ކޯވިޑް-19: ދިވެހިރާއްޖެ އާއި ކޯވިޑް19 - ޝުކުރުވެރިވުން ގިނަ ކުރާށެވެ

ލިޔުނީ: ޝެއިޚް މުޙައްމަދު ސިނާން އެޑިޓް ކުރީ: މުޙައްމަދު ޝާހީން (ޝާންޓޭ) ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ދިވެހިރާއްޖެއަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އަޅާބަލާއިރު ފަންނީ ހުރިހާ ކަމެއްގައ...

02 Apr 2020 | 23:58

ލިޔުނީ: ޝެއިޚް މުޙައްމަދު ސިނާން

އެޑިޓް ކުރީ: މުޙައްމަދު ޝާހީން (ޝާންޓޭ)

ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ދިވެހިރާއްޖެއަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އަޅާބަލާއިރު ފަންނީ ހުރިހާ ކަމެއްގައި ވެސް އެތައް ހާސް ދަރަޖައެއް ފަހަތުގައިވާ ޤައުމެކެވެ. އަސްކަރީ ގޮތުން ބެލިކަމުގައިވިޔަސް، ސިއްޙީ ޚިދުމަތުގެ ގޮތުން ބެލިކަމުގައިވިޔަސް، ޓެކްނޮލޮޖީ (ފަންނިއްޔާތު) ގެ ރޮގުން އަދި އުފެއްދުންތެރިކަމުގެ ގޮތުން ބެލިކަމުގައިވިޔަސް މި ޤައުމު ވަނީ ވަރަށް ފަހަތުގައެވެ. އެހެންނަމަވެސް، މާތް ﷲ މި ކުޑަކުޑަ ޤައުމަށް ދެއްވާފައިވާ އެ ކަލާނގެ ރަޙްމަތާމެދު ނިކަން ވިސްނާލައްވާށެވެ! ފިކުރު ހިންގަވާ ލައްވާށެވެ!

ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ވަރުގަދަ ބިންހެލުންތަކާއި، ތޫފާނުތަކާއި، މޫސުމީ އެކިއެކި ކާރިސާތަކުން ﷲ ގެ ހެޔޮ ރަޙްމަތުން މި ޤައުމު ސަލާމަތްވެގެންވާކަން ތިބާ ވެސް ހެކިވާނެއެވެ. އެފަދަ އެންމެ ހާދިސާއަކީ މި ކުޑަކުޑަ ޤައުމު އެކީ އެކައްޗަކަށް ހަލާކުވެ، ފަނާވެދާނެފަދަ ހާދިސާތަކެކެވެ. މިފަދަ ހާދިސާތަކުން ރައްކާތެރިކަމާއި، ސަލާމަތްތެރިކަން މިދިވެހިރާއްޖެއަށް ލިބިފައިވަނީ ކީއްވެގެންކަން ދެނެވޮޑިގެންވާނީ ހަމައެކަނި ﷲ އެވެ. އަލްޙަމްދުލިއްލާހި!

ވިސްނާ ފިކުރުކޮށްލައްވާށެވެ! މި ދިވެހިރާއްޖެއަކީ ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ހާސް ފަތުރުވެރިންނެއް އައިސް ގޮސް އުޅޭ ޤައުމެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައިވާ އެކިއެކި ބަލިތައް މި ކުޑަކުޑަ ރާއްޖޭގެ ދޮރުން އެތެރެވުމަކީ ނުހަނު ފަސޭހަކަމެކެވެ. ވީއިރު، ބޮޑެތި ވަބާތަކާއި، ބަލިމަޑުކަމުން ދުނިޔޭގައި އެންމެ ރައްކާތެރިކަން ލިބޭނެ ސަރަހައްދުތަކުގެ ލިސްޓްގައި މި ކުޑަކުޑަ ރާއްޖެ ހިމެނުނީ ފަހެ އަޅުގަނޑުމެންގެ ކޮން މޮޅުކަމަކުން ހެއްޔެވެ؟

މިއަދު މުޅި ދުނިޔޭގެ އަމާޒު ހުއްޓިފައި މިވަނީ އެއް ދިމާލަކަށެވެ. ލޮލަށް ވެސް ނުފެންނަވަރުގެ ކުޑަކުޑަ ވައިރަހެއްގެ ސަބަބުން ޞިއްޙީ ގޮތުންނާއި، ފަންނީގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި ބޮޑެތި ޤައުމުތައް އެ ވަނީ ސުންނާފަތިވެފައެވެ. ﷲ އަކްބަރް! އެ ކުޑަކުޑަ ވައިރަހާއި ކުރިމަތިލުމަށް ދުނިޔޭގެ ޞިއްޙީ ނިޒާމުތައް މިއަދާ ޖެހެންދެން ވެސް އެ ވަނީ ފެއިލްވެފައެވެ.

އަޚުންނޭވެ! މި ނުރައްކާތެރި ކޮރޯނާ ވައިރަހުން މުޅި ދުނިޔެ ފުނޑިގެން ދާތަން އަހަރެމެންގެ ލޮލަށް އެބަ ފެނެއެވެ. މި ދައްކަނީ މާ ކުރީ ޒަމާނެއްގައި ހިނގާފައިވާ ކަމެއްގެ ވާހަކައެއް ނޫނެވެ. މި ދައްކަނީ މިހާރު ހިނގަމުންދާ ކަމެއްގެ ވާހަކައެވެ. މިއަދާ ހިސާބަށް ވެސް ރާއްޖެ ސަލާމަތްވެފައި އޮތީ އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކަށްވުރެ ޞިއްޙީ ފެންވަރު ރާއްޖޭގައި ރަނގަޅުވެގެންތޯ؟ ނުވަތަ އެޅުނު ފިޔަވަޅުތައް ވަރުގަދަ ވެގެންތޯ؟ ނޫނެކެވެ. ހަމަ ހިލާ މީގެން އެއްވެސް ކަމެއް ވެގެންނެއް ނޫނެވެ. އެއީ ހަމަ ﷲ ގެ ހެޔޮ ރަޙްމަތުންނެވެ. އަޅުގަނޑުމެން އިންސާނުންނަށް ކުރެވޭނީ މަސައްކަތެވެ. ނިޔާއަކީ ﷲ ނިޔާއެވެ.

އަޚުންނޭވެ! ﷲ ސުބްހާނަހޫ ވަތަޢާލާ އަހަރެމެންނަށް މި ދެއްވާފައިވާ ނިޢުމަތް ގެންދެވުމަކީ އެކަލާނގެއަށް ނުހަނު ފަސޭހަ ކަމެކެވެ. ﷲ އީ ނިޢުމަތް ދެއްވާ އެ ނިޢުމަތް އަނބުރާ ގެންދަވާ އިލާހެވެ. އެކަން ދަނެ، ﷲ ދެއްވަވާފައިވާ ނިޢުމަތްތަކަށް އިޢުތިރާފުވެ، އެ ކަލާނގެއަށް ޝުކުރުކުރުމުގެ މަގަށް އެނބުރި ރުޖޫޢަވާން ވެއްޖެއެވެ. ޔާ ﷲ، އަޅަމެންނަށް ރައްކާތެރިކަން ދެއްވާނދޭވެ!

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް