ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތައްކެއް ފެންނާތީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ބައިތިއްބާފައި ތިބި ހަތަރު މީހަކު ދޫކޮށްލާފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އާންމުކޮށް ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދެނީ ބައްޔަށް ޕޮސިޓިވްވާ މީހުންނާއި، ބަލިން ރަނގަޅުވި މީހުންގެ ތެރެއިން14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރާ މީހުންނެވެ. ފަހުން ވަނީ ޕޮސިޓީވް ކޭސްތަކާއި ވަރަށް ބޮޑަށް ގުޅުން ހުރި މީހުން އެ ރަށުގައި އައިސޮލޭޓް ކޮށްފައި އެވެ
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ މިއަދު ހަތަރު މީހުން ދޫކޮށްލީ ކަރަންޓީންގެ 14 ދުވަސް ހަމަކޮށް ދެ ފަހަރު ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ. އޭގެ ކުރިން އެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްވެސް ޓެސްޓުކޮށްފައިވެ އެވެ.
އެކަމަކު އެއީ ކޮން ބައެއްކަން ހާމައެއް ނުކުރައްވައެވެ. އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ މީހުން ގެތެރެއިން އާންމުކޮށްފައިވަނީ ރާއްޖެއިން ދިޔަ ފަހުން ބައްޔަށް ޕޮސިޓިވްކަން ހާމަ ކުރި ބެލްޖިއަމްގެ ފުޓުބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީ އާއި ގުޅުން ހުރެގެން ގެންދިޔަ ދެ މީހުންގެ މައުލޫމާތެވެ. އެ ދެމީހުންވެސް ވަނީ ބައްޔަށް ނެގެޓިވްވެފައި އެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުރާދު ވިދާޅުވީ ރާއްޖެއިން ބޭރުން އައި މީހުންގެ ތެރެއިން ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބައެއް މީހުންގެ ކަރަންޓީން މުއްދަތުވެސް ހަމަވާން ކައިރިވެފައިވާ ކަމަށެވެ. މިހާރު ނިންމާފައިވަނީ ކަރަންޓީން މުއްދަތު ހަމަ ކުރުމުން އެއް ފަހަރު ކޯވިޑް-19 އަށް ޓެސްޓު ކުރާށެވެ.
ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ ޓެސްޓު ކުރާނީ ކަރަންޓީންގެ މުއްދަތު ކަމަށްވާ14 ދުވަސް ހަމަވުމުން15 ވަނަ ދުވަހު ކަމަށެވެ. އަދި އެމީހަކު ކަރަންޓީނުން ދޫކޮށްލެވޭނީ ނަތީޖާ ލިބުމުން ކަމަށާއި އެއްފަހަރާ ގިނަ މީހުން ޓެސްޓު ކުރާނަމަ ނަތީޖާ ލިބެން އިތުރު ދެ ދުވަސް ނަގާފާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް