ކާރޫ ބާރޫ ބޮޑު ތޮއްޖެހިފައިވާ މާލޭގައި ދުއްވާ އެއްޗެހި ދުއްވުން މިވަނީ ނުހަނު ދަތި ކަމަކަށް ވެފައެވެ. މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާގެ މިނިސްޓަކަމުގައި ދުއްވާ ތަކެތި އެތެރެކުރުން ވަނީ ވަކި ވަރަކަށް ލިމިޓްވެސް ކޮށްފައެވެ. އެހެން ނަމަވެސް މާލެފަދަ ހަލަބޮލި މާހައުލެއްގައި އެއްތަނުން އަނެއްތަނަށް ދިޔުމަށް އެގޮތުން ރައީސް އަބްދުالله ޔާމީނުގެ ވެރިކަމުގެ ބުރިޖަކުން ގުޅުވާލި މާލެއާއި ހުޅުމާލެއާމެދު ދަތުރުކުރުންވެސް މިއީ ނުހަނު ބޮޑު ތަކުލީފަކަށް ވަނީވެފައެވެ.
މާލޭގެ މަގުމަތި ޕިކަޕުތަކާއި ކާރުތަކާއި އަދި ޓެކްސީ, ސައިކަލު ތަކުން ފުރާލެވިފައިވާއިރުގައި އޮފީސްތަކާއި ސުކޫލުތައް ފެށޭ އަދި ނިމޭ ގަޑީގައި މިއީ އަދި އެންމެ ފޯރި ގަދަ ވަގުތެވެ. ޙަޤީގަތަކީ ދުއްވާ އުޅަނދުތަކުގައި އެ ދުއްވާ ކޮންމެ މީހަކުވެސް ދަނީ ވަރަށް އަވަހަށް ތަނަކަށް ދާންކަމެވެ. ކާރުގައި ދާ މީހާ ދަނީ ދަރިފުޅު ސުކޫލަށް ލާށެވެ. ނުވަތަ އޮފީހަށެވެ. ޕިކަޕިގައި ދާ މީހާ ދަނީ ބަނޑު ފުރާނަ މުއްތި ކުރުމަށް ހުޅުވާފައި ހުރި ފިހާރައަށް މުދާ ބަލައެވެ. ނުވަތަ ތިޔާގެން ކޮންމެވެސް މީހެއްގެ މުދާ އުފުލައިދިނުމަށެވެ. ޓެކްސީ ދުއްވާ މީހާ ދަނީ ތިޔައިގެން ކޮންމެވެސް މީހެއްގެ ދަތުރުގައެވެ. އަދި ސައިކަލުގައިވެސް ދަނީ ހަމަ އަހަރެމެންގެ ތެރެއިން ކޮންމެވެސް މީހެކެވެ.
މަތީގައި މި ދެންނެވުނު ކޮންމެ މީހަކުވެސް ފައިމަގުގައި އުޅުމުގެ ބަދަލުގައި ދުއްވާ އުޅަނދެއް އިޚުތިޔާރުކުރާނީ ސަބަބުތަކެއް ހުރެގެންތާއެވެ. ހަމަ ކޮންމެ މީހަކުވެސް އެ މީހަކު އެ ދާންބޭނުންވާ ތަނަކަށް އަވަހަށް ދެވޭތޯ ވަރަށް މަސައްކަތް ކުރާނެކަން ޔަޤީނެވެ.
އެހެން ނަމަވެސް ފެންނަމުންދާ މަންޒަރަކީ ޓެކްސީއެއްގެ ކުރިމަށްޗަށް ސައިކަލެއް އަރައި ކުރިއަށް ދަންޏާ އެ ސައިކަލުގައި އިންނަ މީހަކަށް ޓެކްސީ ޑްރައިވަރު އެތިވަރު ގޮވާ މަންޒަރެވެ. އަދި ސައިކަލެއްގެ ކުރިމަތީގައި ޓެކްސީއަކުން މީހަކު ފައިބަންދެން މަޑުކޮށްލިޔަސް މުޅި މަގުގައިވާ ހުރިހާ ހިސާބަކަށް އިވެންދެން ފަހަތުގައި ތިބޭ އެންމެން ބަރުގޮނު އަޅާ މަންޒަރެވެ. ޙަޤީގަތަކީ އެކަކުވެސް ގަސްތުގައި މަގު ބްލޮކް ކޮށްގެން މަގުން މީހަކު ދިޔަ ނުދީ މަޑު ނުކުރާނެކަމެވެ.
ދަންނަންޖެހޭ ކަމަކީ ޓެކްސީއަށްވެސް އަބަދު އަރާނީ ގަދަވެ ސަލާމަތުން ތިބޭ މީހުން ނޫންކަމެވެ. ދުވަސްވީ މުސްކުޅިންވެސް ޓެކްސީތަކަށް އަރާނެކެމެވެ. އަދި ޓެކްސީ މަޑުކޮށްލިޔަސް ދުވަސްވީ މީހަކު ނަމަ ނުވަތަ ކުޑަކުއްޖަކު ގޮވައިގެން އިންނަ މީހަކަށް ނަމަ ފައިބަން ވަޤުތުކޮޅެއް ނަގާނެކަމެވެ. އެހެން ނަމަވެސް މިއީ ދިވެހިންގެ ކެއްތެރިކަން ކުޑަކަން ހާމަވެގެންދާ ކުޑަކުޑަ ވަޤުތުކޮޅެކެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 61 ވަނަ މާއްދާ (ބަރުގޮނު އެޅުން) ގެ (ހ) އަދި (ށ) ގައިވެސް ބަރުގޮނު އެޅޭނެ ޙާލަތްތަށް ބަޔާންކޮށްފައި ނެތްކަން ފާހަގަކޮށްލަމެވެ. އެގޮތުން މަގުމަތީގައި ސައިކަލު މަޑުކޮށްގެން ގޭގައިވާ މީހަކަށް ގޮވާލުމަށްވެސް މި ފެންނަނީ 15 މިނިޓު ވަންދެން ބަރުގޮނު އަޅާ މަންޒަރެވެ. ކާރެއް މަޑުކޮށްލިޔަސް ބަރުގޮނެވެ. ޕިކަޕެއް މަޑުކޮށްލިޔަސް ބަރުގޮނެވެ.
ބަރުގޮނުގެ މައްސަލައަށް ޙައްލެއް ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ދިވެހީންގެ ތެރެއިން އެތަށް ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް