ތިރީގައިވާ ދުޢާ ތަކަކީ ދުޅަހެޔޮކަމަށް އެދި ކުރުން ވާރިދުވެފައިވާ ދުޢާތަކެކެވެ. އެހެން ކަމުން ކޯވިޑްގެ މި ބަލިމަޑުކަމުގެ ހާލަތުގައި މި ދުޢާތައް ކުރުން ގިނަކުރުން މޮޅު އިތުރުވެގެންވެއެވެ.
((اللهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ)) [أخرجه مسلم 96 – (2739)]
މާނައީ: ” އޭ ﷲ! މިއަޅާ އިބަ ﷲ ގެ ނިޢުމަތްތައް ފިލައިގެން ދިޔުމުންނާއި، އިބަ ﷲ ދެއްވާފައިވާ ދުޅަހެޔޮކަން ބަދަލުވުމުންނާއި، އިބަ ﷲ ގެ ޢަޛާބު ކުއްލިއަކަށް އައުމުންނާއި އިބަ ﷲ ގެ އެންމެހާ ކޯފާއިން، އިބަ ﷲ ގެ ހަޟްރަތުން ރައްކާތެރިކަން ހޯދަމެވެ."
((اللهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلَاقِ، وَالأَعْمَالِ وَالأَهْوَاءِ)) [صحيح الترمذي]
މާނައީ: “އޭ ﷲ! ނުބައި އަޚްލާޤުންނާއި ނުބައި ޢަމަލުތަކުންނާއި ހަވާނަފްސުގެ އެދުންތަކުން، އިބައިލާހުގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ."
ޤުރްއާނަކީ މުއުމިނުން ނަށް ހުރި ޝިފާއެއް ކަން އަންގަވާފައި ވެއެވެ. މިކަން އަންގަވާ މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ.
” وننـزِّل من القـرآن ما هو شفاء ورحمة للمؤمنين ” ( الإسراء : 82)
މާނައީ: ” އަދި ތިމަންރަސްކަލާނގެ ޤުރްއާނުން ބާވާލެއްވީ މުއުމިނުންނަށް ޝިފާ އާއި ރަޙްމަތެކެވެ."
الإمام ابن القيم رحمه الله ވިދާޅުވެފައި ވެއެވެ.
” ކީރިތިޤުރްއާނަކީ ހިތާއި ހަށިގަނޑުގެ ހުރިހާ ބަލިތަކެއްގެ ފަރުވާއެވެ. އަދި ދުނިޔެ އާއި އާޚިރަތުގެ ކާމިޔާބީގެ ރާސްތާއެކެވެ. ފުރިހަމަ އީމާން ކަމާއި އިޢްތިޤާދާއި އަދި ތެދުވެރިކަމާއި އެކު ފަރުވާ ލިބިގަނެފި ނަމަ، ކީރިތިޤުރްއާނަށް ވުރެ ބަލިތަކަށް ހުރި ރަގަނޅު ފަރުވާއެއް ނުވެއެވެ. އުޑާއި ބިމުގެ ވެރިރަސްކަލާނގެ ބަސްފުޅު ފަރުބަދަތަކުގެ މައްޗަށް ނުވަތަ ބިމަށް ބާވާ ލެއްވި ނަމަ ފަރުބަދަތައް ފުނޑުފުނޑުވެ، ބިން ފަޅަފަޅައިގެން ދާނެކަން އަންގަވާފައި ވާ އިރު އޭގެން ބަލިތަކަށް ފަރުވާ ނުލިބިދާނެތޯއެވެ؟ ހިތާއި ހަށިގަނޑުގެ ބަލިތަކުގެ ތެރެއިން ކޮންމެ ބައްޔަކަށް ފަރުވާއެއް ނުވަތަ އެބަލިން ރައްކާތެރިވުމުގެ މަގު ކީރިތިޤުރްއާނުގައި ވާރިދުވެގެން ވެއެވެ."
زاد المعاد في هدي خير العباد
ކޮންމެ ހެނދުނަކާއި ހަވީރަކު މިއަންނަނިވި ޛިކުރު 3 ފަހަރު ކިޔައިފި އަޅަކަށް އެއްވެސް ކަމަކުން ގެއްލުމެއް
ނުވާނެކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ
(ޞަޙީޙް އަބީ ދާއޫދުގައި ޝައިޚް އަލްބާނީ ސައްޙަ ކުރައްވާފައިވާ ޙަދީޘަކުން)
އެތައް ޢިލްމުވެރިންނެއްގެ ކިބައިން ރިވާވެގެންވެއެވެ. މި ޛިކުރު ޤަވާޢިދުން ކިޔަމުން ދާހާ ހިނދެއްގައި އެއްވެސް ނުބައި ބަލިމަޑުކަމެއް ނުޖެހޭ ކަމެވެ.
اللَّهُمَّ ربَّ النَّاسِ ، أَذْهِب الْبَأسَ ، واشْفِ ، أَنْتَ الشَّافي لا شِفَاءَ إِلاَّ شِفَاؤُكَ ، شِفاءً لا يُغَادِرُ سقَماً ﷲ،
"ހައްދަވާ ގެންގުޅުއްވާ ރަސްކަލާކޮ، މިއަޅާއަށް ޖެހިފައިވާ ބަލި ފިލުއްވާނދޭވެ. އަދި މިއަޅާއަށް ޝިފާ ދެއްވާންދޭވެ. ބަލިތަކުން ޝިފާ ދެއްވެވޭ ހަމައެކަނި ފަރާތަކީ އިނބަ ﷲ. އިބަ ﷲ ގެ ހަޝްރަތުން އަންނަ ޝިފާ އަންނަ ޝިފާ އެހެން ޝިފާއެއް ނުވެއެވެ.(މިއީ އިނބަ ﷲގެ ހަޝްރަތުން ދެއްވުމަށް) އެ ޝިފާ ލިބުމުން ބަލިމަޑުކަމުގެ އެއްވެސް އަސަރެއްނެތި އެބަލިމަޑުކަން މުޅިންފިލައިދަނިވި ޝިފާއަކަށެވެ."
(اللَّهُمَّ عَافِنِيْ فِيْ بَدَنِيْ ، اللَّهُمَّ عَافِنِيْ فِيْ سَمْعِيْ ، اللَّهُمَّ عَافِنِيْ فِيْ بَصَرِيْ ، لَا إِلٰهَ إِلَّا أَنْتَ. اللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنَ الْكُفْرِ ، وَالْفَقْرِ ، وَأَعُوْذُ بِكَ مِنْ عَذَابِ الْقَبْرِ ، لَا إِلٰهَ إِلَّا أَنْتَ )
"އޭ ﷲ! މިއަޅާއަށް މިއަޅާގެ ހަށިގަނޑުގައި ދުޅަހެޔޮކަން ލައްވާނދޭވެ! އޭ ﷲ! މިއަޅާއަށް މިއަޅާގެ އެހުމުގައިވެސް ދުޅަހެޔޮކަން ލައްވާނދޭވެ! އޭ ﷲ! މިއަޅާއަށް މިއަޅާގެ ފެނުމުގައިވެސް ދުޅަހެޔޮކަން ލައްވާނދޭވެ! އިބަ އިލާހު މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އޭ ﷲ! ކާފިރުކަމުންނާއި ފަޤީރުކަމުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. އަދި ކަށްވަޅުގެ އަޛާބުން ރައްކާތެރިކޮށްދެއްވުމަށްވެސް މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. އިބަ އިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް