ކުރިން ސައިންސް އެޑިއުކޭޝަން ސެންޓަރު އަދި މިހާރު ސެންޓަ ފޮރ ހަޔަރ އެޑިއުކޭޝަން ސެންޓަރު (ސީއެޗްއެސްސީ( ގެ ފުރަތަމަ ޕްރިންސިޕަލްކަން ކުރެއްވި ޑރ. އިބްރާހިމް އަބްދުލް މާލިކު، ކޯވިޑް-19 ޖެހިގެން އަވަހާރަވެއްޖެއެވެ.
ޑރ. އިބްރާހިމް އަބްދުލްމާލިކަކީ ރާއްޖޭގެ ތައުލީމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ރިޕޯޓްކޮށްފައިވާގޮތުގައި ބާރބޮޑަސް އާއިލާއަކަށް ނިސްބަތްވެ ވަޑާއިގަންނަވާ ޑރ މާލިކު އުފަންވެވަޑާއިގަތީ އެމެރިކާގައެވެ. ޑރ މާލިކު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ ޔުނެސްކޯއިން ލިބިވަޑައިގެންވި ފުރުސަތެއްގައި 1979 ވަނައަހަރުއެވެ. އޭރު އެންމެ ފުރަތަމަ މަސައްކަތަކަށްވެޑައިގަތީ އަމީނިއްޔާ ސްކޫލްގައި ސައިންސް ލެބެއް ޤާއިމުކުރެއްވުމެވެ. އެއަށްފަހު ރާއްޖޭގައި މަތީ ތައުލީމަށް ކިޔާވާދިނުމަށް ސައިންސާއި އާޓްސް ކިޔަވާދޭނެ ސްކޫލެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ޑރ މާލިކް ފެއްޓެވިއެވެ. އެއާއި އެކު އަމީނިއްޔާގެ ސައިންސް ލެބް ހުރިތަން އޭރުގެ ސައިންސް އެޑިއުކޭޝަން ސެންޓަރ (އެސްއީސީ) އަށް ބަދަލުކޮށް އެތަނުގައި ކިޔަވާދެން ފެށިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މަތީތަޢުލީމަށް ކިޔަވައިދޭ ކޮލެޖެއް ހައްދަވާ ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޑރ މާލިކް ސީއެޗްސީގެ ޕްރިންސިޕަލްގެ ގޮތުގައި 1979 ފެށިގެން 1981 ގެ ނިޔަލަށް މަސައްކަތްކުރެއްވިއެވެ.
ކޯވިޑް 19ގެ ބަލީގައި ޑރ އިބްރާޙިމް އަބްދުލްމާލިކް އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރުފުޅަކީ 97އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް