ޖެހުނު ކޮންމެ ޖަނަވާރެއްގެ މަސް ކެއުމަށް މަޝްހޫރު ޗައިނާގައި ކުއްތާ އާއި ބުޅާ ކެއުން މަނާ ކުރަން ޝެންޒެން ސިޓީން ތައްޔާރު ވެއްޖެ އެވެ.
ކޯވިޑް-19 އުފެދިފައިވަނީ ޗައިނާގެ ވޫހާން ސިޓީގެ އެއްގަމު މަސް ވިއްކާ މާރުކޭޓަކުން ކަމަށް އެ ގައުމުގައި ހެދި ދިރާސާއަކުން ދައްކާފައިވެ އެވެ. އެހެންވެ ޗައިނާ ސަރުކާރުން ވަނީ ގުދުރަތީ މާހައުލުގައި އުޅޭ ޖަނަވާރު ކެއުމަށް ބޭނުން ކުރުން ގާނޫނަކުން މަނާކޮށްފައި އެވެ.
އިއްޔެ ޝެންޒެން ސިޓީގެ ސަރުކާރުން ނިންމާފައިވަނީ އަންނަ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޮޅު ކޮށްގެން ގެންގުޅޭ ޖަނަވާރުގެ ގޮތުގައި އެ ގައުމުގައި ބަލާ ކުއްތާ އާއި ބުޅާ ކެއުމަށް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެގައުމުގަިއ ޖަނަވާރު ކެއުން އެއީ އާންމު ކަމަކަށް ވިޔަސް އެކަމާ ދެކޮޅަށް މަސައްކަތް ކުރާ މީހުންވެސް ވަރަށް ގިނަ އެވެ. ހާއްސަކޮށް ބުޅަލާއި ކުއްތާ މެރުމާ ދެކޮޅަށް މުޒާހަރާތައްވެސް ކޮށްފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޗައިނާގައި އަހަރަކު 10 މިލިއަން ކުއްތާ އާއި ހަތަރު މިލިއަން ބުޅާ އެ ތަކެތީގެ މަހުގެ ވިޔަފާރިއަށް މަރާލެވެއެވެ.
ޖަނަވާރު ކެއުން މަނާ ކުރުމަކީ ޗައިނާ ފަދަ ގައުމެއްގެ ސިޓީއެއްގައި ތަންފީޒު ކުރެވޭނެ ކަމެއް ކަމަށް މީހުން ނުދެކެއެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެގައުމުގައި ޖަނަވާރު ކެއުމުގެ އިތުރުން އެއްގަމު ޖަނަވާރުގެ ބައިތައް ބޭސްވެރިކަމަށާއި، ޒީނަތްތެރި ވުމަށާއި، ފޭރާން ތައްޔާރު ކުރުމުގައި ބޭނުން ކުރެއެވެ.
2003 ވަނަ އަހަރު ސާސް ރޯގާ ފެތުރުމާއެކު، ބައެއް ބާވަތުގެ ޖަނަވާރުގެ ބޭނުން ކުރުން ޗައިނާގައި މަނާ ކުރިއެވެ. ނަމަވެސް އެކަން އެކަށީގެންވާ ގޮތެއްގައި ތަންފީޒް ކުރެވިފައެއް ނުވެއެވެ.
ކޯވިޑް-19 ފެތުރެން ފަށާފައިވަނީ ހަރުފަ އާއި ވާލުން ކަމަށް ޗައިނާގެ ބައެއް ސައިންސްވެރިން ބުނެފައިވެ އެވެ. ވާލާ ހަރުފަ މަހަކީ އަކީ ޗައިނާގެ އާންމުންގެ މެދުގައި މަގްބޫލު އެއްޗެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް