ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝް އެއާފޯސް މެޑިކަލް ޓީމެއް ރާއްޖެ އަތުވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން "ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ އެއަރފޯސްގެ މެޑިކަލް ޓީމެއް މިއަދު ހަވީރު ރާއްޖެ އަތުވެއްޖެއެވެ. ފޮރިން މިނިސްޓްރީ...

03 Mar 2021 | 12:41

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން "ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިވުމަށް ބަންގްލަދޭޝްގެ އެއަރފޯސްގެ މެޑިކަލް ޓީމެއް މިއަދު ހަވީރު ރާއްޖެ އަތުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި ސިއްހީ މާހިރުން އިތުރަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ބަންގްލަދޭޝްއިން ރާއްޖެއަށް މިފަދަ ޓީމެއް ފޮނުއްވިކަމީ ދިވެހި ސަރުކާރާއި ރައްޔިތުންނަށް ބަންގްލަދޭޝްއިން މެދުކެނޑުމެއްނެތި ވެދެމުންދާ އެހީތެރިކަމުގެ މިސާލެކެވެ.

10 ނަރުހުންނާއި، 7 މެޑިކަލް އެސިސްޓެންޓުން އަދި އެނެސްތިޒިއޮލޮޖިސްޓެއް ހިމެނޭ މި ޓީމް، ހެލްތު މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން މަސައްކަތްކުރައްވާނީ މާލޭގައި ހިންގާ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ އިތުރުން ގދ ތިނަދޫ، ލ ގަން، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ހިންގަމުންދާ ވެކްސިން ޕްރޮގްރާމްތަކުގައި ކަމަށާއި  މި ޓީމް ދެ މަސް ދުވަހު ރާއްޖޭގައި ތިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

"ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގެ ދަށުން ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭހެން އެންމެންނަށް، ހަމަހަމަ ފުރުޞަތުތަކެއްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން، މި ކަމުގައި ޤަވާޢިދާ އެއްގޮތަށް އުޅޭ އަދި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑުތަނުން ވަނީ ހަރުދަނާކުރެވިފައެވެ. ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު އޭ. ކޭ. މޮމެންގެ ދައުވަތަކަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ފެބްރުއަރީ މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެކު ގޮތްގޮތުން ލިބެމުންދާ އެހީތެރިކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި، ޚާރިޖީ ވަޒީރުން ޑރ އޭ. ކޭ މޮމެންގެ އިތުރުން ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނާއި އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ޚާއްސަ ޝުކުރު އަދާކުރެއެވެ.

ބަންގްލަދޭޝްގެ މެޑިކަލް ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު ޑރ ޝާހު މާހިރުގެ އިތުރުން ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރެއަރ އެޑްމިރަލް (ރޓ) ނަޒްމުލް ޙަސަން އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލެފްޓިނަންޓް ކާނަލް ހުސައިން ފައިރޫޝް އަދި ލެފްޓިނަންޓް ކާނަލް ހަސަން ބުޝްރީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް