ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރަނގަޅު ކަމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.
ފާރިސް އާއި ދެކޮޅަށް ކްރިމިނަލް ކޯޓުން ނެރުނީ2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަޖިލީސް މެމްބަރުންގެ ސޮއި ހޯއްދެވެވުމުގައި ފާރިސް ރިޝްވަތު ދެއްވި ކަމަށްބުނެ އެވެ. އެ މައްސަލައިގަ އޭނާ ހަ މަސް ދުވަހު ޖަލު ބަންދުގައި ބަހައްޓާފައި އެވެ.
ފާރިސް ހައްޔަރުކުރަން ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރި ކަމަށެވެ. އަދި އޭނާ ހައްޔަރުކުރަން ޖެހޭ ސަބަބެއް ވެސް އޮތުމުން ހައްޔަރުކުރުމުގެ އަމުރު ނެރުނީ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މެމްބަރުން ހައްޔަރުކުރުމުގައި އަމަލުކުރަން ޖެހޭ އިޖުރާއާތު ފުރިހަމަ ކުރުމަށް ފަހު ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ހުކުމުގައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މެމްބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮތަސް، އެ ހާލަތުގައި މެމްބަރުން ހައްޔަރުކުރުން އެއްކޮށް މަނާ ނުވާނެ ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ އެ މާއްދާގެ ބޭނުމަކީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް މެމްބަރުން ޖަލްސާތަކަށް ނުދެވޭނެހެން ހައްޔަރުކުރުން މަނާކުރުން ކަމަށެވެ.
އެކަމަކު އެ މާއްދާ އޮތް ގޮތުން މެމްބަރުން ހައްޔަރުކުރުމުގެ އަމުރު ނެރެން އޭގެ ޒާތުގައި ހުރަހެއް ނެތް ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ކުށެއްގައި ފާރިސް ހަތަރު މަހަށް ޖަލަށް ލާން ކުރިން ހުކުމްކުރި އެވެ. އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް