އަލީ ވަހީދަށް ކޮށްފަވަނީ ސިޔާސީ ދައުވާތަކެއް: މެމްބަރު ޒަރީރު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެ އޭނާގެ ދިފާއުގަ މަތިވެރި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒަރީރު ވާހަކަ ދައްކަވައިފި އެވެ. މިނިސްޓ...

03 Mar 2021 | 11:02

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއް ކަމަށް ވިދާޅުވެ އޭނާގެ ދިފާއުގަ މަތިވެރި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒަރީރު ވާހަކަ ދައްކަވައިފި އެވެ.

މިނިސްޓަރަކަށް ހުންނެވި އިރު އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަލީ ވަހީދާއި ދެކޮޅަށް މި މައްސަލައިގަ ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ.

އަލީ ވަހީދުގެ ޝރީއަތް ފަށާަފައި ވަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ފުރި މައްސަލައިގަ މިއަދު ބޭއްވި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޒަރީރު ވިދާޅުވީ އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ މައްސަލަތަކަށް ބަލާއިރު ފެންނަނީ އެއީ ސިޔާސީ ގޮތުން ކުރެވިފައިވާ ދައުވާތަކެއްގެ ގޮތުގަ ކަމަށެވެ. އަލީ ވަހީދަށް ކޮށްފައިވާ ދައުވާތައް ތަފްސީލް ކޮށްދެއްވަމުން ޒަރީރު ވިދާޅުވީ އަތް ލާން އުޅުނުކަމާ، އުޅެފާނެކަމާއި ފަހަތުން ދުއްވައިގެންކަމާއި ދުއްވައިގަނެފާނެ ކަމަށްޓަކައި ވެސް ދައުވާ ކޮށްފައިވާ ކަމަށެވެ.

ޒަރީރު ވިދާޅުވީ ބައެއްފަހަރު މިފަދަ މައްސަލަތައް ހުށަހަޅުމުގައި ރާވައިގެން މީހަކަށް ލަނޑު ދިނުމަށް ކަންކަން ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ކޮމިޓީން އެ މައްސަލާގައި ގޮތެއް ނިންމަން ޖެހޭނީ އެކަންކަން ރަނގަޅަށް ބެލުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ދައުވަތަކުގެ ތެރޭގައި ޖިންސީ އަނިޔާ ކުރުން، ރޭޕް ކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުން ހިމެނެ އެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނު ކަމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުން އަދި ޖިންސީ ގޯނާ ކުރަން އުޅުން ހިމެނެ އެވެ.

މައްސަލައިގެ ޝަރީއަތް ފަށާފައި ވަނިކޮށް ކޯޓު މެދުވެރިކޮށް ޕާސްޕޯޓު ހޯދައިގެން އަލީ ވަހީދު ފުރާވަޑައިގަތީ ރާއްޖެއިން ފަރުވާ ހޯދެން ނެތް ބައްޔަކަށް ފަރުވާ ހޯދާށެވެ. ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް