ކޯވިޑް-19 ވެކްސިން ދިނުމުގައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަދި ހެލްތް މިނިސްޓްރީން މަސައްކަތް ކުރާނީ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ވެކްސިން ދެވޭތޯ ކަމަށް ތަރުުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
"ދުވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ވިދާޅުވީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް ކޯވިޑް ވެކްސިން ކަށަވަރުވޭތޯ ބަލައި ގައުމުން ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅައި ވެކްސިން ދިނުމުގެ ސިޔާސަތު ކަނޑައަޅާނީ އެ ގައުމަކުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ވެކްސިން ދިނުމުގައި ބިދޭސީންނަށް ތަފާތު ކުރުމެއް ނުގެންގުޅޭކަމަށާއި ވެކްސިން ދެވޭ އުމުރުފުރާގެ ހުރިހާ އެންމެންނަށް ރާއްޖޭގައި ވެކްސިން ދެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވެކްސިން ދިނުމުގައި އަމަލު ކުރާގޮތެއް ކަނޑައަޅާނީ އެމީހަކު ދިރިއުޅޭ ގައުމަކުން ކަމަށެވެ. އެކަމަކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދިވެހިން އަދި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އުޅޭ މީހުންނަށް ވެކްސިން ޖަހައިދޭނެ ކަމަށެވެ.
ދެ ވަނަ ޑޯޒު ޖަހަން ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އެ ފަރާތްތަކުން ފުރަން ޖެހޭނަމަ ދެ ވަނަ ޑޯޒު މުއްދަތުގެ ކުރިން ޖެހުމުގެ އިންތިޒާމްވެސް ހަމަޖައްސައި ދޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޯވިޑް-19 ވެކްސިން ޖެހުމަކީ ރާއްޖޭގައި މަޖުބޫރު ކަމެއް ނޫނެވެ. އެކަމަކު އެޗްއީއޯސީން ވަނީ 18 އަހަރުން މަތީގެ އެންމެން ވެކްސިން ޖެހުމަކީ އެދެވިގެންވާ ކަމެެއް ކަމަށް ބުނެފަ އެވެ.
ދިވެހިންނެކޭ އެއްގޮތަށް ބިދޭސީންނަށްވެސް ވެކްސިން ޖަހައިދެމުންދާއިރު ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށްވެސް ދަނީ ހިލޭ ވެކްސިން ޖަހައިދެމުންނެވެ. ސަރުކާރުން ވަނީ ރާއްޖޭގައި ދިރިއުޅޭ ވެކްސިން ޖަހަން ޖެހޭ އުމުރުފުރާގެ ހުރިހާ އެންމެންނަށް ސަރުކާރުން ހިލޭ ވެކްސިން ޖަހައިދޭނެ ކަމަށް ބުނެފަ އެވެ.
މިހާތަނަށް ރާއްޖޭގައި 123،665 މީހުންނަށް ކޯވިޑް ވެކްސިން ދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް