ލަންކާގައި ކޯވިޑްގަ މަރުވާ މީހުން ވަޅުލާން ނިންމި ތަނާއި މެދު ހިތްހަމަ ނުޖެހުން

އަވައްޓެރި ސްރީލަންކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލާން ހަމަޖެއްސި ތަނާއި މެދު ހިތްހަމަ ނުުޖެހުން ފާޅު ކުރަން ފަށައިފި އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ލަންކާއަށް ކުރެއްވި ދަތުރ...

03 Mar 2021 | 10:21

އަވައްޓެރި ސްރީލަންކާގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލާން ހަމަޖެއްސި ތަނާއި މެދު ހިތްހަމަ ނުުޖެހުން ފާޅު ކުރަން ފަށައިފި އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކަށް ފަހު ލަންކާއިން ވަނީ ކޯވިޑްގައި މަރުވާ މީހުން ވަޅުލުމުގެ ހުއްދަ ދީފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ގޮތް ދޫކޮށް ލަންކާއިން އެ ހުއްދަ ދިނީ އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން އެ ގައުމާއި ދެކޮޅަށް ފިޔަވަޅެއް އަޅާފާނެތީ ބިރުންނެވެ.

ޕާކިސްތާނުން ވަނީ ކޯވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމަށް ލަންކާއިން ނިންމައިފި ނަމަ އެ ގައުމުގެ ދިފާއުގަ އެ ކައުންސިލްގައި ތެދުވާނެ ކަމަށް ބުނެފަ އެވެ.

ލަންކާ ސަރުކާރުން ނިންމީ ކޯވިޑް ޖެހިގެން މަރުވާ މީހުން ވެރިރަށް ކޮލަމްބޯއާ 300 ކިލޯމީޓަރު (186 މޭލު) ދުރުގައި އޮންނަ ރަށެއްކަމަށްވާ އިރަނައިތީވުގައި ވަޅުލާށެވެ. އެ ރަށް ކަނޑައެޅީ އެއީ އާބާދީ ކުޑަ ރަށަކަށް ވާތީ އެވެ.

އެ ރަށުގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލަން ހާއްސަ ބިމެއް ވަނީ ކަނޑައަޅާފަަ އެވެ.

ލަންކާ ސަރުކާރުން މީހުން ވަޅުލާން ކަނޑައެޅި ތަނާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އެ ގައުމުގެ މުސްލިމް ކައުންސިލް ބުނީ ވަކި ތަނެއްގައި މީހުން ވަޅުލާން ނިންމުމަކީ ނަސްލީ ތަފާތު ކުރުން ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން އިރަނައިތީވުގައި ދިރިއުޅޭ މުސްލިމުންނާއި ޓަމިލް ދަރިކޮޅުގެ މީހުންގެ ދެމެދުގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް ބުނެ އެވެ.

ބުދިސްޓް މެޖޯރިޓީ އޮންނަ ލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މީހުން ވަޅު ނުލާން ނިންމީ އެ ދީނުގެ ހާމުދުރުން އެކަމާއި ދެކޮޅު ހަދާތީ ސަރުކާރަށް ނުކެރިގެންނެވެ. ބުދިސްޓު ހާމުދުރުން ގަބޫލު ކުރާ ގޮތުގައި ކޯވިޑްގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ފަށަލަ ހަލާކުވެ ފަސްގަނޑުތެރެއިން ޖަރާސީމު ދައުރުވެ ދިރިތިބި މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ.

މި ވޭތުވެ ދިޔަ ތަނުގައި ކޯވިޑް ޖެހުނު މުސްލިމުން ލަންކާގައި ވަނީ އަންދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް