ކޮވިޑް-19 ރާއްޖެއަކުން ނުފެނޭ، ހަވީރު ކުރިޔަށް ދިޔައީ ޑްރިލް އެއް

ރާއްޖެއިން ކޮރޯނާ ވައިރަސްއަށް މީހަކު ޕޮސިޓިވްވެފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ދޮގުކޮށްފި އެވެ. ދައުރުވަމުންދާ މެސެޖުތަކެއްގައި ބުނެފައިވަނީ ރާއްޖެއިން ކޮރޯނާ ވައި...

03 Mar 2020 | 14:31

ރާއްޖެއިން ކޮރޯނާ ވައިރަސްއަށް މީހަކު ޕޮސިޓިވްވެފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ދޮގުކޮށްފި އެވެ.

ދައުރުވަމުންދާ މެސެޖުތަކެއްގައި ބުނެފައިވަނީ ރާއްޖެއިން ކޮރޯނާ ވައިރަސްއަށް މީހަކު ޕޮސިޓިވްވެފައިވާ ކަމަށާއި އިތުރު މީހަކުވެސް ބައްޔަށް ޝައްކު ކުރެވިގެން އައިސޮލޭޝަންގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެކަން މިރޭ ސަރުކާރުން އިއުލާނު ކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން ކޮރޯނާ ވައިރަސްއާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުން ހަދާފައިވާ ސޯޝަލް މީޑީއާ ގްރޫޕުގައި ހިމެނޭ އޮފިޝަލުން ވިދާޅުވީ އެއީ ދޮގު ވާހައެއް ކަމަށެވެ. އަދި އެފަދަ ކޭސްއެއް ފެނިއްޖެ ނަމަ ސިއްރު ކުރުމެއް ނެތި ސަރުކާރުން ހާމަ ކުރާނެ ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ސައްހަ މައުލޫމާތު އެ އޮތޯރިޓީން ހޯދުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ދޮގު މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށް ބުނެފައިވެ އެވެ.

https://twitter.com/HPA_MV/status/1234845087655329793

މީގެ އިތުރުން ބައެއް ތަޖުރިބާކާރު ޑޮކްޓަރުންވެސް ވަނީ ރާއްޖެއިން ކޮރޯނާ ވައިރަސްގެ އެއްވެސް ކޭސްއެއް މިހާތަނަށް ފެނިފައި ނުވާކަމަށް ވިދާޅުވެފަ އެވެ. އަދި ސައްހަ މައުލޫމާތު ހެލްތް ޕްރޮޓެކްޝަން އެޖެންސީންނާއި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ޑޮކްޓަރުން ހާމަ ކުރައްވާ މައުލޫމާތުތަކުން ހޯދުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިއްޖެ ކަމަށް ބުނެ ދޮގު ހަބަރުތަކެއް ފެތުރިގެން ދިޔައީ މިއަދު ހަވީރު އެވެ. ބެލެވޭގޮތުގައި އެގޮތަށް ހަބަރު  ފެތުރުނީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލު ކުރާނެ ގޮތުގެ ޑްރިލް އެއް މާލޭގެ ބިސްބުރު ސަރަހައްދުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކުރިޔަށް ގެންދިއުމުންނެވެ.

އެޑްރިލްގައި ވަނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު އުޅޭ ގޭބިސީއެއްގައި އަމަލު ކުރާނެ ގޮތާއި ކަރަންޓީން ފެސިލިޓީގައި އަމަލު ކުރާނެ ގޮތް ދައްކާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް