ސަރުކާރުން އަދާލަތަށް ދޭން ކަނޑައަޅާފައިވާ މިންވަރު އަލުން ލިބެންޖެހޭ: އިމްރާން

މި ސަރުކާރުގެ ތެރެއިން އަދާލަތު ޕާޓީއަށް ކަނޑައަޅާފައިވާ ހައްގު މިންވަރު ލިބެންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އިމްރާން މިހެން ވިދާޅު...

03 Mar 2020 | 01:53

މި ސަރުކާރުގެ ތެރެއިން އަދާލަތު ޕާޓީއަށް ކަނޑައަޅާފައިވާ ހައްގު މިންވަރު ލިބެންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވި އިރު އެ ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަން ކުރައްވަމުން ގެންދެވި ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވުމުން އެ މަގާމު ދީފައިވަނީ އަދާލަތު ޕާޓީން ހަމަޖެއްސި ބޭފުޅަކަށް ނޫނެވެ. މިވަގުތު އަދާލަތު ޕާޓީގެ ސްލޮޓްގައި މިނިސްޓަރު ކަމުގައި ތިއްބެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޝެއިހް އިމްރާން އެވެ.

ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝެއިހް އިމްރާން ވިދާޅުވީ ޝިދާތާ އިސްތިއުފާ ދެއްވީ އުފެދުނު ނުތަނަވަސްކަމެއްގައި ތެރޭގައި ކަމަށާއި އެކަމަކު އެހުރިހާ ކަމެއްގެ ޒިންމާ ޝިދާތާ ބޮލުގައި ނޭޅުއްވޭނެ ކަމަށެވެ. މިނިސްޓަރު އިޝާރާތްކުރެއްވީ ގއ. ކަނޑުހުދޫގައި ތުއްތު ކުއްޖަކަަށާއި އަދި ކުރިން ޑިސްއެބިލިޓީ އެމްބެސެޑަރުކަމުގައި ހުންނެވި އަހުމަދު ހިޝާންއަށް ކުރެވުނު، ޖިންސީ ގޯނާގެ ތުހުމަތުތަކަގެ މައްސަލައިގައި ޝިދާތާއަށް އަމާޒުވި ފާޑުކިޔުންތަކަށެވެ.

މިނިސްޓަރު ވިދާޅުވީ ޝިދާތާއަށް ފަހު އެމަގާމަށް އައްޔަން ކުރަން ރައީސް ބޭނުންފުޅުވެވަޑައިގެންނެވީ އެންމެން ގަބޫލު އަދި ރުހޭ މީހަކު މަގާމަށް އިސްކުރައްވަން ކަމަށެވެ. އެކަމަށް އަދާލަތުންވެސް އަދި އިމްރާންވެސް ދެކޮޅު ހައްދަވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ޖެންޑާ މިނިސްޓަރަކަށް މީހަކު އައްޔަން ކުރެއްވުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައީސް އޭނާއާ މަޝްވަރާ ކުރެއްވި އެވެ. އަދި އަދާލަތަށް ކޯލިޝަންގެ ތެރެއިން ހައްގުވާ މިންވަރު ހޯދައިދިނުމަށް ގޮތްތަކެއް ރާއްވަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް އިމްރާން ވިދާޅުވި އެވެ.

ޝިދާތާ އިސްތިއުފާ ދެއްވުމުން އެ މަގާމަށް ރައީސް ސޯލިހު އައްޔަން ކުރައްވާފައިވަނީ އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު ޑޜ. އައިޝަތު މުހައްމަދު ދީދީ އެވެ. އޭނާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަން ކޮށްފައިވާ ބޭފުޅެކެވެ.

އެކަމަކު އޭނާއަށް އެ މަގާމު ދިނީ އެމްއާރުއެމްގެ ސްލޮޓެއްގައި ނޫންކަމަށް އެ ޕާޓީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް