މި ސަރުކާރުގެ ތެރެއިން އަދާލަތު ޕާޓީއަށް ކަނޑައަޅާފައިވާ ހައްގު މިންވަރު ނުވަތަ ވަޒީރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ސްލޮޓުތައް ލިބެންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވުމުން އެކަމަށް އެމްޑީޕީގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ޖޯކު ޖައްސަވައިފި އެވެ.
އިމްރާން މިހެން ވިދާޅުވީ އެ ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަން ކުރައްވަމުން ގެންދެވި ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވުމުން އެ މަގާމު އެޕާޓީން ކަނޑަނާޅާ މީހަކަށް ދިނުމުންނެވެ. މިވަގުތު އަދާލަތު ޕާޓީގެ ސްލޮޓްގައި މިނިސްޓަރު ކަމުގައި ތިއްބެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޝެއިހް އިމްރާން އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއީ ވިދާޅުވީ ބައި ހަމަނުވާ ޕާޓީއެއްގެ ވަޒީރަކު ހައްގު މިންވަރު ނުލިބޭ ކަމަށް ވިދާޅުވުމަކީ ޖޯކެއް ކަމަށެވެ. އޭނާ ވިދާޅުވީ އަދާލަތު ޕާޓީއަށް ހައްގު މިންވަރަކީ ކެބިނެޓުގެ އެންމެ ވަޒީރެއް ކަމަށާއި އެ މިންވަރު މިހާރު އޮތީ ދެވިފަ ކަމަށެވެ.
ރާއީ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ގެނައީ އެމްޑީޕީގެ އެކަނި މަސައްކަތުން ކަމަށެވެ. އެކަމަކު އެ ޕާޓީއަށް ސަރުކާރުގެ ތެރެއިން ހައްގު މިންވަރު ލިބުނު ކަމަށް އެމްޑީޕީގެ އާންމު މެންބަރުންނާއި ލީޑާޝިޕުން ގަބޫލު ނުކުރާ ކަމަށާއި ކޯލިޝަނުގައި ހިމެނޭ ޕާޓީއެއްގެ ވަޒީރަކު ބުނާހާ ގޮތަކަށް އެމްޑީޕީން ކަންނުކުރާނެ ކަމަށެވެ.
މެންބަރު ރާއީގެ ވާހަކައިގަ ނުސީދާކޮށް ވަނީ އިމްރާނަށް އިންޒާރެއް ދެއްވާފަ އެވެ. އެގޮތުން އަދާލަތަކީ އެމްޑީޕީގެ ހިޔަނިން ހިނގާ ޕާޓީއެއް ކަމަށް ވިދާޅުވެ ހައްގު މިންވަރުގެ ވާހަކަ އިތުރަށް ދައްކައިފި ނަމަ މިހާރު ލިބިފައި އޮތް މިންވަރު ކެނޑިގެން ހިނގައިދާނެ ރާއީ ވިދާޅުވި އެވެ.
"ހައްގު މިންވަރުގެ ވާހަކަ ދައްކާނީ އަޅުގަނޑުމެން. އެ ހައްގު މިންވަރު ކޯލިޝަން ވިޔަސް އަޅުގަނޑުމެން އޮންނާނީ ދީފައި. އިތުރަށް ވާހަކަ ދައްކަންޏާ އަޅުގަނޑުމެން ހީވާގޮތުން އިތުރަށް އެބައި ކެނޑިގެން ގޮސް އެބޭފުޅާއަށް ހައްގު މިންވަރަކީ ކޯއްޗެއްކަން އެނގިގެން ދިއުން ކަންނޭނގެ އެންމެ ރަނގަޅު ގޮތަކީ،" ރާއީ ވިދާޅުވި އެވެ.
ޝިދާތާވެސް މަގާމުން އިސްތިއުފާދެއްވީ އެމްޑީޕީގެ މަޖިލީސް މެންބަރުންގެ އެތައް ފިއްތުންތަކެއް ކުރިމަތިކޮށް، އިތުބާރުނެތްކަމުގެ ވޯޓު ނަގަން ފާސް ކުރުމުންނެވެ. ކޯލިޝަންގެ އިތުރު މެންބަރުން ކަމަށްވާ ފިޝަރީޒް މިނިސްޓަރާއި ހެލްތް މިނިސްޓަރު މަގާމުން ވަކި ކުރަން ޖެހިދާނެ ކަމުގެ އިންޒާރު މި ފަހަކުން އެމްޑީޕީގެ މަޖިލީސް މެންބަރުން ދީފަވެ އެވެ.
އަދި ކައުންސިލް އިންތިހާބަށް ފަހު ކޯލިޝަން ރޫޅާލާނެ ކަމުގެ އިންޒާރުވެސް މެންބަރުން ދަނީ ދެމުންނެވެ.
މި ސަރުކާރު ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީ، އެމްއާރުއެމް، އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް