" ޝުއަރ ދޮންތާ... ރޫބީ ތައްޔާރުވެގެން ހުންނާތި ބޭންކަން ދާން.." އިންޒާރުގެ ބެލުމަކުން ރޫބީއާ ދިމާލަށް ބަލައިލަމުން އާކިން ބުންޏެވެ. އެވަގުތު އަނެއްކާވެސް ރޫބީގެ ހަނދާނަށް އައީ އިއްޔަގައި އާކިން ކަންތައް ކުރިގޮތެވެ. ރޫބީގެ ދެލޮލުން ޖެހިލުންވުން ފެނިގެން ދިޔަ ހިނދު އާކިންގެ ތުންފަތްމަތީގައި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ.
********************
ހިތާދެކޮޅަށް ނަމަވެސް އާކިންއާ އެކުގައި ބޭންކަށް ދާން ރޫބި ތައްޔާރުވިއެވެ. އާކިން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ހިތްވަރާއެކު އެކަމާ ކުރިމަތިލާން ރޫބީ ހުރީ ތައްޔާރަށެވެ. ރަތްކުލައިގެ އަތް ދިގު ކަކުލާ ހަމައަށް އަންނަ ހެދުމަކާއި ކަޅު ޖިންސެއް ލައިގެން ރޫބީ ކްލޯޒެޓުން ނިކުތްއިރު އޭނާގެ އިންތިޒާރުގައި އެނދުމަތީގައި ކަކުލުގައި ދެއަތް ވިދެލައިގެން އާކިން އިނެވެ. ރޫބީ ފެނުމުން ފައިން ފެށިގެން މައްޗަށް އާކިން ބަލައިލިއެވެ.
" އަހަރެންނަކަށް ކަމަކުނުދޭ ތިހެދުމެއް... އަނބިމީހާ ލާންވާނީ ފިރިމީހާ ހިތްހަމަޖެހޭ ކަހަލަ ހެދުމެއް.. ދޭ ބަދަލުކޮށްގެން އަންނަން..." އަމުރުވެރި ރާގަކަށް އާކިން ބުންޏެވެ. ވަކި އެއްޗެއް ނުބުނެ ރޫބީ އެތެރެއަށް ވަދެ ލައިގެން ހުރި ހެދުން ހަމައެކަހަލަ އެކަމަކު ތަފާތު ޑިޒައިނެއްގެ ހެދުމަކަށް ބަދަލު ކުރިއެވެ. ކްލޯޒެޓުން ނިކުތުމާއެކު މިފަހަރުވެސް އާކިން ބުނީ ކުރިން ބުނި ކަހަލަ ވާހަކައެކެވެ. މިފަހަރު އާކިންއަށް ކަމނުދިޔައީ ޑިޒައިނެވެ. ކެތްތެރިކަމާއެކު އަނެއްކާވެސް ރޫބީ އެތެރެއަށް ވަދެ ނިކުތީ ކަކުލަށްވުރެ ތަންކޮޅެއް މައްޗަށް ހުރި ނޫކުލައިގެ ހެދުމެއްގައެވެ.
" ތިހެދުން މާބާރެއްނު.. އަހަރެންގެ އަނބިމީހާ ތިފަދަ ހެދުމެއްގައި ބޭރަށް ދާން އަހަރެން ބޭނުމެއްނޫން... " ރޫބީ ފެނުމާއެކު އާކިން ބުންޏެވެ. މިފަހަރު ރޫބީ ކައިރިއަށް ރުޅިއަންނަ ގޮތްވިއެވެ. އެހެންނަމަވެސް ކެތްތެރިވިއެވެ. އެއްވެސް ހާލެއްގައި އާކިންއަށް އޭނާގެ ބަލިކަށިކަން ދައްކާކަށް ރޫބީ ބޭނުމެއް ނޫނެވެ.
މިފަހަރު ރޫބީ ނިކުތީ ކަކުލަށްވުރެ ތިރިއަށް ހުރި ގަޔަށް ދޫ ހެދުމެއްގައެވެ. އާކިންއަށް ކަމަކު ނުދިޔައެވެ. މިފަހަރު ހެދުން ތަންކޮޅެއް ދިގުވީއެވެ. މިފަދަ ގޮތަކަށް އެތައްއިރެއް ވަންދެން އާކިން ރޫބީ ތެޅުވިއެވެ. ނަމަވެސް ރޫބީ ކެތްތެރިކަމާއެކު އާކިންގެ ކޮންމެ އަމުރަކަށް ކިޔަމަންވަމުން ދިޔައެވެ. އާކިންއަށް މަޖާވެފައިން އިން ކުޅިގަނޑު ހުއްޓުނީ އަމްރާ އެކޮޓަރިއަށް ވަނުމުންނެވެ. ރޫބީއަށް ހިތްހަމެޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.
" ކޮބާ އަދިވެސް ތައްޔާރު ނުވަންތަ؟ ހިނގާ ދާން އަވަހަށް.." އަމްރާ ގަޑިއަށް ބަލައިލަމުން ބުންޏެވެ. އެގަޑީގައި އެތަނުން އަމްރާ ފެނުމުން އާކިން އިނީ ހައިރާންވެފައެވެ.
" ދޮންތަ ކްލިނިކަށް ނުދަންތަ އަދިވެސް..؟" އިންތަނުން ތެދުވަމުން އާކިން އަހައިލިއެވެ. އެވަގުތު ރޫބީ ޑްރެސިންގް ޓޭބަލް ކައިރިއަށް ގޮސް ރީތިކޮށް ބޯއޮމާން ކޮށްލިއެވެ.
" ދޮންތަގެ ކާރު ހަލާކުވެގެން ނުދެވިގެން އުޅުނީ.. ރިކީވެސް ވެއްޖެ ޒޫނީ ގޮވައިގެން ކޮންމެވެސް ތަނަކަށް ގޮސް.. އެހެންވެ އާކި މެންގެ ކާރުގަ ދާންވެގެން.." އަމްރާ ބުނެލިއެވެ.
***********************
" ހަމަ އަސްލުވެސް ދޮންތަގެ އަމިއްލް ކްލިނިކެއްތަ އެއީ؟" ކާރުގެ ކުރީ ސީޓުގައި އިން ރޫބީ އަމްރާ އާ ސުވާލުކޮށްލިއެވެ. އަމްރާ ހީނލަމުން ބޯޖަހައިލިއެވެ.
" ބޭންކަށް ގޮސް ނިންމާފައި އަހަރެން ބޭނުން ދޮންތަގެ ކްލިނިކް ބަލައިލަން ދާން.. " އާކިން ކައިރިން ސަލާމްތްވާނެ ގޮތެއް ވިސްނަމުން ރޫބީ ބުންޏެވެ.
" ޝުއަރ.. އާކިމެން ނިމުނީމަ ރޫބީގެ ގެނެސް ކްލިނިކަށް ލައި ދޭތީ.. އަސްލު ދޮންތައަށް ރަނގަޅީ އާކިވެސް އައިއްޔާ.. ކްލިނިކްގެ ސިސްޓަމަށް ކުޑަ މައްސަލައެއް ދިމާވެގެން މިއުޅެނީ.. އެކަން ރަނގަޅުކޮށްލަދޭން އާކި ކައިރީގައި ބުނަންވެގެން ހަނދާން ނެތިފަ ހުއްޓަ މިހަނދާންވީ..." އަމްރާ ބުނެލިއެވެ. އާކިންގެ މޫނުމަތިން ވަކި އަސަރެއް ނުފެނުނު ނަމަވެސް ބޯޖަހައިލިއެވެ. އަމްރާ ކްލިނިކަށް ލުމަށްފަހު ރޫބީ ގޮވައިގެން ބޭންކަށް ދިއުމަށް މިސްރާބު ޖެހިއެވެ. ރޫބީ އިނީ އާކިން ދެން ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ ޖެހިލުންވެފައެވެ. ނަމަވެސް މޫނުމަތިން އެކަން ނުދައްކާވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ބޭންކު ކައިރިއަށް ކާރު މަޑުކޮށްލުމުންވެސް ރޫބީ އިނީ ފައިބާން ޖެހިލުންވެފައެވެ.
" އަހަރެން ވަކި ޙާއްސަ ދަޢުވަތެއް ދެންދެކަށްތަ ތިއިންނަނީ ނުފައިބާ.." އާކިންގެ ރުންކުރު ރާގުގައި ބުންޏެވެ. ރޫބީ ދެވިސްނުމެއްގައި އިނދެފައި ފޭބިއެވެ. ރޫބީ ހީކުރިގޮތާ ޙިލާފަށް އާކިން ކާރުން ފޭބުމުން ރޫބީ ހިތްހަމަނުޖެހުނެވެ. ވަކި ބަހެއް ނުބުނެ އާކިން ބޭންކަށް ވަދެގެން ދިއުމުން ރޫބީވެސް އާކިންގެ ފަހަތުން ވަނެވެ. ބޭންކުން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައިލުމަށްފަހު އާކިން ރޫބީ ގޮވައިގެން އަމްރާގެ ކްލިނިކަށް ދިއުމަށް މިސްރާބުޖެހިއެވެ. އިމާރާތެއްގެ ތިންވަނަ ފަންގިފިލާގައި ހުރި އެކްލިނިކްގެ ދޮރު ހުޅުވާލާފައި އާކިންގެ ފަހަތުން ރޫބީ ވަނެވެ. މުޅިތަން ކަހަލަ ގޮތަކަށް ފުރިފައި އޮތީ އަންހެނުންނާއި ކުޑަކުދިންނެވެ. ކޮންމެވެސް ވަރަކަށް ފިރިހެނުންވެސް ތިއްބެވެ. އާކިން ފެނުމުން ކައުންޓަރުގައި ތިބި ކުދިންނަށް ވަގުތުން އެނގިއްޖެއެވެ. އާކިން އައި ބޭނުން އެނގި އެތާ ތިބި ދެތިން ކުއްޖަކު ކައުންޓަރު އާކިން އާ ހަވާލުކުރުމަށްފަހު އެއްކައިރިއަށް ޖެހުނެވެ. ހަދާނެ ގޮތެއް ނޭނގިފައި ރޫބީ އެއްކައިރިއެއްގައި ހުއްޓިގެން ހުއްޓެވެ. އަމްރާއަށް ރޫބީ ފެނުނީ ކޮންމެވެސް ކަމެއްގައި އޭނާ ބޭރަށް ނިކުތް ވަގުތުއެވެ.
" ކީއްވެ އައި ވާހަކަ ނުވެސް ބުނެ ތިހުރީ.؟" ރޫބީގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއަށް ވަންނަމުން އަމްރާ ބުންޏެވެ. ރޫބީ އިށީނީ ބަލިމީހުން ބަލާ މޭޒާ ތަންކޮޅެއް ދުރުގައި ހުރި ސޯފާއެއްގެ މަތީގައެވެ. އިރުކޮޅަކުން އާކިން ބޯދިއްކޮށްލުމަށްފަހު މައްސަލަ ހައްލު ވެއްޖެ ކަމުގައި ބުންޏެވެ. އާކިން އާ އެކު ދާންޖެހޭ ގަޑި ޖެހުނީ ކަން ރޫބީގެ ހިތް ނުތަނަވަސް ވިއެވެ.
" އޯކޭތަ އަހަރެން ދޮންތަ އާއެކު ދާން މަޑުކޮށްލިޔަސް.. " ރޫބީ އެދުނެވެ. އާކިން އޭނާއަށް އެއްވެސް ޖެއްސުމެއް ކުރަން ފުރުސަތުދޭކަށް ބޭނުންނުވީއެވެ. އަމްރާ ބޯޖަހައިލުމުން އާކިން ދޮރު ލައްޕައިލުމަށްފަހު އެތަނުން ދިޔައީއެވެ.
ބަލި މީހުން ބަލާ ނިމުނުއިރު މެންދުރުން އަނބުރާ ތިނެއް ޖަހަނީއެވެ. އަމްރާ އާ އެކީގައި ގެއަށް ދާން ނިކުތްއިރު ރޫބީގެ ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ.
" ކޮބާ ކާރު ރަނގަޅު ވެއްޖެތަ؟" ފޯނުން ކޮންމެވެސް މީހަކަށް ގުޅައިލުމަށްފަހު އަމްރާ އަހައިލިއެވެ. އަމްރާ ފޯނު ބޭއްވީ މާޔޫސްވެ ހުރެއެވެ.
" އިޓްސް އޯކޭ ދޮންތާ.. ބައެއްފަހަރު ޖެހޭނެ ހިނގާލަންވެސް.." އަމްރާއާ އެއްކޮށް ކްލިނިކުން ނިކުންނަމުން ރޫބީ ބުންޏެވެ.
" ރަނގަޅު ވާހަކައެއް ތިބުނީ.. އަބަދު ކާރުގަ އުޅޭކަށްވެސް ނުވާނެ ދޯ.. ދެން މިއަދު ހިނގާލާފަ ދޯ ދާނީ.." ރޫބީއާ އެކުގައި ކުރިއަށް ހިނގައިގަންނަމުން އަމްރާ ބުންޏެވެ.
" ދޮންތަ އެއްޗެކޭ ހީނުކުރާމަތިން ވާހަކައެއް އަހައިލަންތަ؟" ދެވިސްނުމެއްގައި ހުރުމަށްފަހު ރޫބީ އަހައިލިއެވެ. އަމްރާ ހީނަލމުން ބޯޖަހައިލިއެވެ.
" ދޮންތަ މެރީ ކުރާކަށް ނުވިސްނަންތަ؟" ރޫބީގެ ސުވާލުން އަމްރާގެ މޫނުމަތި މިލައިގެން ދިޔަތަން ރޫބީއަށް ރަނގަޅަށް ފެނުނެވެ.
" ސޮރީ..." ކުރެވުނީ ރަނގަޅު ސުވާލެއް ނޫންކަން އިހުސާސްވެ ރޫބީ އަވަސް އަވަހަށް ބުނެލިއެވެ. އެހިނދު އަނެއްކާވެސް އަމްރާ ހިނިތުންވެލިއެވެ.
" ނޯ އިޓްސް އޯކޭ.. ދޮންތަ ވަރަށް ކުރިން މެރީ ކުރިން.. ޒިވަން.. ހިޒް ނޭމް އިޒް ޒިވަން.. ފަސް އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު މެރީ ކުރީ.. ރައްޓެހިވެގެން އުޅުނު ފަސް އަހަރުވެސް އެއްވެސް މައްސަލައެއް ނުޖެހޭ ވަރަށް ލޯބިން އުޅުނީ.. އެކަމަކު މެރީ ކޮށްގެން ދެއަހަރު ވާން ގާތްވެފައި ވަނިކޮށް... ނޭނގެ ކިހިނެއްވެގެންކަމެއް.. މައްސަލަތައް ޖެހެން ފަށައިފި.. އެންމެ ފަހުން އުޅެވޭ ވަރު ނުވެގެން ޑިވޯސްވީ.." އޭނާގެ ހިތި މާޒީ ކިޔައިދެމުން އަމްރާ ބުންޏެވެ. އެވަގުތު އަމްރާގެ މޫނުމަތިން ފެންމަމުން ދިޔަ މޮޅިވެރިކަން ރޫބީއަށް ރަނގަޅަށް ސާފުވަމުން ދިޔައެވެ.
" ދެން މިހާރު ކޮބާ.. ޒިވަން..." އިތުރަށް އޮޅުންފިލުވަން ބޭނުންވެގެން ރޫބީ އަހައިލިއެވެ.
" ޒިވަން އަކީވެސް ޑޮކްޓަރެއް... މަޝްހޫރު ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ކަށީގެ ޑޮކްޓަރެއް..." އަމްރާ ބުންޏެވެ. އިތުރަށް އޮޅުންފިލުވާކަށް ރޫބީ ގަސްދެއް ނުކުރިއެވެ.
އަމްރާ އާ އެކުގައި އެކި ވާހަކަތައް ދައްކަމުން ހިނގާފައި އަންނަނިކޮށް ފެނުނު މަންޒަރަކުން ރޫބީ ހުރިތަނަށް ގަނޑުވިއެވެ. ފެހި ކުލައިގެ ދޮރޯއްޓެއްލާފައި ހުރި ގެއަށް އެވަނީ ސައިފް ނޫން ދެވަނަ މީހެއް ނޫނެވެ. ރޫބީ ލައި ލައި ހުރި ނޭވާވެސް އެތެރޭގައި ތާށިވި ކަހަލައެވެ. ޤަބޫލުކުރަން ދަތިވެފައި އެގެއާ ދިމާލަށް ބަލަހައްޓައިގެން ރޫބީއަށް ހުރެވުނީއެވެ.
" ކިހިނެއްވީ ރޫބީ..." ރޫބީގެ އަތުގައި ހިފައިލަމުން އަމްރާ އަހައިލިއެވެ.
" ކަ.. ކަމެއްނުވޭ..." ސިހިފައި ރޫބީއަށް ބުނެވުނެވެ. އަމްރާއާ އެކު ކުރިއަށް ހިނގަމުން ދިޔަ ނަމަވެސް ރޫބީއަށް އިރުއިރުކޮޅާ އެގޭ ދޮރަށް ބެލެމުން ދިޔައެވެ. އެންމެ ފަހުން ރޫބީ ނިންމީ އެއީ ހީވިގޮތެއް ކަމުގައެވެ.
*****************************
އާކިން ރޫބީގެ އިންތިޒާރުގައި އިންފަދަ އެވެ. މިހާރު ރޫބީއަށް ޖެއްސުމެއް ކޮށްނުލިއްޔާ އާކިންގެ މުޅި ދުވަސްވެސް ހަރާބުވާ ފަދައެވެ. އަމްރާއާއެކު އެކޮޓަރީގައި އުޅުމަށްފަހު ރޫބީ އެނބުރި ކޮޓަރިއަށް ވަންނައިރަށް ލިބުނީ ސިހުމެކެވެ. ސޯފާ މަތީގައި އެހުރީ އާކިން ލާން ގެންގުޅޭ ހުރިހާ އަންނައުނެކެވެ. ރޫބީ ބަލައިލީ އެނދުގައި ހެވިފައި އިން އާކިންއަށެވެ.
" އަހަރެންގެ ހުރިހާ ޓީޝާޓަކާ ގަމީހެއްގައި ހުރި ރޫޖެހިފައި.. އިސްތިރިކޮށްފައި ނޫނީ ނުނިދާތީ.." އަމުރުވެރި ރާގަކަށް އާކިން ބުންޏެވެ.
" އެކަމަކު ނާބީ ހުރީ ހުރިހާ އެއްޗެއް އިސްތިރިކޮށްފައެއްނު.. ބަލާ މިގަމީހުގަ ނެތް އެންމެ ރުލެއްވެސް.." އެތަނުން ގަމީހެއް ނަގައި އާކިންއަށް ދައްކައިލަމުން ރޫބީ ބުންޏެވެ.
" އަހަރެން ރޫބީ ކައިރީގައި ނުބުނަމެއްނު ތިގަމީސްތައް ޗެކް ކުރާށޭ.. ބުނީމަ ބުނާގޮތް ހަދާނީ.. އަހަރެން މިބުނީނު އިސްތިރިކުރާށޭ.. " ހިތްހަމަނުޖެހިފައި އާކިން ބުންޏެވެ. " ދެން ބޭކާރު ވާޙަކަތަކެއް އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫން.. ނިދަން މިއުޅެނީ.. އަހަރެންނަށް އުނދަގޫ ނުކުރާތި.." ރަޖާ އަޅައިގެން އެނދުގައި އޮށޯންނަމުން އާކިން ބުންޏެވެ. ފުންނޭވައެއް ދޫކޮށްލަމުން ރޫބީ ހުރިހާ އަންނައުނު ތަކަށް ބަލައިލިއެވެ. އަތަށް ހުރިހާ އެއްޗެއް ބޮނޑިކޮށްލުމަށްފަހު ހިފައިގެން ކޮޓަރިން ނިކުމެ ލޯންޑްރީ ބަޔާ ދިމާލަށް މިސްރާބު ޖެހިއެވެ.
ހުރިހާ އެއްޗެއް އިސްތިރިކޮށް ނިމުނުއިރު ގަޑިން މެންދަމުން އަނބުރާ ދޭއް ޖަހަން ގާތްވެއްޖެއެވެ. ހުރިހާ އެއްޗެއް ކްލޯޒެޓަށް ލުމަށްފަހު ރޫބީ ބޭނުންވީ އަވަހަށް އޮށޯވެލުމަށެވެ. ނަމަވެސް ސޯފާ ކައިރިއަށް ދިޔައިރު ސޯފާމަތީގައި ބަރިބަރިއަކަށް ފޮތްތަކެއް ހުއްޓެވެ. މަތީގައި ނޯޓުކޮޅެއް އޮތުމުން އެނަގާފައި ރޫބީ ކިޔައިލިއެވެ.
" މިފޮތްތައް މިތަނުން ނުނަގާތި.." އެނޯޓުކޮޅުގައި މިހެން ލިޔެފައިވެއެވެ. ގަސްދުގައި އާކިން އޭނާއަށް ޖެއްސުމަށް ކުރިކަމެއްކަން ރޫބީއަށް އެނގުނެވެ. ކުއްލިއަކަށް ރޫބީގެ ސިކުނޑިއަށް އައި މޮޅު ހިޔާލާއެކު އެގޮތަށް ކަންތައް ކުރުމަށް އަވަސްވެގަތެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، ފަހެއް ޑިސެމްބަރ ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް