ފުލުހުން ނެތް ރަށްރަށުގައި މާސްކު ނާޅާނަމަ ފިޔަވަޅު އަޅާނީ ޓާސްކް ފޯސްއިން

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރު ކުރުމުން ފުލުހުން ނެތް ރަށްރަށުގައި ގަވައިދަށް އަމަލު ނުކުރާ ނަމަ ފިޔަވަޅު އަޅާނީ އެ ރަށެއްގެ ޓާސްކް ފޯސްއިން ކަމަށް ފުލުހުން ...

03 Feb 2021 | 08:33

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރު ކުރުމުން ފުލުހުން ނެތް ރަށްރަށުގައި ގަވައިދަށް އަމަލު ނުކުރާ ނަމަ ފިޔަވަޅު އަޅާނީ އެ ރަށެއްގެ ޓާސްކް ފޯސްއިން ކަމަށް ފުލުހުން ބުނެފި އެވެ.

ކޯވިޑް ކޭސްތައް އިތުރުވެފައިވާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި އާންމު ތަންތަނުގައި މާސް އެޅުން މަޖުބޫރު ވާނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ. މިހާރު މާސްކު އެޅުން މަޖުބޫރީ މާލޭ ސިޓީ އާއި މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި އެވެ.

ނޫސްވެރިންނަަށް މައުލޫމާތު ދެއްވަމުން ހެޑް އޮސް ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ އަތޮޅު ތެރޭގައި މާލެއެކޭ އެއްގޮތަށް އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކުރާ ދުވަހުން ފެށިގެން އެކަން ތަންފީޒު ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ކޮންމެ ރަށެއްގައި އެކުލަވާލާފައިވާ ޓާސްކް ފޯސްގައި ފުލުހުންގެ ބައިވެރިވުން ހިމެނޭނެ ކަމަށެވެ.

އެހެން ކަމުން ފުލުހުންގެ ބައިވެރިވުމާއި އެކު ފުލުހުންގެ ހިދުމަތް ނެތް ރަށްރަށުގައި މާސްކު އެޅުމުގެ ގަވައިދާ ހިލާފުވާ ފަރާތްތައް ބަލައި ފިޔަވަޅު އަޅާނީ އެ ރަށެއްގެ ޓާސްކު ފޯސްއިން ކަމަށް ސަމީރު ވިދާޅުވި އެވެ. ސަމީރު ވިދާޅުވީ މާސްކު ނާޅާ އާންމު ތަންތަނުގައި އުޅޭ ނަމަ މާލެ އެކޭ އެއްގޮތަށް އަތޮޅު ތެރޭގައިވެސް ނަސޭހަތް ދިނުމަކައި ނުލައި 1،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅާފައި ވަނީ ކޭސްތައް އިތުރުވެ ތިން ވަނަ ރާޅެއް ރާއްޖެއަށް އައުމުންނެވެ. އެޗްއީއޯސީން ބުނީ ރާއްޖޭގައި ކޯވިޑްގެ ކޭސްތައް ކުއްލިއަކަށް އިތުރުވެފައި މިވަނީ އާ ވޭރިއެންޓުތައް އުޅޭތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް