ކޯވިޑް-19: ވޯލްޑް ބޭންކުން ރާއްޖެއަށް 7.3 މިލިޔަން ޑޮލަރުގެ އަވަސް އެހީ ފޯރުކޮށްދެނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 7.3 މިލިއަން ޑޮލަރުގެ އަގުހުރި '...

02 Apr 2020 | 20:04

ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެ އަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 7.3 މިލިއަން ޑޮލަރުގެ އަގުހުރި 'މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ޕްރިޕެއާޑްނެސް ޕްރޮޖެކްޓް' ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފި އެވެ.

އެ ބޭންކުން ބުނެފައިވާގޮތުގައި މި މަޝްރޫޢުގެ އިތުރުން، ކުރިމަތިވާ ކާރިޘާތަކާއި ކުއްލި ޙާލަތްތަކުގައި މާލީ ގޮތުން އެހީތެރިވުމަށްޓަކައި ދިވެހިރާއްޖެއާ އެކު 2019 ވަނަ އަހަރު ސޮއިކޮށްފައިވާ، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން، 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ވެސް ދިވެހިރާއްޖެ އަށް ވަނީ ހަމަޖައްސައިދެވިފަ އެވެ.

އަވަސް އެހީގެ ގޮތުގައި ދެވޭ 7.3 މިލިއަން ޑޮލަރުގެ ޕެކޭޖުގެ ދަށުން، ކޮވިޑް-19 ބަލި ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ދިނުމަށާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރެވޭ އާލާތްތަކާއި ޞިއްހީ ފަރުވާ ދިނުމަށް ބޭނުންކުރެވޭ ތަކެތި ހޯދުމަށާއި، ބާރުބޮޑުވާ ހާލަތްތަކުގައި ވެސް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދެވޭކަން ކަށަވަރުކުރުމުގައި ހޮސްޕިޓަލްތަކަށް އެހީތެރިވުމާއި، ކޮރޯނާވައިރަސް ދެނެގަތުމަށްޓަކައި މާލެ އާއި އަތޮޅުތަކުގައި ހުރި ލެބޯޓްރީތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި، އަދި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޞިއްހީ ޚިދުމަތްތެރިން ތަމްރީންކުރުމުގައި ދިވެހިރާއްޖެ އަށް އެހީތެރިވެދެވޭނެ އެވެ. މީގެ އިތުރުން، ތޮށްޖެހިފައިވުމުގެ ސަބަބުން ބަލި ފެތުރިގެންދިއުމުގެ ފުރުސަތު އެންމެ ބޮޑު ސަރަޙައްދު ކަމަށްވާ މާލެ އަށް ޚާއްސަ ސަމާލުކަމެއް ދީގެން، ޢާންމު ހޭލުންތެރިކަން އިތުރުކުމާއި، މުޖުތަމަޢުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އަދި މި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތަކަށް މީހުން އަހުލުވެރިކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމުގައިވެސް އެ ބޭންކުން ބުނެއެވެ.

"ކުއްލި ހާލަތުގައި ވާލްޑް ބޭންކުން ފޯރުކޮށްދޭ މި އެހީގެ ސަބަބުން، ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި، ޞިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، އަދި އެންމެހާ ދިވެހިން ސަލާމަތްކޮށް ފަރުވާދިނުމަށް ބޭނުންވާ ޞިއްހީ ފަރުވާގެ ތަކެތި ހޯދުމަށް ދިވެހި ސަރުކާރަށް އެހީތެރިވެދެވޭނެ،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވި އެވެ. "ހަމަ އެއާ އެކު، އިތުރަށް ފޯރުކޮށްދެވޭ 10 މިލިއަން ޑޮލަރަކީ، ޞިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުން އަރައިގަތުމަށް ވެވޭ އެހީއަކަށް ވެގެންދާނެ." ވޯލްޑްބޭންކުން ހާމަކުރެއެވެ.

އެ ބޭންކުން އިތުރަށް ބުނެފައިވާގޮތުގައި މި މަޝްރޫޢު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނީ، ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވެމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް ވާލްޑް ބޭންކް ގްރޫޕުން ކަނޑައަޅާފައިވާ އަވަސް އެހީގެ ފެސިލިޓީގެ ދަށުން، ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިންނެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ވާލްޑް ބޭންކުން ދިވެހިރާއްޖޭގައި މިހާރު ވެސް ކުރިއަށްގެންދާ މަޝްރޫޢުތަކުގައި ޝާމިލްވާ ފަރާތްތަކުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް ހެލްތުންނެވެ.

ކޮވިޑް-19 އާ ދެކޮޅަށް ވާލްޑް ބޭންކް ގްރޫޕުން ދެމުންގެންދާ އެހީތެރިކަން

ކޮވިޑް-19 އާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގަ އާއި، މި ކާރިޘާ އިން އަރައިގަތުމަށް ހޭދަވާ މުއްދަތު ކުޑަ ކުރުމުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމަށްޓަކައި، ވާލްޑް ބޭންކް ގްރޫޕުން ވަނީ 14 ބިލިއަން ޑޮލަރުގެ އަގުހުރި އަވަސް އެހީގެ ޕެކޭޖެއް ތަޢާރަފްކޮށްފަ އެވެ. މި ޕެކޭޖުގެ ދަށުން، މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމާ ގުޅިގެން ޞިއްހީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ޤައުމުތަކަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށްޓަކައި ވަގުތުން ވަގުތަށް ވެދެވޭ އެހީތެރިކަމުގެ ތެރޭގައި، މާލީ އެހީތެރިކަމާއި، ސިޔާސަތުތައް ބައްޓަންކުރުމުގައި ލަފަޔާއި އިރުޝާދާއި، އަދި ފަންނީ އެހީތެރިކަން ހިމެނެ އެވެ. އިންޓަނޭޝަނަލް ފައިންނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ވަނީ މި ބަލިމަޑުކަމުގެ އަސަރުކޮށްފައިވާ އަމިއްލަ ކުންފުނިތަކަށް އެހީތެރިވެދީ، ވަޒީފާތައް ދެމެހެއްޓުމަށްޓަކައި 8 ބިލިއަން ޑޮލަރު ކަނޑައަޅާފަ އެވެ. އިންޓަނޭޝަނަލް ބޭންކް ފޯ ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް (އައިބީއާރުޑީ) އާއި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ވަނީ، ޞިއްހީ ދާއިރާ އަށް އެހީތެރިވުމަށްޓަކައި ފުރަތަމަ ބުރުގައި ޖުމްލަ 6 ބިލިއަން ޑޮލަރު ކަނޑައަޅާފަ އެވެ. ޤައުމުތަކުން މި އަށް ވުރެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ބޭނުންވާތީ، 15 މަސްދުވަހަށް ބެހިގެންދާ ގޮތަށް ވާލްޑް ބޭންކް ގްރޫޕުން 160 ބިލިއަން ޑޮލަރާ ހަމައަށް އެހީތެރިވެދޭނެ އެވެ. މި އެހީގެ ބޭނުމަކީ، ފަޤީރުންނާއި އަޅާލުން ބޭނުންވާ ފަރާތްތައް ރައްކާތެރިކޮށް، ވިޔަފާރިތަކަށް އެހީތެރިވެދީ، އަދި އިޤްތިޞާދު ކޮޅަށް ޖެހުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް