އަންނަ މެއި/ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އޯލެވެލް އިމްތިހާނު ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް އޮންނާނެ ކަމަށް އެޑިއުކޭޝަން މިިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ކޯވިޑްގެ ހަލަތާއި ހާއްސަކޮށް މާލޭގެ ހާލަތު އިތުރަށް ގޯސްވަމުންދާ މި ދުވަސް ވަރު އޯލެވެލް އިމްތިހާނު ފަސް ވެދާނެ ކަމަށް ބުނެ ގިނަ ފަރާތްތަކުން ދަނީ ކަނބޮޑުވުން ފާޅު ކުރަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލުތައް ހުޅުވައި، ކިޔަވައިދޭ ތަންތަނުގައި އިމްތިހާނު ބާއްވާނެ ކަމަށް ކެމްބްރިޖް އިން އަންގާފައިވާ ކަމަށެވެ. އެހެންވެ ރާއްޖޭގައި އެ އިމްތިހާނު ބާއްވަން އެއްވެސް ހުރަހެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި އާންމުކޮށް އޯލެވެލް އިމްތިހާނު ހަދަނީ އޮކްޓޯބަރު/ ނޮވެމްބަރު މަހުއެވެ. އެކަމަކު ކޯވިޑް-19ގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުގެ ބޮޑު ބައެއްގައި ކިޔެވުން ކުރިއަށް ގެންދެވިފައި ނުވާތީ، ދިރާސީ އަހަރު ދަންމާލާ އޯލެވެލް އިމްތިހާނު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
މިދިޔަ އަހަރު އޭޕްރިލް މަހުގެ ތެރޭގައި ފުރަތަމަ އޯލެވެލް އިމްތިހާނު ފަސް ކުރީ މުއްދަތެއް ނެތް ގޮތަށެވެ. އެކަމަކު ފަހުން ސްކޫލްތަކާއި މަޝްވަރާ ކުރުމަށް ފަހު މިއަހަރުގެ މެއި/ ޖޫންގައި އިމްތިހާނު ބާއްވަން މިނިސްޓްރީން ނިންމި އެވެ.
އޯ ލެވެލް އިމްތިހާނު ބާއްވާނެ ރަނގަޅު މާހައުލެއް ނެތުމުން ބައެއް ގައުމުތަކުގައި ދަރިވަރުންގެ ފެންވަރު ބަލަމުން އަންނަނީ މޮކް ފެންވަރުގެ އިމްތިހާނެއް ދީގެން ޓީޗަރުންނެވެ. ރާއްޖޭގައި އޯ ލެވެލް ހަދާ ހުރިހާ ސްކޫލެއްގައި އޭގެ މޮކް އިމްތިހާން މިހާރު ވަނީ ފަށައިފަ އެވެ.
މާލޭގަ ކޯވިޑްގެ ހާލަތު ގޯސްވެ މިހާރުވެސް ސްކޫލްތަކަށް ހާޒިރުކޮށްގެން ކިޔަވައިދެމުން ދަނީ ގްރޭޑް 9-12 ގެ ދަރިވަރުންނަށެވެ. އޭގެ ދަށުގެ ގްރޭޑްތަކަށް ކިޔަވައިދެނީ އޮންލައިން ކޮށާއި ޓެލިކިލާސް މެދުވެރިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް