އެންމެ ހަލުވިކަމާއި އެކު ކޯވިޑް ފެތުރެނީ ނައިފަރުގަ، 168 ކޭސް

އަތޮޅު ތެރޭގައި އެންމެ ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދަނީ ޅ. ނައިފަރުގަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކުގަ...

03 Apr 2021 | 05:13

އަތޮޅު ތެރޭގައި އެންމެ ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުންދަނީ ޅ. ނައިފަރުގަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި މިވަގުތު އެ ރަށުގައި 168 ކޯވިޑް އެކްޓިވް ކޭސް އެބަހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ 151 ދިވެހިންނާއި 17 ބިދޭސީންނެވެ.

ނައިފަރުން އިއްޔެ އެކަނިވެސް 26 މީހުން ޕޮސިޓިވްވެފައިވެ އެވެ. އިއްޔެ ޕޮސިޓިވްވެފައިވަނީ 25 ދިވެހިންނާއި ބިދޭސީ އެކެވެ.

ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން 137 މީހުންނަކީ ކޮންޓެކްޓުންގެ ގޮތުގައި ބެލެވިގެން ޓެސްޓު ކުރި އިރު ޕޮސިޓިވްކަން އެނގުނު މީހުންނެވެ. ރަށު ތެރެއިން ނެގިރެންޑަމް ސާމްޕަލްތަކުގެ ތެރެއިން 27 މީހުން ޕޮސިޓިވްވެފައިވާއިރު ދެން ޕޮސިޓިވްވެފައިވަނީ ފްލޫ ކްލިނިކަށް ދެއްކި މީހަކާއި ހޯމް ކަރަންޓިން ފުރިމަކުރުން ޓެސްޓު ކުރި އިރު ޕޮސިޓިވްކަން އެނގުނު ދެ މީހެކެވެ.

މިދިޔަ ހަފްތާގައި އެންމެ ގިނަ ބަޔަކު ޕޮސިޓިވްވަމުން ދިޔައީ ކ. ހުރާއިންނެވެ. ހުރާއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 129 މީހުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ 109 ދިވެހިންނާއ ި20 ބިދޭސީންނެވެ. ހުރާއިން އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ ކޮންޓެކްޓުންގެ ގޮތުގަ ބެލެވިގެން ޓެސްޓު ކުރި މީހުންނެވެ. އެގޮތުން 94 ކޮންޓެކްޓެއް ހުރާއިން ޕޮސިޓިވްވެފައިވެ އެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ނައިފަރާއި ހުރާގައި އަޅާފައިވާ ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ ވަރުގަދަ ކޮށްފައި އެވެ. އެގޮތުން ދެ ރަށުގެ ސްކޫލްތަކުގައި ކިޔަވައިދިނުން މަނާކޮށް، ކެފޭ ރެސްޓޯރެންޓުތަކުގައި ހިދުމަތް ދިނުން ހުއްޓާލަން ވަނީ އަންގާފައި އެވެ.

ޒަރޫރީ ބޭނުންމެގައި ނޫނީ ގެއިން ބޭރަށް ނުކުތުން ހުރާ އާއި ނައިފަރުގަ މަނާކޮށްފައިވާއިރު އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް މަނަލެވެ. ހަފްލާތަކާއި ޖަލްސާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށް ކުޅިވަރު މުބާރާތްތަކާއި ކަސްރަތު މުބާރާތްތައް ހުއްޓާލުމަށް އެޗްޕީއޭއިން އަންގާފައިވެ އެވެ.

ދެރަށުގައި މި ފިޔަވަޅުތައް އަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް