އިންޓަނެޓް އަގު ހެޔޮކުރަން މަޝްވަރާތައް ދަނީ ކުރެވެމުން: އުރީދޫ

ރާއްޖޭގައި ދެވޭ އިންޓަނެޓްގެ އަގު ހެޔޮ ކުރުމާއި ގުޅޭގޮތުން ސަރުކާރުން އެ ކުންފުންޏާއި އެކު ވަރަށް ފުޅާދައިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމަށް އުރީދޫއިން ބުނެފި އެވެ. އެ ކުންފުނިން ރޭ ކުރުނބާ މޯލްޑ...

03 Mar 2020 | 10:27

ރާއްޖޭގައި ދެވޭ އިންޓަނެޓްގެ އަގު ހެޔޮ ކުރުމާއި ގުޅޭގޮތުން ސަރުކާރުން އެ ކުންފުންޏާއި އެކު ވަރަށް ފުޅާދައިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމަށް އުރީދޫއިން ބުނެފި އެވެ.

އެ ކުންފުނިން ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސީއީއޯ ނަޖީބް ހާން ވިދާޅުވީ އިންޓަނެޓްގެ އަގަށް މިހާރަށްވުރެ ހެޔޮ ބަދަލެއް ގެނައުމާއި ގުޅޭގޮތުން ސަރުކާރުން އެ ކުންފުންޏާއި މަޝްވަރާ ކުރި ކަމަށެވެ. އަދި މިހާރުވެސް އެ މަޝްވަރާތައް ކުރިޔަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޓަނެޓުގެ އަގަށް ގެންނަ ބަދަލުގެ އަސަރު ކުންފުނީގެ ފައިދާގެ އިތުރުން ހިއްސާދާރުންނަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރަށް ދައްކާ ޓެކްސް އާއި ލައިސަންސް ފީ އަށްވެސް އޭގެ އަސަރު ކުރާނެ ކަމަށް ނަޖީބު ވިދާޅުވި އެވެ.

އެހެންވެ އިންޓަނެޓް އަގު ހެޔޮކުރުމުގައި އެ ކުންފުނިން ބަލާނީ ރަނގަޅު ހުށަހެޅުންތަކެއް ސަރުކާރަށް ހުށަހަޅައިގެން އަގު ކުޑަކޮށް ކުންފުންޏަށް ކުރާނެ އަސަރު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށް ވިދާޅުވި އެވެ. އެކަމަކު މަޝްވަރާތަކަށް ފަހު އިންޓަނެޓްގެ އަގު ކުޑަކުރެވޭނެ މިންވަރަކާއި ގުޅޭގޮތުން އަދި ޖަވާބެއް ދެއްވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވެފައިވަނީ ދިރާގާއި އުރީދޫއާއި އެކުވެސް އިންޓަނެޓް އަގުހެޔޮ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ހުރި ގޮންޖެހުންތައް އޮޅުން ފިލުވާ އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް