ކޮވިޑް-19: ވައިރަސްގެ ނުރައްކަލަށް މުޅި ރާއްޖެ ތައްޔާރީ ހާލަތަކަށް ގެންނަނީ

މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެދާނެ ކަމުގެ ނުރައްކާ އިތުރަށް ބޮޑުވެފައިވާތީ މުޅި ރާއްޖެ ތައްޔާރީ ހާލަތަކަށް ގެންނަން ސަރުކާރުން ނިންމައިފި އެވެ. ހެލްތް މިނި...

03 Mar 2020 | 05:52

މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖެއަށް އަތުވެދާނެ ކަމުގެ ނުރައްކާ އިތުރަށް ބޮޑުވެފައިވާތީ މުޅި ރާއްޖެ ތައްޔާރީ ހާލަތަކަށް ގެންނަން ސަރުކާރުން ނިންމައިފި އެވެ.

ހެލްތް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމްކޮށްފައިވާ ކަމަށެވެ. އެ ސެންޓަރު ހިންގަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ދަށުންނެވެ.

މި ސެންޓަރުން މާލޭގައި ޓްރެވަލް ކްލިނިކެއް ގާއިމް ކުރާނެ އެވެ. އެ ކްލިނިކުން ރާއްޖެ އަންނަ ހުރިހާ މީހުން ކޮރޯނާ ވައިރަސްއަށް އިތުރަށް ސްކްރީން ކުރާނެ އެވެ. އަދި މި ދުވަސްވަރު އާންމުކޮށް ފެތުރެމުންދާ ރޯގާތަކަށް ހާއްސަކޮށްގެން މިލިޓަރީ ހޮސްޕިޓަލް ސެނަހިޔާގައި ފްލޫ ކްލިނިކެއް މި ހަފްތާގައި ހުޅުވާނެ އެވެ.

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ހާއްސަކޮށްގެން ބާއްވާ ޑްރިލް އެއް މިއަދު ކުރިޔަށް ގެންދަން ހަމަޖެހިފައިވެ އެވެ. ހެލްތް މިނިސްޓްރީން ބުނީ މި ޑްރިލް އަކީ ގޭބިސީއެއްގައި އުޅޭ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެއްޖެ ހާލަތެއްގައި ކަމާ ބެހޭ ފަރާތްތަކުން އަމަލު ކުރާނެ ގޮތް ބުނެދިނުމާއި އެފަދަ ހާލަތެއްގައި އެންމެ އެކަށޭނަ ފިޔަވަޅުތައް އެޅުމަށް ވެފައިވާ ތައްޔާރީތައް ވަރުގަދަ ކުރުމަށް ބޭއްވޭ ޑްރިލް އެއް ކަމަށެވެ.

މި ޑްރިލްގައި ކަރަންޓީން ކުރާގޮތުގެ މައުލޫމާތާއި ގޭބިސީއެއްގައި ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ދޭނެ އެވެ.

ހެލްތް މިނިސްޓްރީން ބުނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ދެމުންދާ އިރުޝާދު ތަކަށް ރައްޔިތުން ސަމާލުކަން ދޭން އިލްތިމާސް ކުރާ ކަމަށެވެ. އަދި އަމިއްލަ ރައްކާތެރިކަމަށް އަބަދުވެސް ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރެ އެވެ.

ކޮރޯނާ ވައިރަސްއަށް މިހާރު ރާއްޖޭގައި ޓެސްޓު ކުރެވޭއިރު ހެލްތް މިނިސްޓްރީން ނިންމާފައިވަނީ ރޯގާ ޖެހި ހާލު ސީރިއަސްވާ މީހުންނާއި ނިއުމޯނިއާއަށް ޕޮސިޓިވްވާ މީހުން ވައިރަސްއަށް ޓެސްޓު ކުރާށެވެ.

މިހާތަނަށް އެއްވެސް މީހަކު ރާއްޖެއިން މި ބައްޔަށް ޕޮސިޓިވްވެފައެއް ނުވެ އެވެ.

ކޮރޯނާ ވައިރަސްގައި މިހާތަނަސް ދުނިޔޭން3،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ދުނިޔޭގެ55 ގައުމަކުން މި ބަލި ފެނިފައިރު ޗައިނާއަށް އުފަންވި މި ބަލި އެ ގައުމުގެ އިތުރުން އެންމެ ބޮޑަށް ފެތުރެނީ އީރާންގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް