ލީމް ތަފާތު ބޮޑު ކޮށް މޮޅުވެ ފެށުން ރަނގަޅު ކުރިއިރު، އެލްވައިޑީ ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި މިހާރު ފެށިގެން ކުރިޔައްދާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޗެލެންޖް 2021 ގައި އިއްޔެ ހަވީރާއި ރޭވެސް ފޯރިގަދަ މެޗުތަކެއް ވަނީ ކުޅެފައެވެ. މި މުބާ...

03 Feb 2021 | 05:10

މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ލ.ފޮނަދޫގައި މިހާރު ފެށިގެން ކުރިޔައްދާ ޔުނިކްސް ސްޕޯޓިންގް ވިމެންސް ހޭންޑްބޯލް ޗެލެންޖް 2021 ގައި އިއްޔެ ހަވީރާއި ރޭވެސް ފޯރިގަދަ މެޗުތަކެއް ވަނީ ކުޅެފައެވެ.

މި މުބާރާތުގެ ތިންވަނަ މެޗު އިއްޔެ ހަވީރު ކުޅުނުއިރު، މި މެޗުގައި ބައްދަލުކުރީ ލާމު ޔޫތް މޫވްމަންޓް (ލީމް) އާއި އައިލެންޑް ޔޫތް ޔުނައިޓެޑެވެ. މި މެޗު 3-13 ގެ ބޮޑު ތަފާތަކުން މޮޅުވީ ލީމްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލާމު ޔޫތް މޫވްމަންޓްގެ ޖާޒީ ނަމްބަރ 12 ފާތުމަތު ސަރުމީލާއެވެ. މިއީ މި މުބާރާތުގެ ތިންވަނަ މެޗެވެ.

މުބާރާތުގެ ހަތަރުވަނަ މެޗު ކުޅެވުނީ ރޭގައެވެ. އެގޮތުން ރޭ 20:10 ގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ގޯޅި ސްޕޯޓްސް ކުލަބާއި ޓީމް ރަނިއެވެ. މި މެޗު1-18 ގެ ބޮޑު ނަތޖާއަކުން ކާމިޔާބު ކުރީ ގޯޅި ސްޕޯޓްސް ކުލަބުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގޯޅި ޓީމުގެ ޖާޒީ ނަމްބަރ 11 ފާތުމަތު މަޒިއްޔާއެވެ.

ރޭ 21:10 ގައި ކުޅުނު މުބާރާތުގެ ފަސްވަނަ މެޗުގައި ބައްދަލުކުރީ ޑީބީ ސްޕޯޓްސް ކުލަބާއި ޑަބްލިޔުޑީސީ މާމެންދޫ އެވެ. މި މެޗު 5-11 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ޑަބްލިޔުޑީސީ މާމެންދޫ ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޑަބްލިޔުޑީސީ މާމެންދޫ ޓީމުގެ ޖާޒީނަމްބަރ 10 އައިޝަތް ޞަތުމާއެވެ.

ރޭގެ ތިންވަމަ މެޗަކީ މި މުބާރާތުގެ ހަވަނަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ އެލްވައިއެމް ހޭންޑްބޯޅަ އެކަޑަމީއާއި ޓީމް ނިރުވާނާއެވެ. މި މެޗު 2-7 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އެލްވައިޑީ ހޭންޑްބޯޅަ އެކަޑަމީންނެވެ. މިއީ މި ޓީމު މި މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. މި ދެމެޗުން އެވް އެޓީމު ވަނީ ތަފާތު ބޮޑުކޮށް މޮޅުވެފައެވެ. ރޭގެ މި މޮޅާއި އެކު އެޓީމު ވަނީ މުބާރާތުގެ ކުއާރޓާގެ އުންމީދު އާކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެލްވައިޑީ ހޭންޑްބޯޅަ އެކަޑަމީގެ ޖޯޒީ ނަމްބަރ 22 އައިމިނަތް ނަޖުދާއެވެ.

މިއަދާއި މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. އެގޮތުން މިއަދު ހަވީރު 16:45 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ރެހެންދި އަދި ކުރިގަމް ކަނބަލުންނެވެ.

މިރޭ 8:10 ގައި ކުޅޭ މެޗުގައި ގަމު ރީޖަނަލް ހޮސްޕިޓަލް އާއި އައިލެންޑް ޔޫތް ޔުނައިޓެޓް ބައްދަލުކުރާއިރު، މިރޭ 9:10 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގޯޅި  ސްޕޯޓްސް ކުލަބާއި ތުނޑީ ރިވޮލިޔުޝަން (ޓްރައި) އެވެ.

އަދި މިރޭ 10:10 ގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ކާމް އެމްބީޑީ އާއި ހޭޅި އެވެ.

މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ޔުނިކްސް ސްޕޯޓިންގް ގެ ފަރާތުންނެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 4000 ރުފިޔާގެ ފައިސާގެ އިނާމެއް ދިމުމައްވެސް ވަނީ ހަމަޖައްސާފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާރޓްނަރ އަކީ ދުވަސް އޮންލައިންވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް