އިސްރާފު ކުރުމާއި އަނެކުންގެ މުހުތާދަށް ބެލުމެއްނެތި ކާބޯތަކެތި ރައްކާކުރުމުން ދުރުހެލިވާންޖެހޭ: ޚުތުބާ

މިފަދަ ކާރިސާއެއްގެ ވަގުތުގައި މުޖްމަތައުގެ އާއްމު މަސްލަހަތަށް އިސްކަންދީ، ކެތްތެރިކަމާއި، އެއްބައިވަންތަކަމާއި، މުވާސާތާއި، އީސާރުގެ ސިފަތަކަށް އިސްކަންދޭން ޖެހޭ ކަމާއި އަދި ހަމަ އެހެންމެ ކާބޯތަކެތި...

03 Apr 2020 | 07:49

މިފަދަ ކާރިސާއެއްގެ ވަގުތުގައި މުޖްމަތައުގެ އާއްމު މަސްލަހަތަށް އިސްކަންދީ، ކެތްތެރިކަމާއި، އެއްބައިވަންތަކަމާއި، މުވާސާތާއި، އީސާރުގެ ސިފަތަކަށް އިސްކަންދޭން ޖެހޭ ކަމާއި އަދި ހަމަ އެހެންމެ ކާބޯތަކެތިން އިސްރާފު ކުރުމާއި، އެހެން މީހުންގެ މުހުތާދުތަކަށް ބެލުމެއްނެތި، ތިމާއަށް ބޭނުން ނުވާވަރަށް ކާބޯތަކެތި ގަނެ ރައްކާކުރުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދުމަކޮށްދެއްވައިފިއެވެ.

އަދުގެ ޚުތުބާގައި ބުނެފައިވަނީ އެއްވެސް ކަމެއްގައި ހައްދުފަހަނައަޅާ ދިއުން ދީން ހުއްދަ ނުކުރާކަމަށެވެ. ހޭދަކުރުމުގައިވެސް ކެއިންބުއިމުގައިވެސް އަދި ފޭރާން އެޅުމުގައިވެސް ހައްދުފަހަނައަޅާދިއުން ދީން ހުއްދަ ނުކުރާކަމަށެވެ.

"އިސްރާފަކީ ކޮންމެ ކަމެއްގައިވެސް ހައްދު ފަހަނައަޅައި ދިއުމެވެ. އެއީ ހަމައެކަނި ކެއިންބުއިމާއި ގުޅިފައިވާކަމެއް ނޫނެވެ. އުރެދުންތަކަށް އަރައިގަތުން ގިނަކޮށް ކުފްރުވުމާއަށް ހިނގައްޖެނަމަ، އެއީވެސް އިސްރާފެކެވެ." އަދުގެ ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

ގޮވާމާއި މޭވާފަދަ ތަކެތީގެ އަހުލުވެރިން، އޭގެ ޒަކާތް އަދާނުކޮށް، އެތަކެތި ބޭނުންކުރުމުގައި، އިސްރާފުކުރުމަކީ ﷲ ރުއްސަވާވޮޑިގެންވާ ކަމެއް ނޫން ކަމާއި ފޭރާމާއި، ހިފައި ގެންގުޅޭތަކެތި ހިސާބަށްވުރެ ގިނަކުރުމަކީވެސް އިސްރާފު ކުރުމެއް ކަމުގައިވެސް އަދުގެ ޚުތުބާގައި ހަނދާންކޮށްދިނެވެ.

މިދުވަސްވަރަކީ އެންމެންވެސް ގޭގައި ތިބެންޖެހޭ ދުވަސްތަކަކަށް ވުމުން، ކެއިންބުއިން ގިނަކުރުމުގެ ބަދަލުގައި މިފަދަ ތަދުމަޑުކަމުގެ ވަގުތުގައި، ކެއުންބުއިން މަދުކުރުމަށް ހާއްސަ ސަމާލުކަމއް ދޭން ޖެހޭ ކަމާއި މާގިނައިން ކެއުމަކީ ތަފާތު އެކި ބަލިތަކުގެ ސަބަބެއްކަމުގައި ވީހިނދު، ކެއުން ކޮންޓްރޯލް ކުރުމަށް ކީރިތި ރަސޫލާ ﷺ ދެއްވާފައިވާ އިރުޝާދުގައި ހިފަންޖެހޭކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

"އެކަލޭގެފާނު އިރުޝާދު ދެއްވަނީ ބަނޑު ފުރާނުލުމަށެވެ. އަބަދުވެސް ތިންބައިކުޅަ އެއްބައި ހުހަށް ބެހެއްޓުމަށެވެ. މުސްލިމުން ކައިބޮއި އުޅެން ވާނީ ދިރިހުރުމަށްޓަކައިއެވެ. ކެއުމަށާއި ބުއިމަށްޓަކައި ދިރި ތިބޭ ބަޔަކަށް މުސްލިމުން  ވެގެން ނުވާނެއެވެ. މިފަދަ ދަނޑިވަޅެއްގައި ގޭގައި ތިބޭއިރު، އަނބިދަރީންގެ ހައްގުތަކަށް ރައްކާތެރިވުމަށާއި، އެކަކު އަނެކަކަށް ދަތިކޮށް، ޖެއްސުންކޮށް ނުއުޅުމަށް ހަނދާންކޮށްދެމެވެ." ޚުތުބާގައި ބުނެފައިވެއެވެ.

ﷲ ނަހީކުރެއްވި ކަންކަމާ ދުރުހެލިވެ، އިއްފަތްތެރިވުމަށް ހަނދާންކޮށްދީ، ބޭކާރު ކަންކަމާ ދުރުހެލިވެ، އެކަކު އަނެކަކަށް އަޅާލައި އުޅުމަށް ހަނދާންކޮށްދީ، ފަރުލު ފަސް ނަމާދަށް ރައްކާތެރިވެ ދުއާކޮށް، އިސްތިއުފާރު ކުރުން ގިނަކުރުމަށް ހަނދާކޮށްދީ ގިނަގިނައިން ކީރިތި ގުރުއާން ކިޔެވުމަށް ވަސީއަތް ކޮށް އަދުގެ ހުކުރު ޚުތުބާ ނިންމާލާފައިވަނީ މީ އެކަކު އަނެކަކަށް އެހީތެރިވުމުގެ ވަގުތެވެ. މުއްސަނދިން ދީލަތިކަމުގެ ނަމޫނާ ދައްކަންވީ ވަގުތުކަންވެސް ހަނދާންކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް