ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ރަސްމީކޮށް އިދިކޮޅު ޕީޕީއެމްގެ ކެމްޕެއިން އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.
މިފަހަރުގެ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީން ކެންޑިޑޭޓުން ނެރެނީ އެއްކޮށެވެ. ޕީޕީއެމްއިން މިއަދު ބުނީ ރަސްމީކޮށް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުން އޮންނާނީ މިމަހުގެ ހައެއް ވާ ހޮނިހިރު ދުވަހު ރޭ 9:00 ގައި ކަމަށެވެ.
ބެލެވޭ ގޮތުގައި ކެމްޕެއިން ފެށުން ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ. ޕީޕީއެމް އިން އިންތިހާބުގައި ބޭނުން ކުރަމުންދަނީ ޝިއާރަކީ "މިއީ މަގޭ ރާއްޖެ، މަގޭ ވޯޓު ރުކަށް" އެވެ.
ޕީޕީއެމްއިން ވަނީ މި އިންތިހާބުގައި ސަރުކާރު ހިންގާ މައިި ޕާޓީ އެމްޑީޕީ ބަލި ކުރާނެ ކަމަށް ބުނެފައި އެވެ. އެގޮތުން އެންމެ ގިނަ ވެގެން އެމްޑީޕީއަށް ލިބޭނީ 42-45 ޕަސެންޓު ވޯޓުކަމަށް ޕީޕީއެމްއިން ބުނެފައިވެ އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިން "ރަށްވެހި ފަތިސް" ގެ ނަމުގައި ވެރިކަން ކުރާ އެމްޑީޕީން ވަނީ ރަސްމީކޮށް ފަށާފަ އެވެ. އަދި އޮންލައިންކޮށް ކޮންމެ ރެއަކު ދަނީ ކެމްޕެއިން ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ.
މިފަހަރުގެ އިންތިހާބުގައި ވާދަ ކުރަނީ ޖުމްލަ 3،934 ކެންޑިޑޭޓުންނެވެ. އެއީ ކައުންސިލްތަކަށް 2،264 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކަށް 1،670 ކެންޑިޑޭޓުންނެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވ 2،72،480 މީހުން އެބަތިއްބެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް