ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޯވިޑް-19 ގެ އާ ވޭރިއެންޓު ރާއްޖޭގައި ފެތުރެމުންދަނީ މާލެ އާއި ރިސޯޓުތަކުގައި އެކަނިކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ކޯވިޑް-19ގެ އާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނީ އިނގިރޭސިވިލާތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ. އެ ވޭރިއެންޓު ފެތުރޭތީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ވަނީ އެ ގައުމުން ރާއްޖެ އަންނަ މީހުން ކަރަންޓީން ވާން ޖެހޭ ގޮތަށް ހަމަޖައްސާފައި އެވެ.
ކޯވިޑް-19 އާއި ގުޅުޅިގެން ސަރުކާރަށް ލަފާ އަރުވާ މަންދޫބު އަދި ކުރީގެ ޑިރެކްޓާ ޖެނެރަލް އޮޕް ޕަބްލިކް ހެލްތް ޑރ. ޝީނާ މޫސާ ވިދާޅުވީ ރާއްޖެއިން އެ ވޭރިއެންޓު މިދިޔަ ޑިސެމްބަރު މަހު ފެންނަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޯވިޑް-19ގެ އާ ވޭރިއެންޓުގެ އަސަރު ހުރިތޯ ބަލަން ރާއްޖޭގެ އެކި ސަރަހައްދުތަކުން ނެގޭ ސަމްޕަލްތަކެއް ކަނޑައެޅިގެން ޓެސްޓުތަކެއް ހެދުނު ކަމަށެވެ.
އެ ޓެސްޓުތަކުގެ ނަތީޖާ ދައްކާގޮތުން ވައިރަސްގައި އެކުލެވޭ ޕްރޮޓީންގެ ބައެއްގައި ކުރިން ރާއްޖެއިން ނުފެންނަ އަލާމާތްތަކެއް ހުރި ކަމަށެވެ. އެކަމަކު އާ ވެރިއެންޓުގެ އަސަރު ހުންނަނީ ވަކި ސަރަހައްދުތަކަކުން ނެގޭ މީހުންގެ ސާމްޕަލުންކަން ފާހަގަވި ކަމަށެވެ.
އެގޮތުން އާ ވޭރިއެންޓުގެ އަސަރު ފެނިފައިވަނީ މާލެ އާއި ރިސޯޓުތަކުން ނެގުނު ސާމްޕަލްތަކުން އެކަނި ކަމަށް ވިދާޅުވި އެވެ. އެކަމަކު މާލެއިން ހޯމް ކަރަންޓީނަށް ރަށަކަށް ދިޔަ މީހަކު ކަރަންޓީނުން ދޫކޮށްލަން ނެގި ސާމްޕަލެއް ޕޮސިޓިވްވި އިރު އޭގައި އާ ވޭރިއެންޓުގެ އަސަރު ހުރިކަން ފާހަގަ ކުރައްވާ ޑރ. ޝީނާ ވިދާޅުވީ އެ މީހާ އަކީ މާލެއިން ގޮސް ހުރި މީހަކަށް ވާތީ އަތޮޅު ތެރޭގައި އާ ވޭރިއެންޓުގެ އަސަރު އުޅޭކަމަށް ނުބެލެވޭނެ ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި އެކަކުގެ ގައިން ބަލި ފެތުރިފައި ހުރީ ގިނަ ވެގެން ދެ މީހުންގެ ގަޔަށް ކަމަށެވެ. އެކަމަކު އާ ވޭރިއެންޓްގެ ސަބަބުން ބަލި ފެތުރޭލެއް އިތުރުވެ މިހާރު އެކަކުގެ ގައިން އުތުރު ފަސް މީހުންނަށް ކޯވިޑް ޖެހެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ 30 ޕަސެންޓު މީހުންނަކީ އާ ވޭރިއެންޓުގެ ސަބަބުން ކޯވިޑް ޖެހޭ މީހުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް