ރާއްޖޭގައި މެއި/ ޖޫންގައި އޭލެވެލް އިމްތިހާނު އޮންނާނެ

އަންނަ މެއި/ ޖޫން ގައި ރާއްޖޭގައި އޭލެވެލް އިމްތިހާން އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ރާއްޖޭގެ ސްކޫލްތަކު...

03 Mar 2021 | 06:47

އަންނަ މެއި/ ޖޫން ގައި ރާއްޖޭގައި އޭލެވެލް އިމްތިހާން އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ރާއްޖޭގެ ސްކޫލްތަކުގައި އިމްތިހާނު އޮންނާނީ ކުރީ އިންތިހާނު ތަކެކޭ އެއްގޮތަށް ސްކޫލްތަކަށް ސުވާލު ކަރުދާސް ފޮނުވައިގެން ކަމަށެވެ. އަދި ސުވާލު ކަރުދާސް މާކު ކުރާނީ އެޑެކްސެލްއަށް ފޮނުވައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އެކޭ އެއްގޮތަށް ސްކޫލްތަކުގައި ކިޔަވައިދެމުންދާ ގައުމުތަކުގައި މެއި/ ޖޫންގެ އޭލެވެލް އިމްތިހާނު ބޭއްވުމަށް އެޑެކްސެލްއިން އިން ވަނީ ނިންމާފައި އެވެ.

މި ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް އެގްޒަމިނޭޝަން ހިންގެވުމާ ހަވާލުވެހުންނެވި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިހުސާން ވިދާޅުވީ ހުރިހާ ގައުމެއްގައި އިމްތިހާނު ބޭއްވުން ކެންސަލް ކުރުމުން ސްކޫލްތަކުގައި ކިޔަވައިދޭ ގައުމުތަކުގައި އިމްތިހާން ބާއްވައި ދިނުމަށް އެޑެކްސެލްއިން އެއްބަސްވީ އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އޭނާ ވިދާޅުވީ އެކަން އެޑެކްސެލްއިންވެސް ފާހަގަ ކުރި ކަމަށެވެ.

އޭނާ ވިދާޅުވީ އިމްތިހާނު ބާއްވައި ދިނުމަށް އެދި މަޝްވަރާކުރަން ނިންމީ ވެސް، އެ ކަހަލަ ބޮޑު އިމްތިހާނެއް ރާއްޖޭގެ ޓީޗަރުން އެސެސްކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރައްވާތީ އެވެ. އިމްތިހާނު ކެންސަލް ކުރިނަމަވެސް އެޑެކްސެލްއިން ނިންމާފައި އޮތީ ދަރިވަރުންގެ އެސެސްމަންޓް ކޮންމެ ވެސް ގޮތަކަށް ކުރިއަށްގެެންދާށެވެ.

އިހުސާން ވިދާޅުވީ މެއި/ ޖޫންގެ އިމްތިހާނަށް ފަހު ނަތީޖާ އަންނަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ލިބޭނެ ކަމަށެވެ. އަދި މިފަހަރުގެ އިމްތިހާންގެ ޓެސްޓު ޕޭޕަރު މާކު ކުރުމުގައި ގައުމުތަކުގަ ކިޔަވައިދިނުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބަލައި ލުއި ދޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

އިމްތިހާނު ބާއްވަން ނިންމުމާއެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ ހަފުތާގެ ބުރާސްފަތީގެ ކުރިން ފޯމު ހުށަހަޅަން އެދިފަ އެވެ. އޭރުން، ރާއްޖެއަށް އިމްތިހާން ކަރުދާސްތައް ގެނެސް ސްކޫލުތަކަށް ފޮނުވުމަށް މުއްދަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ

މެއި/ ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާނު ކެންސަލް ކުރީ އިނގިރޭސިވިލާތުގެ ލޮކްޑައުންއާއި ގުޅިގެން މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ.

އިމްތިހާން ކެންސަލް ކުރިކަން އެޑެކްސެލްއިން އެންގި ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންނާއި ސްކޫލްތަކުން ވަމުންދާ ތައްޔާރީތައް ހުއްޓާ ނުލައި ކުރިޔަށް ގެންދިއުމަށް އޭރުވެސް އަންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް