ބާޣީ ލުތުފީ ފިލިކަމަށް އެއްބަސްވެއްޖެ، އެދުނީ ވީހާވެސް ކުޑަ ހުކުމަކަށް!

ނޮވެމްބަރު ތިނެއް1988 ގެ އުދުވާނީ ހަމަލާ ރޭވުމުގެ މޭސްތެރިކަމަށްވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާޣީ ލުތުފީ) ޖަލު ބަންދުގައި ހުއްޓަ ބޭސް ފަރުވާއަށް ފޮނުވުމުން ފިލި ކަމަށް ޝަރީއަތުގައި އެއްބަސްވެއްޖެ އެ...

03 Mar 2021 | 06:03

ނޮވެމްބަރު ތިނެއް1988 ގެ އުދުވާނީ ހަމަލާ ރޭވުމުގެ މޭސްތެރިކަމަށްވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ބާޣީ ލުތުފީ) ޖަލު ބަންދުގައި ހުއްޓަ ބޭސް ފަރުވާއަށް ފޮނުވުމުން ފިލި ކަމަށް ޝަރީއަތުގައި އެއްބަސްވެއްޖެ އެވެ.

އެ މައްސަލައިގެ ޝަރީއަތް އޮތީ ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 9:00 ގައި އެވެ. ޖަލު ބަންދުގައި ހުއްޓަ ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގަ ދައުލަތުން އޭނާއާ ދެކޮޅަށް އުފުލާފައިވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ އެވެ.

މިއަދު ޝަރީއަތުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެ ވީހާވެސް އަވަހަކަށް ހުކުމް ކޮށްދިނުމަށް އެދިފައި އެވެ. އަދި ބާޣީ ލުތުފީ ބުނީ ވީހާވެސް ކުޑަ ހުކުމެއް އަދަބެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.

ބާޣީ ލުތުފީ ފިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި2010 ވަނަ އަހަރު އިންޑިއާއަށް ފޮނުވުމުންނެވެ. އޭނާ ވަނީ ސްރީލަންކާއަށް ގޮސް އެ ގައުމުގައި ފިލައިގެން ވަރަށް މިނިވަން ކަމާއި އެކު 2019 ވަނަ އަހަރާއި ހަމައަށް އުޅެފައި އެވެ.

2019 ވަނަ އަހަރު އޭނާ އަމިއްލައަށް ލަންކާގައި ހުންނަ އެމްބަސީއަށް ދިޔައީ ލަންކާގައި ހިންގި ބޮންގޮއްވުމުގެ ހާދިސާ އައި ގުޅިގެން ގަވައިދާ ހިލާފަށް އެ ގައުމުގައި އުޅޭ މީހުން ސިފައިން ނުކުމެ ހައްޔަރު ކުރަން ފެށުމުންނެވެ.

އޭނާ އެމްބަސީގައި ދިރިއުޅެމުންދާކަން ފަޅާ އަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އޭރު އޭނާ އެތަނުގައި ހިމާޔަތް ހޯދައިގެން ހުންނަތާ  11 ދުވަސް ވެއްޖެ އެވެ. އެކަމާއި ގުޅިގެން ރައްޔިތުުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާން ފެށުމުން ދިވެހި ފުލުހުން ގޮސް ލުުތުފީ ރާއްޖެ ގެނައީ 2019 ޖުލައި ނުވަ ވަނަ ދުވަހު އެވެ.

މިހާރު ބާޣީ ލުތުފީ ހުރީ މާފުށީ ޖަލުގައި އެވެ. އޭނާ މިހާރު ތަންފީޒު ކުރަމުން ދަނީ ނޮވެންބަރު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ ބާކީ ބައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް