ކޯވިޑާއި ގުޅިގެން ހުޅުމީދޫގައި އިތުރު ހަތް ދުވަހު ކާފިއު ހިންގަނީ

އައްޑޫ ސިޓީ ހުޅުމީދޫގައި ކާފިއު ހިންގާ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭ މުއްދަތު އިތުރުކޮށްފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ...

03 Mar 2021 | 11:53

އައްޑޫ ސިޓީ ހުޅުމީދޫގައި ކާފިއު ހިންގާ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭ މުއްދަތު އިތުރުކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ހުޅުމީދޫގައި އަޅާފައިވާ ފިޔަވަޅުތައް ހަތް ދުވަހުގެ މުއްދަތަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. މި ފިޔަވަޅު އަޅާފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެންގުމުގައި ބުނެފައިވަނީ ކޮންމެ ރެއަކު 8:00 ން ފަތިހު 4:00 އަށް ހުޅުމީދޫގައި ކާފިއު ހިންގާނެ ކަމަށެވެ. މި ވަގުތުތަކުގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި އާންމު ތަންތަނުގައި މީހުން ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ހުޅުމީދޫގައި ކައިވެހި ހަފްލާތަކާއި ޕާޓީތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާ ވާނެ އެވެ. އަދި އާންމު ތަންތަނުގައި ތިން މީހުންނަށްވުރެ ގިނަ މީހުން އެއްކޮށް އުޅުމަކީ މަނާ ކަމެކެވެ.

ހުޅުމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުން މަނާކޮށްފައިވާއިރު ސިއްހީ ފަރުވާ އާއި ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނޫނީ ނުކުމެ ނޫޅުމަށް އަންގާފައިވެ އެވެ.

އެޗްޕީއޭގެ އެންގުމާއި އެކު ހުޅުމީދޫ ސެލޫންތަކާއި ބޯކޮށާ ތަންތަނާއި ޖިމްތައް ބަންދުކޮށް ކުޅިވަރު ހަރާކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން އިތުރު ހަތް ދުވަހަށް މަނާ ވާނެ އެވެ.

ކެފޭ ރެސްޓޯރެންޓުތަކުގައި ހިދުމަތް ދިނުން ހުއްޓާލައި ހަމައެކަނި ޑެލިވެރީގެ ހިދުމަތް އެތަންތަނުން ދިނުމަށް އަންގާފައިވެ އެވެ. ހުޅުމީދޫގައި ކާފިއު ހިންގާތާ މިހާރު ތިން ހަފްތާ ވެއްޖެ އެވެ.

އެ ރަށުގައި ދެ ކްލަސްޓާއެއް އުޅޭއިރު އެ ކްލަސްޓާތަކުން ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 40 އަށްވުރެ އިތުރުވެފަ އެވެ. އެކަމަކު އޭގެ ތެރެއިން އެމްޓީސީސީ ކްލަސްޓާއިން ޕޮސިޓިވްވި ގިނަ ބިދޭސީން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކަށް އެޗްޕީއޭގެ އެންގުމުގައި ވަނީ އަންގާފައި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކާފިއު ހިންގުން ހުއްޓާލާފައި އޮތަސް އަދިވެސް ސިޓީ އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް