ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް3.30 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ 1،314 ހިއްސާދާރަކު ބައިވެރިވި އެވެ. އެއީ ހިއްސާދާރުންގެ92 ޕަސެންޓެވެ.
ހިއްސާއަކަށް ދޭން ފާސްކުރި އަދަދު ފާސްވީ ހިއްސާ ދާރުންގެ އަގުލަބިއްޔަތުންނެވެ. މި އަހަރުގެ ހިއްސާ ބަހާނީ މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މެދުގަ އެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ރޭ ވަނީ އާންމު ހިއްސާދާރުންގެ ފަރާތުން އެ ކުންފުނީގައި އިންނަވާނެ މެންބަރެއްގެ ގޮތުގައި ފަރީހާ ޝަރީފު ހޮވާފައި އެވެ. އޭނާއަށް ހިއްސާދާރުންގެ 526 ވޯޓު ލިބުނެވެ.
ކުރިއަށް މިއޮތް އަހަރުގެ އޮޑިޓް ފާމެއްގެ ގޮތުގައި އުރީދޫން ކަނޑައެޅީ ޕްރައިސް ވޯޓާ ހައުސް ކޫޕާސް އެވެ. އެ ކުންފުންޏަށް މުސާރައިގެ ގޮތުގައި 60،000 ޑޮލަރު ދިނުމަށް ނިންމާފައިވެ އެވެ.
އުރީދޫ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ލިބިފަވެ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 525 މިލިއަން ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް