ފުލުހުންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު އެ އިދާރާއިން މިއަދު ހުޅުވާލައިފިއެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައި ވާ ކަމަށެވެ. އަދި މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މެއި މަހުގެ 31 ދުވަހާއި ހަމަށް އޮންނާނެކަމަށް އިއުލާނުގައި ވެއެވެ.
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ގްރޭޑް 10 ނިންމާފަވާ މީހެއްގެ އިތުރުން އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމާއި، ފިރިހެނެއް ނަމަ އިސްކޮޅުން ފަސްފޫޓު ތިން އިންޗި، އަންހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ހަމަވާ މީހަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމުގެ އަމަލެއް ނުވަތަ ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް އިއުލާނުގައިވެ އެވެ.
މީގެ އިތުރުން އެމީހަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ވެގެން ނުވާނެ ކަމަށާއި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހޭނެ ކަމަށް ވެސް މި އިެުލާނުގައިވަނީ ބުނެފައެވެ.
ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލް މަގާމުގެ މުސާރައަކީ 11،421 ރުފިޔާ ކަމަށް އިއުލާނުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް