ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މިހާރު މިއޮތް ހާލަތު ގޮސް ވާނަމަ މާލެ ސަރަހައްދުގައި ކާފިއު ހިންގާ ވަގުތު އިތުރު ކުރާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް ވިދާޅުވީ އިއްޔެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ދައްކައިދިނީ ނަމޫނާއެއް ކަމަށެވެ. އަދި ފުރަތަމަ ދުވަހު ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ހާލަތު ބަދަލުވެދާނެ ކަމަށް ބަލައި ކާފިއު ހިންގާފައި މިވަނީ މިކަމުގައި ދިމާވާ ދަތިތަކާއި ދަސްކުރަންޖެހޭ ކަންތައްތަކާއި އަދި ފުރިހަމަ ކުރަންޖެހޭ އިންތިޒާމްތައް ބެލުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ކާފިއު ހިންގާ ކުޑަވަގުތުކޮޅުގެ ތެރޭގައި ކަންކަން ކުރާނެ ގޮތް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށެވެ.
އޭރުން އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ އުނދަގޫ ނުވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ފިހާރަތަކާއި ބޭރަށް ނުކުމެ ނޫޅެވޭ ވަގުތު އިތުރު ކުރަމުންފދާއިރު ދުރާލާ ބާޒާރު ކުރުމަށް އިލްތިމާސް ކުރެއްވި އެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ޑެލިވަރީގެ ހިދުމަތް ބޭނުން ކުރުން ކަމަށް ވިދާޅުވި އެވެ.
އިއްޔެ އިން ފެށިގެން މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހަކު ހަވީރު5:00 ން ރޭގަނޑު8:00 އަށް މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި ކާފިއު ހިންގާނެ އެވެ. އެ ގަޑީގައި ބޭރުގައި އުޅޭނަމަ ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެން1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.
ކާފިއު ހިންގާ ގަޑީގެ އިތުރުން މަގުަތީގައި ތިން މީހުންނަށް ވުރެ ގިނައިން އެކުގައި އުޅުން ވަނި ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމަކުން މަނާކޮށްފައި އެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ ނުރައްކާތެރި ކޯވިޑް-19 މުޖުތަމައުއަށް ފެތުރުމުގެ ފުރުސަތު ވީހާވެސް ކުދަކުރުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް