވާކަން އޭނާ ހާމަ ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އުމުރުން 47 އަހަރުގެ ސަޗިން ކޯވިޑަށް ޕޮސިޓިވް ވިނަމަވެސް ސިއްހީ މާބޮޑެތި މައްސަލަތަކެއް ދިމާ ނުވާ ކަމަށްވެ އެވެ.
އެކަމަކު އޭނާ ހޮސްޕިޓަލްގައި އެޑްމިޓްވީ އާއިލީ ޑޮކްޓަރު އެގޮތަށް ލަފާދިނުމުންނެވެ. ސަޗިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލްގައި އެޑްމިޓްވި ނަމަވެސް އުއްމީދުކުރަނީ ވީ އެންމެ އަވަހަށް ގެއަށް ދިއުމަށް ކަމަށެވެ.
ސަޗިންގެ އިތުރުން އިންޑިއާގެ މަޝްހޫރު ގިނަ ފަރާތްތަކެއް މިދުވަސް ވަރު ދަނީ ކޯވިޑަށް ޕޮސިޓިވް ވަމުންނެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ހިމެނެ އެވެ.
އިންޑިއާ ނޫސްތަކުން ބުނާގޮތުގައި މި ދުވަސްވަރު އެންމެ ބޮޑަށް ކޯވިޑް ފެތުރެމުންދާ ސްޓޭޓްތަކުގެ ތެރޭގައި މަހާރާޝްޓްރާ ސްޓޭޓް ހިމެނެ އެވެ.
ސަޗިން ކްރިކެޓް ކުޅުން ހުއްޓާލީ 2013 ވަނަ އަހަރު އެވެ.
އިންޑިއާ އާއި މުޅި ދުނިޔޭގެ ކްރިކެޓްގެ އިތުރުން ކުޅިވަރު ދުނިޔޭގައި މަޝްހޫރު ސަޗިން ދާދި ފަހުން ވަނީ އިންޑިއާގެ ވެޓަރަންސް ކްރިކެޓް މެޗެއްގައި ކުޅެފަ އެވެ.
ސަޗިން އުމުރުން 16 އަހަރުގައި ބައިނަލްއަގުވާމީ ކްރިކެޓް މެޗުތައް ކުޅެން ފަށައިފި އެވެ. އެއީ 1986 ވަނަ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް