ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކޯވިޑް-19 ވެކްސިން ޖަހަން ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖަހަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ފުރަތަމަ ވެކްސިން ދޭންފެށީ ސިއްހީ ދާއިރާގެ މުވައްޒަފުންނެވެ. އޭގެ ފަހުން މިއަދު ވަނީމ ާލޭ ސަރަހައްދުގައި ދިރިއުޅޭ 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށާފައި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް ވެކްސިނަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހޮޓާތަކާއި، ރިސޯޓުތަކާއި ސަފާރީތަކާއި ގެސްޓު ހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އޮންނާނެ ކަމަށެވެ. ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖަހައިދެނީ އެކަމަށް ބޭނުންވެގެން އެދޭ މުވައްޒަފުންނަށެވެ.
މިކަމަށް މުވައްޒަފުން އެދެން ޖެހެނީ ޓޫރިޒަމް މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށެވެ. އީމެއިލް ކުރަން ޖެހެނީ [email protected] އަށް ފޮނުވަން ޓޫރިޒަމް މިނިސްޓްރީން އެދިފައިވެ އެވެ.
އެ އީމެއިލްގައި މީހާގެ ނަމާއި އުފަން ތާރީހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ވަޒީފާ އަދާކުރާ ޑިޕާޓްމަންޓާއި މަގާމާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް މައުލޫމާތު ފޮނުވަން އެދިފައިވެ އެވެ. ބިދޭސީ މުވައްޒަފުން ރަޖިސްޓްރީވާން ޕާސްޕޯޓް ނަންބަރާއި ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ވެސް ހިމަނަން ޖެހޭނެ އެވެ.
މިވަގުތު ރާއްޖެއަށް ލިބިފައި ހުރި ވެކްސިން ޑޯޒުތަކުގެ ތެރެއިން10،000 މުވައްޒަފުންނަށް ވެކްސިން ދޭން ހަމަޖެހިފައިވެ އެވެ.
ފުރަތަމަ ބުރުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ 10،000 މުވައްޒަފުންގެ ތެރޭގައި ހިމެނޭނީ ޓޫރިސްޓުންނާ އެންމެ ގިނައިން ބައްދަލުވާ މުވައްޒަފުންނެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ އެ ވެކްސިން ޑޯޒުތައް ހުސްވާން ވާއިރަށް ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށްގެން އިތުރު ވެކްސިން ހޯދަނެ ކަމަށެވެ.
މި ދާއިރާގެ މުވައްޒަފުންނަށް ވެކްސިން ދޭން ފަށަން ނިންމާފައިވަނީ މާދަމާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް