އަތޮޅު ތެރޭގެ 19 ރަށެއްގެ ފެން ފަށަލަ އިޔާދަ ކުރެވެނެ ގޮތްތަކެއް ހޯދަން ދެ ކުންފުންޏަކާއި ހަވާލު ކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑް އަދި އިޕޮކް އެސޯސިއޭޓްސް އާއި އެވެ.
މި އެއްބަސްވުންތަކުގައި އެންވަޔަރަމަންޓު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ އެވެ. ރިޔަންގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު މަރިޔަމް މުހައްމަދު ޒަކީއެވެ. އީޕޮކްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޢާވިޔަތު އަބްދުއްސައްތާރެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އއ.މަތިވެރި، ހިމަންދޫ، އދ.ކުނބުރުދޫ، ދ.ބަނޑިދޫ، ހުޅުދެލި، މ. ނާލާފުށި، ވޭވަށް، ތ.ކަނޑޫދޫ، ވަންދޫ، އޮމަދޫ، ދިޔަމިގިލި، ގާދިއްފުށީގައި އެވެ. ދެން މަޝްރޫއު ކުރިޔަށް ގެންދަނީ ށ.ފޯކައިދޫ، ގއ.ނިލަންދޫ، މާމެންދޫ، ގދ.ފަރެސްމާތޮޑާ، ރަތަފަންދޫ، ނަޑެއްލާ އަދި ހޯޑެއްދޫގައި އެވެ.
އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން އެ ރަށްރަށުގެ ބިމުގެ ފެންފަށަލައިގެ ތަފްސީލީ ދިރާސާތައް ކުރާނެ އެވެ. އަދި ފެން ފަށަލަ އިޔާދަކުރުމަށް ގާއިމްކުރާނެ ވަސީލަތްތަކުގެ ފީސިބިލިޓީ ހެދުމާއި، ކޮންސެޕްޓް އަދި ޑީޓެއިލްޑް ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް މި ދެ ކުންފުނިން ކުރާނެ ކަމަށެވެ.
މި މަޝްރޫއު އެ ދެކުންފުންޏާއި ހަވާލުކޮށްފައިވަނީ 7.2 މިލިއަން ރުފިޔާ އަށެވެ. މި މަސައްކަތް ނިންމަން ޖެހެނީ ސޮއި ކުރާ ތާރީހުން ފެށިގެން ނުވަ މަސް ދުވަހުގެ ތެރޭގައި އެވެ.
މިއީ 2017 ވަނަ އަހަރު ފެށި ގްރީން ކްލައިމެޓް ފަންޑު ޕްރޮޖެކްޓުގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ. މި ޕރޮޖެކްޓަކީ ރާޢްޖޭގެ ގުދުރަތީ ފެން ފަށަލައަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ހިންގޭ ޕްރޮގްރާމްތަކަށް އަމާޒުކޮށްފައިވާ ޕްރޮޖެކްޓެކެވެ.
އެގޮތުން ފަސް އަހަރު ތެރޭގައި ރާއްޖޭގެ 29 ރަށެއްގެ ޖުމްލަ 19,871 ރައްޔިތުންގެ އާބާދީއަކަށް ސާފު އަދި ރައްކާތެރި ބޯފެން ފޯރު ކޮށްދިނުމާއި، ފެނުގެ ފަށަލަ ދިރާސާ ކޮށް މޮނިޓާ ކުރުމާއި، ހޫނުމޫސުމަށް ފެނަށް ޖެހޭ ރަށްރަށަށް ފެންފޯރު ކޮށްދޭނެ ޕްލޭން އެކުލަވާލާނެ އެވެ. އަދި އެ ދާއިރާއަށް ބޭނުންވާ މީހުން ބިނާ ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ފެނާއި ނަރުދާމާގެ ޓެރިފް އަދި ފައިނޭންޝަލް މޮޑެލް އެއް އެކުލާވާލުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް