ތިބާގެ އަގު ހިފެހެއްޓުމަށް އަނެކާ ބަދުނާމުކޮށް ނިކަމެތިކޮށް ނުލާށެވެ.

އިންސާނާގެ އަބުރާއި ޢިއްޒަތާއި ކަރާމާތަކީ އަގުބޮޑު އެއްޗެކެވެ. ރުފިޔާ ފައިސާ ކިތަންމެ ވަރަކަށް ދިނަސް ނުގަނެވޭނެހާ އަގުބޮޑު އެއްޗެކެވެ. ކަން މިހެން ހުރިއިރު، އެއްވެސް މީހަކީ އެމީހެއްގެ އަބުރާއި ޢިއްޒަ...

03 Mar 2021 | 09:54

އިންސާނާގެ އަބުރާއި ޢިއްޒަތާއި ކަރާމާތަކީ އަގުބޮޑު އެއްޗެކެވެ. ރުފިޔާ ފައިސާ ކިތަންމެ ވަރަކަށް ދިނަސް ނުގަނެވޭނެހާ އަގުބޮޑު އެއްޗެކެވެ. ކަން މިހެން ހުރިއިރު، އެއްވެސް މީހަކީ އެމީހެއްގެ އަބުރާއި ޢިއްޒަތާއި ކަރާމާތް ވެއްޔާއި މޮޑެވިގެން ދާން ބޭނުންވާނެ މީހެއް ނޫނެވެ. އެހެން ކަމުން ވިސްނާލަން ޖެހޭ ހަގީގަތަކީ ކޮންމެ މީހަކުވެސް އެމީހެއްގެ އަބުރާއި ޢިއްޒަތާއި ކަރާމާތްދެކެ އިންތިހާއަށް ލޯބިވާނެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކަން އޮތީ މިހެންނެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ މި ސައްތައިން ސައްތަ އިސްލާމީ މުޖުއަމަޢުގައި ކަން ހިނގަމުން ދަނީ މިދެންނެވި ފަދައަކުން ނޫނެވެ. ފެންނަނީ ތިބާ ހިންހަމަ ނުޖެހޭ މީހެއްނަމަ ކޮންމެ ގޮތަކުންވެސް އެމީހެއްގެ ދުވަސް ދުއްވާލަން މަސައްކަތް ކުރާތެނެވެ. ތިމާގެ އަބުރާއި ޢިއްޒަތާއި ކަރާމާތަށް ލޯބި ނުކުރާއިރު އެހެން މީހުންގެ އަބުރާއި ކަރާމާތާ އަބުރައްވެސް އެއްވެސް ރަޙުމަތް ހަމްދަރުދީއެއް ނެތި އަރައިގަނެ އަނެކާ ނިކަމެތި ކޮށްލާތަނެވެ.

އެފަދަ މީހުންނަކީ ތިމާގެ އަމިއްލަ ޢިއްޒަތާއި ގަދަރާއި ކަރާމާތް މަތިކުރުމަށް ކޮންމެ ފަދަކަމެއްވެސް ކޮށްފާނެ ބައެކެވެ. ދަންނާށެވެ.! އަނެކާއަކީވެސް ތިބާފަދައިން ﷲ ޚަލްޤު ކުރައްވަވާފައިވާ އިންސާނެކެވެ. ތިބާގެ އަބުރާއި ޢިއްޒަރް ރައްކާތެރިކުރާ ފަދައިން އަނެކާވެސް ހަމަ އެގޮތް ބޭނުންވާނެއެވެ.

މި ފަހަކަށް އައިސް މިފަދަ މީހުންގެ ރަޙުމު ކުޑަ ޢަމަލުތައް އެންމެ ގިނައިން ފެންނަމުން ދަނީ ސޯޝަލް މީޑިއާގައެވެ. ފޭސްބުކް، ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުގައެވެ.

ސޯޝަލް މީޑިއާގައި އަނެކާގެ އަބުރު ކަތިލުމަށް މީހެއްގެ ނުބައި ދޮގު މައުލޫމާތެއް ނުވަތަ ފޮޓޯއެއް އާއްމުކޮށްލަފާނެ އެވެ. އެއީ މިވެނި ކަހަލަ އެވެނިގޮތަކަށް އުޅޭ މީހެކޭ ބުނެއެވެ. އެއީ ތެދެއްތޯ، ދޮގެއްތޯ ވެސް ބަލާލުމެއް ނެތި ދެން ތިބި މީހުން އަނެކާ ނިކަމެތިކޮށްލުމަށްޓަކައި އެ ފޯޓޯ ނުވަތަ އެ ޕޯސްޓު ޝެއާކޮށްފާނެ އެވެ. އެއްވެސް ހަގީގަތެއް ބެލުމެއް ނެތި ކޮމެންޓްތައްކޮށް ބަދުނާމު ކޮށްފާނެއެވެ. މިއީ އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށް އާއްމުވެއްޖެ ބޮޑު މައްސަލައެކެވެ. ބައެއް މީހުން އެފަދަ ވިޔާނުދާ ކަންކަން ކުރުމަށް ހާއްސަ ޕޭޖްތައް ސޯޝަލް މީޑިއާގައި އެބަ ހިންގަ އެވެ. އޭގެ ސަބަބުން ކުށެއް ނެތް މައުސޫމު އެތައް ދިވެހިންނެއްގެ އަބުރު ކަތިލެވި ހިތާމަވެރި އެތައް ހާދިސާއެއް ހިނގަން މެދުވެރިއެވެ.

މިފަދަ ޕޭޖުތަކުގައާއި އެހެނިހެން ގޮތްގޮތުން ފަތުރާ ދޮގު މައުލޫމާތުތަކުގެ ސަބަބުން އަނެކާ ފޫހިކޮށްލާ ނާއުންމީދުގެ ތެރެއަށް ވެއްޓިދެއެވެ. އަނެކާގެ އަގުވެއްޓި އެހެން މީހުންނާ ކުރިމަތިލުމުގެ ހިތްވަރު ގެއްލިދެއެވެ.  ބޭރުތެރެއަށް ނުކުމެ ނޫޅެވޭ ހިސާބަށް އަނެކާގެ ލަދުވެތިކަން ބޮޑުވެ މާޔޫސްވެއެވެ.

އެފަދަ ކަންކަމުގެ ސަބަބުން ކަމާ ނުގުޅޭ މީހުންނަށް އޭގެ އަސަރުކޮށް ރާއްޖޭގައި ވެސް އާއިލާތައް ރޫޅޭ ހިސާބަށް ގޮސްފައިއެބަހުއްޓެވެ. ދޮގު ތެދަކަށް ބަދަލުކޮށްގެން ފަތުރަށް ސިކުންތުކޮޅެއްވެސް ނުނަގައެވެ. ބެލެނިވެރިންނަށް ދިމާވާ އެކިއެކި އެފަދަ ފުރައްސާރައިގެ ސަބަބުން އެމީހުންގެ ދަރިންނަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ.

މިފަދަ ކަންކަން ހައްލުކުރުމައް ގިނަ މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ. އެންމެންގެ އެއްބައެއް ވަންތަކާއި އެކު މިފަދަ ކަންކަން މުޖުތަމަޢުން ފޮހެލާ ނައްތާލަން މަސައްކަތް އެބަ ކުރަން ޖެހެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ކަންކަން ހުއްޓުވަން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގައުމުގެ އިސް ފަރާތްތަކާއި މަގުބޫލު ފަރާތްތަކުން ނަމޫނާ ދެއްކުމެވެ. އަދި ގޭތެރޭގަޔާއި ސްކޫލް ތައުލީމުގެ ތެރެއިން އެކަކު އަނެކަކަށް އިހުތިރާމު ކުރުމުގެ މާތް ރިވެތި ސިފަ އަށަގަންނުވުމެވެ.

ސޯޝަލް މީޑިއާގައާއި އެހެނިހެން ގޮތްގޮތުން މީހުން ބަދުނާމު ކުރުމާއި ސާބިތުނުހިފޭ ތުހުމަތުތަކުން މީހުންގެ އަބުރު ނަގާލުން މި އޮތީ އާންމުވެފަ އެވެ. މިއީ ފިޔަވަޅު އަޅައި ހުއްޓުވަން ޖެހިފައިވާ ނުރައްކާތެރިކަން ބޮޑު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް