ކޮވިޑް-19ގެ ތިންވަނަ ރާޅު ރާއްޖެއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިރާގުގެ ހިދުމަތްތައް ހޯދުމަށާއި ބިލްތަކަށް ފައިސާ ދެއްކުމަށް ދިރާގު "މައި އެކައުންޓް" އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ.
އެގޮތުން ދިރާގުން ބުނެފައިވާގޮތުގައި އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑާއި މޯބައިލް ޕެކޭޖްތަކުގެ ޔޫސޭޖް ތަފްސީލު ބަލާލައި، ބިލް ދައްކާ، އަދި ދިރާގުގެ އެކި ހިދުމަތްތަކަށް އެދުމަށް ކަސްޓަމަރ ކެއަރ ސެންޓަރުތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައި ކުރުންފަދަ ގިނަ ފަސޭހަތައް "މައި އެކައުންޓް" ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ދިރާގު ކަސްޓަމަރ ސާވިސް ސެންޓަރުތައް މިހާރު ހުޅުވިފައިވީނަމަވެސް، ކަސްޓަމަރުންނަށް ހިދުމަތް ދެވޭނީ ކުރީބައިގައި އެޕޮއިންޓްމެންޓެއް ހައްދައިގެން ކަމަށާއި އަދި އެޗްޕީއޭއިން އަންގާފައިވާ ގައިދުރުކުރުމުގެ އިރުޝާދުތަކުގެ މަތިން ކަސްޓަމަރ ސާވިސް ސެންޓަރުތަކުގައި ކޮންމެ ދުވަހަކު ހިދުމަތް ދެވޭނީ ވަކި އަދަދެއްގެ ކަސްޓަމަރުންނަށް ކަމުގައިވެސް ދިރާގުން ބުނެފައިވެއެވެ.
"މި ސްލޮޓްތައް ދިނުމުގައި އައު ކަސްޓަމަރުންނަށް އިސްކަންދެވޭނެ، އެހެންކަމުން ދިރާގުގެ ހިދުމަތްތައް މިހާރު ގެންގުޅުއްވާ ކަސްޓަމަރުން މައި އެކައުންޓް މެދުވެރިކޮށް ހިދުމަތް ހޯދުމަށް އިލްތިމާސް ކުރަން" ދިރާގުން ބުނެފައިވެއެވެ.
ދިރާގުގެ "މައި އެކައުންޓް" ހިދުމަތަށް މިހާރު ރަޖިސްޓަރ ކުރައްވާފައިނުވާ ކަސްޓަމަރުން www.dhiraagu.com.mv/ocs މި ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.
ދިރާގުން ބުނެފައިވާގޮތުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ދިރާގުން އެދެނީ މި ދުވަސްވަރު ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށާއި އެޗްޕީއޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުންވެސް އަމަލުކުރުމަށެވެ. ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބެން ޖެހުނަސް ދިރާގުގެ ހިދުމަތްތައް ބޭނުންކުރުމަށް ލުއިފަސޭހަތައް ފޯރުކޮށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ކަމުގައި ދިރާގުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް