ކޯވިޑް-19 އާއި ގުޅިގެން މިރެއިން ފެށިގެން މާލޭ ސިޓީގައި ވަކި ގަޑިތަކެއްގައި ވެހިކަލް ދުއްވުމާއި މީހުން އާންމު ތަންތަނުގައި އުޅުން ވަނީ މަނާކޮށްފައި އެވެ.
އެގޮތުން ރޭގަނޑު 8:30 ން ފަތިހު 4:30 އަށް ވެހިކަލް ދުއްވުން މަނާކޮށްފައިވެ އެވެ. އަދި ރޭގަނޑު 11:00 ން ފަތިހު 4:30 އަށް މާލޭގައި ކާފިއު ހިންގަން ވަނީ ނިންމާފައި އެވެ.
މި ނިންމުމާއި ގުޅިގެން ފުލުހުން މިއަދު ވަނީ އެ ވަގުތުތަކުގައި ދެވޭނެ ހިދުމަތްތަކާއި އާންމުންނަށް ހޯދޭނެ ހިދުމަތްތަކުގެ ތަފްސީލް އާންމު ކޮށްފައި އެވެ.
ހެޑް އޮސް ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ އާންމު ދަތުރުފަތުރުގެ ހިދުމަތް މާލޭ ސިޓީގައި ދެވޭނެ އެންމެ ފަހު ގަޑިއަކީ ރޭގަނޑު 10:30 ކަަމަށެވެ. އެގޮތުން ހުޅުމާލެ އާއި މާލެ އާއި ދެމެދު ކުރާ އެންމެ ފަހުގެ ބަސް ދަތުރު އޮންނާނީ 10:30 ގައި ކަމަށާއި ވިލިމާލެއިން މާލެއަށް އަދި ތިލަފުއްޓަށް ކުރާ ފެރީ ދަތުރުތަކުގެ އެންމެ ފަހު ދަތުރު އޮންނާނީވެސް ރޭގަނޑު 10:30 ގައި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒަރޫރީ ބޭނުން ތަކުގައި ތަންތަނަށް ދަތުރު ކުރުމަށް ޓެކްސީ ބޭނުން ކުރެވޭނެ ކަމަށެވެ. އެކަމަކު އެފަދަ ކަންކަމުގައި ބޭނުން ކުރެވޭނީ ފުލުހުން ހުއްދަ ދީފައިވާ ޓެކްސީތައް ކަަމަށާއި ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ހުއްދަ ދޫކޮށްފައިވާނެ ކަމަށެވެ.
ރޭގަނޑު 8:30 ގައި މާލެ އާއި ހުޅުމާލޭގެ ޕެޓްރޯލް ޝެޑުތައް ބަންދު ވާނެ ކަމަށާއި ވެހިކަލް އަދި އާންމުން ބޭރަށް ނުކުތުން މަނާ ގަޑީގައި ޕެޓްރޯލްޝެޑުގެ ހިދުމަތް ދޭނީ އެމަޖެންސީ ހާލަތުގައި ކަމަށެވެ. އެމަޖެންސީ ހާލަތުގައި ހިދުމަތް ދިނުމަށް މާލޭގައި އެއް ޕެޓްރޯލް ޝެޑު އަދި ހުޅުމާލޭގައި އެއް ޕެޓްރޯލް ޝެޑު ހުޅުވާފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ސެކިއުރިޓީ ފާމްތަކުގެ މުވައްޒަފުންނަށް އެވަގުތުގައި ޔުނީފޯމާއި އެކު ފާސް އަޅައިގެން އުޅުމުން ޑިއުޓީއަށް ދިޔުމުގެ ހުއްދަ ފުލުހުން ދޭނެ އެވެ. އެއާޕޯޓުން ފުރާ މީހުންނަށް ފްލައިޓު ޓިކެޓު ދެއްކުމުން އެއާޕޯޓަށް ނުވަތަ އަންނަ މީހުން ގެއަށް ދަތުރު ކުރުމުގެ ހުއްދަ ދޭނެ އެވެ.
ސަމީރު ވިދާޅުވީ ފެނާއި ގޭސް އުފުލުމަށް ރޭގަނޑު 8:30 ން 11:30 އަށް ކޮންމެ ކުންފުންޏަކަށް ބޭނުން ކުރެވޭނީ ދެ އުޅަނދު ކަމަށެވެ. އެކަމަކު ރޭގަނޑު 8:30 ން ފަތިހު 4:30 އަށް ކާބޯތަކެތީގެ ޑެލިވަރީގެ ހިދުމަތް ދިނުމަކީ މަނާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ގަވައިދުތަކާއި ހިލާފުވާ ފަރާތްތައް ނަސޭހަތް ދިނުމަކައި ނުލާ ޖޫރިމަނާ ކުރާނެ އެވެ. ޖޫރިމަނާ ކުރާނީ 1،000 ރުފިޔާ އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް