އެންމެ ކުޑަ އުޖޫރައަކަށް 10،000 ރުފިޔާ ކަނޑައަޅައި، މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ. އެގޮތުން އެމްޓީސީސީން ވަނީ އެކި ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރާނެ 254 ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލާފައެވެ. މާދަމާ އިން ފެށިގެން މި ވަޒީފާތަކުގެ ވޯކް-އިން އިންޓަވިއު ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އިންޓަވިއު އޮންނާނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގައެވެ.
ދިވެހި މުވައްޒަފުންގެ ޙިއްސާ މިހާރުވެސް ބޮޑު އެމްޓީސީސީން ބުނަނީ، އެކުންފުނީގެ އަމާޒަކީ ކުންފުނީގެ މަސައްކަތުގައި ދިވެހިންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުން ކަމަށެވެ. އެމްޓީސީސީގައި ވަޒީފާ އަދާކުރާ 2183 މުއައްޒަފުން އެބަތިއްބެވެ.
މިވަގުތުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި50 މަޝްރޫޢުއެއް އެބަ ހިނގާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި21 މަޝްރޫޢުއެއް ފެށިގެން ދާނެ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވިއެވެ.
މިއަދު ހުޅުވާލި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި ހެވީ ވެހިކަލް އޮޕަރޭޝަންް، ވެލްޑިން، ކާޕެންޓްރީ، މޭސަން، މެކޭނިކް އަދި އިންޖިނިއަރިންގެ ދާއިރާގެ ފުރުސަތުތައް ހިމެނެއެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ ވީހާވެސް ގިނަ ދިވެހިން މި ވަޒީފާތަކަށް ކުރިމަތިލުން،" އެމްޑީ އާޒިމް ވިދާޅުވިއެވެ.
މާދަމާ އިން ފެށިގން މާޗު 11 ވަނަ ދުވަހާއި ހަމައަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 14:00 އިން 17:00 އަށް އިންޓަވިއު އޮންނާނެއެވެ. އިންޓަވިއު އަށް ހާޒިރުވާ މީހުންގެ ތެރެއިން ގާބިލް މީހުންނަށް ވަޒީފާ ހަމަޖެހޭނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް