ދިވެހި ސިޔާސީ އައު ވިސްނުމަކަށް ޒުވާނުން އެދޭ!

ދިވެހިރާއްޖޭގައި ޒަމާނުންސުރެ ބަދަލުވަމުން ދެމިގެން އަދަށްދާންދެން އައިސްފައިވަނީ ހަޤީޤަތުގައި ސިޔާސީ ދެފިކުރެކެވެ. ނުވަތަ މިފަހުގެ ތާރީހުންނަމަ ދެސިޔާސީޕާޓީއެވެ. ފެންނާން އޮތް ހަޤީޤަތަކީ މިދެފިކުރަކީ...

03 Feb 2021 | 16:38

ދިވެހިރާއްޖޭގައި ޒަމާނުންސުރެ ބަދަލުވަމުން ދެމިގެން އަދަށްދާންދެން އައިސްފައިވަނީ ހަޤީޤަތުގައި ސިޔާސީ ދެފިކުރެކެވެ. ނުވަތަ މިފަހުގެ ތާރީހުންނަމަ ދެސިޔާސީޕާޓީއެވެ. ފެންނާން އޮތް ހަޤީޤަތަކީ މިދެފިކުރަކީވެސް 'ޑިމޮކްރެޓިކް' އުސޫލުތަކަށް ގޮވާލާ މިނިވަން ފިކުރެވެ. ނުވަތަ އިގްދިސާދީ އަދި ފަރުދީ މިނިވަންކަމުގެ ނިވާފަތްގަނޑުގައި ތިބެ ވިއްކަމުން އަންނަ ދެފިކުރެވެ. އެހެނީ ދިވެހިންނަކީ ތާރީހު ހެކިދޭގޮތުން ނުހަނު މިނިވަންކަމަށް ލޯބިކުރާ ބަޔެކެވެ. ދިވެހި ވެރިކަން ރަސްކަމުން ފެށިގެން އެކިއެކި ސިފާގައި ބަދަލުތައް އައިސް ޖުމްހޫރިއްޔާ އަކަށް ބަދަލުވެގެން ދިޔަ ތާރީހަކީ މީގެ ހެއްކެކެވެ. ވެރިކަންތަށް ބަދަލުވެ އެތަށް ބައިވަރުފަހަރަކު ވެރިކަމާއި ރަސްކަން އިންގިލާބު ކުރެވިފައި ވުމަކީ ދިވެހިން މިނިވަން ކަމަށް ކުރާމިދަތުރުގެ ނުފޮރުވޭނޭ ހަޤީޤަތެކެވެ.

މިއަދުގެ ޒުވާނުން ގަބޫލުކުރާކުރުމަކީ އަދި ފެންނާން އޮތް ހަޤީޤަތަކީ ދިވެހީން މިނިވަންކަމަށް ކުރާ މިދަތުރު އަދިވެސް ނިމުމަކާ ގާތަށްވެސް ނުދާކަމެވެ. އުތުރު ގަޑުބަޑުގެ އެތައް ހާސް ބައިވެރިންގެ ދަރީން އަދިވެސް ތިބީ އެއުރެންގެ ކާފައިން ކުރި ދަތުރުއަނެއްކާވެސް ކޮށް އެދުހުވީ ނާކާމިޔާބު ބަދަލުކުރާން ހިތާހިތުން އެދިއެދިއެވެ. ސުވާބްދީބުގެ ބަތަލުންގެ ކާފަދަރީން އެތިބީ އެކާބަފައިންގެ ނުނިންމުނު މަސައްކަތާއިގެން ތެދުވުމަށް ހިތާހިތުން ގޮވާލަ ގޮވާލައެވެ. ހަވަރައްދެވުނު މީހުންގެ ނަސްލު އެތިބީ އެކާބަފައިންގެ ޒިކުރާ އާކޮށް އިންސާފަށާއި ހަވަރަށްދެވުނީ އެފިކުރުނޫންކަން ސާބިތުކޮށްދިނުމަށް ފުރުސަތަކަށް ހިތާހިތުން ގޮވާލަގޮވާލައެވެ.

އެހެނީ ރަށްރަށަށް މިނިވަންކަމުގެ ފޮނިމީރުކަން ލިބުން އޮތީ އަދި މާދުރުގައެވެ. އެއުރެން މިނިވަންމިންވަރީ، ރަށުގެ ހުރި އެންޓަނާ ކުއްޔަށްދީގެން އޭގެ ކުލީގެ ލާރިކޮޅު މާލޭގެ ވެރިންގެ ހަޒާނާއިން ބޭރުވެ ރަށުގެ ރަތްޔިތުންނަށް ލިބުނީ ނުވަތަ ލިބޭނެކަމަށް ބެލެވުނީ އަދި އިހަކަށްދުވަހެވެ. ގޭގެ ކަންމަތީހުރި ރުކުން ގެޔަށް ކާށި ފައިބާން ފެށިމާ، އެރުއް ކަޑަން މާލޭގެ މިނިސްޓަރުގެ ހުއްދަ ރަށުގެ މީހުން ނަގާންޖެހޭ ކަމަށްވާއިރު މިނިވަންކަން އޮންނާނީ ކިހާ ހިސާބަކުހެއްޔެވެ؟

އަތޮޅުގެ ހުރިހުރިހާ ފަޅު ރަށްކޮޅު މަހުޖަނުންނަށް ދީގެން ތަރައްގީލިބޭނެ ކަމަށް ބުނިބުނުން ދޮގުވެނިމިއްޖެއެވެ. ބާ ނުވަތަ ރާ އަތޮޅުގެ ހުރިހާ ރަށެއްހެން ދިބެހިންނަށް ފައި ޖައްސާލުންވެސް ހަރާންކޮށް ދީ ހުސްވީއިރުވެސް، އެވެރިން ކިބައިން ރަށެއްގެ ކުނިކޮޅު ނައްތާލެވޭނެ ވަރުވެސް ނުވިކަން ޒުވާން ރަށްވެހީންދަނެއްޖެއެވެ. ރިޒޯޓްގައި ވަޒީފާއަށް ދިވެހީން ދިއުމަކީ އަޅުމަސަތްކަތަށް ނުތުމަށްވެ، އެކަމަށް ނިމުމެއްނެއްތާނގައި، އަޑުއަހާނޭ މީހަކުވެސް ނެތްތަން ޒުވާނުން ދެކިއްޖެއެވެ.

ރަށްވެހީންނަށް ކިޔާދެމުންދާތާ މިހާރު އެތަށް ޒަމާންވީ 'ލާމަރުކަޒީ ނިޒާމް' މާލެއިން ފޮނުވާނެކަމަށް ތިބެތިބެ ރަށްވެހީން ގުއިވެއްޖެއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ކާބަފައިން އެމަގުން ހިނގީ ނުވަތަ އެދަތުރަށް އެރީ އެނޫންގޮތެއް ނެތީމަކަން ސުވާލެއް ނެތްމިންވަރަށް މިދަނީ ސާފު ވަމުންނެވެ. އެކާބަފައިންގެ މަސައްކަތާއިގެން އަލުން އައު ހިތްވަރާއެކީ ނުކުތުމަށް ގޮވާގޮވުން މިހެރަގެން ގަދަވަނީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް