ދީބާޖާ މައްސަލަ ރިވިރު ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ދީބާޖާ އިންވެސްޓްމެންޓަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން ބަދަލުކުރައްވާފައިވާތީ އެ މައްސަލަ ރިވިއު ކޮށްދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯ...

03 Mar 2020 | 11:17

ދީބާޖާ އިންވެސްޓްމެންޓަށް 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުން ބަދަލުކުރައްވާފައިވާތީ އެ މައްސަލަ ރިވިއު ކޮށްދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

އުތުރު ޕްރޮޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ވަނީ ހުކުމް ކޮށްފައި އެވެ. މިދިޔަ އަހަރު ސުޕްރީމް ކޯޓުންވެސް ވަނީ އެ ހުކުމް ދަމަހައްޓައިފަ އެވެ.

ސުޕްރީމް ކޯޓގެު ހުކުމް ރިވިކޮށް ދިނުމަށް ހުށަހެޅި މައްސަލަ ބަލައިގަތަސް އަދި އެ މައްސަލަ ތާވަލް ކޮށްފައެއް ނުވެ އެވެ.

އެ ހުކުމާ ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން އެ ކުންފުންޏަށް ދޭން ނިންމާފައިވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމެޓީންނެވެ. އެއީ ރައީސް ސޯލިހު އެގޮތަށް ނިންމެވުމުންނެވެ.

އެކަމަކު އެ އެއްބަސްވުމާއި އެއްގޮތަށް ދީބާޖާއަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ދީފައި ނުވާތީ އެ ކުންފުނިން ވަނީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި އެވެ. ސުޕްރީމް ކޯޓުން ނިންމި ނިންމުން ރިވިއު ކުރަން ރައީސް ސޯލިހު ނިންމެވިކަން އޭޖީ އޮފީހުން ހާމަކުރީ ސިވިލް ކޯޓަށް ދީބާޖާއިން ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑު އެހުން އޮތް ދުވަހު އެވެ.

އެހެންވެ އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ ހުކުމް ތަންފީޒު ކޮށްދޭން އަމުރުކޮށްދިނުން މަޑުޖައްސާލުމަށެވެ. އެކަމަކު މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ވިދާޅުވީ ރިވިއުކުރަން ހުށަހަޅާނެ ކަމަށް ދައުލަތުން ބުންޏަސް، މައްސަލަ މަޑުޖައްސައި ނުލެވޭނެ ކަމަށެވެ. އެކަމަކު ރިވިއުކުރަން ހުށަހަޅައިފި ނަމަ، އެކަމަށް ކޯޓުން ރިއާޔަތްކުރާނެ ކަމަށެވެ.

އޭޖީ އޮފީހުން އެ ދުވަހު ބުނީ ބަދަލުދޭ ގޮތަށް އެއްބަސްވުމަށް ފަހު ރައީސް ސޯލިހުގެ ނިންމެވުން ބަދަލުކޮށް ރިވިއު ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ ދީބާޖާއަށް ބަދަލުދޭން ކުރި ހުކުމާއި މެދު އާންމުންގެ ކަންބޮޑުވުން އޮތުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް