" އޯކޭ ދޮންތާ.. ސީ ޔޫ.." ރޫބީގެ އުނަގަނޑުގައި ހިފައި ގަޔާ ކައިރިކޮށްލަމުން އާކިން ބުންޏެވެ. ރޫބީ ހުރީ ހައިރާންވީ ވަރުން ބުނާނެ އެއްޗެއް ނޭނގިފައެވެ. އާކިން މަޤްސަދަކީ ކޮބައިބާވައޭ ހިތަށް އަރާފައެވެ.
" ލެޓްސް ގޯ ވައިފީ..." ރޫބީ ގޮވައިގެން ކުރިއަށް ހިނގައިގަންނަމުން އާކިން ބުންޏެވެ. އެމީހުން ގެއިން ނިކުންނަ މަންޒަރު ބަލަން ހުރި އަމްރާ ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. ދެމީހުންވެސް އޭނާގެ ނަސޭހަތް ޤަބޫލުކުރީތީ އެކަމާ އުފާކުރިއެވެ.
********************
ކާރު އާދައިގެ ސްޕީޑެއްގައި ދުއްވަމުން ދިޔަ އާކިން މޫނަށް ރޫބީއަށް އިރުއިރުކޮޅާ ބަލައިލެވެއެވެ. ކަންތައްވަމުން ދިޔަ ގޮތުން އޭނާ އެ އިންނަނީ ހައިރާންވެ އަންތަރީސްވާވަރުވެފައެވެ. ކުއްލިއަކަށް އާކިންއަށް އެހާ ބޮޑު ބަދަލެއް އައިސްދާނެ ކަމަކަށް ރޫބީއަށް ޤަބޫލެއް ނުކުރެވުނެވެ.
" ކޮންތާކަށް މިދަނީ؟" އެންމެ ފަހުން ނީދެވިގެން ރޫބީ ސުވާލުކޮށްލިއެވެ.
" ޑޭޓަކަށްނު..." ކުރިއަށް ބަލަހައްޓައިގެން އިނދެ އާކިން ބުނެލިއެވެ. އިތުރު ސުވާލެއް ކުރާކަށް ރޫބީއަށް ނުކެރުނެވެ. އާކިންގެ ނިޔަތަކީ ކޮބައިކަން ނޭނގޭތީ އޭނާ އިނީ ޖެހިލުންވެފައެވެ. ދިހަވަރަކަށް މިނެޓް ދުއްވުމަށްފަހު އާކިން ކާރު މަޑުކޮށްލީ ލޮނުޒިޔާރަތް ޕާކު ކައިރިއަށެވެ. ފެންނަމުން ދިޔަ ހިތްގައިމު ޕާކަށް ރޫބީ ބަލަން އިންއިރު އޭނާގެ ތުންފަތްމަތިން ހިނތުންވުމެއް ފާޅުވެލިއެވެ.
" ފައިބާ!!" އަމުރުވެރި ރާގަކަށް އާކިން ބުނެލިއެވެ. ރޫބީ ބޯޖަހައިލަމުން ކާރުން ފޭބިއެވެ. ރޫބީގެ ހިތަށް ނުތަނަވަސްކަމެއް ވެރިވީ އާކިން ކާރުން ނުފޭބުމުންނެވެ. ކާރުގެ ލޯގަނޑު ތިރިކޮށްލާފައި އާކިން ބަލައިލީ ރޫބީ މިފަދަ ވިސްނުމެއްގައި ހުއްޓައެވެ.
" ރޫބީ ވަރަށް ބޭނުމެއްނު ދޯ އަނތްބެއްގެ ވާޖިބު އަދާކުރަން.. ދީނާ ހިލާފުވެގެން ނުވާ ކަމެއްގައި ފިރިންގެ އަމުރަށް ކިޔަމަންވުމަކީ އަނބިމީހާގެ އެންމެ ބޮޑު އެއް ވާޖިބު.. ނޫންތަ؟" އާކިން ހިނިތުންވެލައިގެން އިނދެ ބުންޏެވެ. ރޫބީގެ ނިތަށް ރޫގިނަވެގެން ދިޔައީ އާކިން ބުނަން އެއުޅެނީ ކީކޭ ކަމެއް ނޭނގުމުންނެވެ.
" ވަޓް ޑޫ ޔޫ މީން.. ކީކޭ ބުނަން ތިއުޅެނީ؟" ރޫބީ ސުވާލުކޮށްލިއެވެ.
" ފިރިއެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ އަމުރެއް ކުރަން މިއުޅެނީ.. މިހިސާބުން ފެށިގެން ގެއާ ހަމައަށް އެކަނި ހިނގާލާފަ އާދޭ.. " އާކިން ބުންޏެވެ. ރޫބީއަށް ލިބުނީ ސިހުމެކެވެ. ކުއްލިއަކަށް އާކިންގެ ކާރާ ކައިރިއަށް ޖެހިލެވުނެވެ.
" ޑޯންޓް ވޮރީ ވައިފީ... މާދުރެއް ނޫނެއްނު... ހެންވޭރުން މާފަންނަށް... ގާތްގަނޑަކަށް ވިހިވަރަކަށް މިނިޓްވާނީ... އައިލް ބީ ވެއިޓިން ފޯރ ޔޫ ... ބާއި.." ބާރު ސްޕީޑްގައި ކާރު ދުއްވައިލުމުގެ ކުރިން އާކިން ބުންޏެވެ.
ހުރި ތަނަށް ގަނޑުވެފައި ރޫބީއަށް ހުރެވުނީއެވެ. ފަހަރެއްގައިވެސް އާކިން އެފަދަ ކަމެއް ކުރަން އުޅޭކަން އެނގުނުނަމަ އާކިންއާ އެއްކޮށް އޭނާ ނާންނާނެއެވެ. މާލޭ ތެރޭގައި ހިނގަން ނޭނގޭ ވާހަކަ މިއަދު އަމްރާ ކައިރީގައި ދެއްކިއިރު އާކިން އަޑުއަހަން ހުރީކަން ރޫބިއަށް ޔަގީންވިއެވެ. ހަދާނެ ގޮތް ހުސްވެފައި ރޫބީއަށް ދެކޮޅު ބަލައިލެވުނެވެ. ކާރެއް މަޑުކުރުވަން ހިތަށް އަރާފައިވެސް އަތުގައި ލާރި ނެތްކަން ހަނދާންވި ހިނދު ރޫބީގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. މީހެއްކައިރީގައި އެހީއަށް އެދެން ބޭނުންވިޔަސް އެކަން ކުރާކަށްވެސް ނުކެރުނެވެ. ހަދާނެ ގޮތް ހުސްވެފައި ހިތުން ދުޢާކޮށްލަ ކޮށްލާ ހުއްޓައި ކުއްލިއަކަށް އައި ހިޔާލުން ރޫބީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މަގެއް ދެއްކެވިކަމަށްޓަކައި ހިތާހިތުން ﷲއަށް ޙަމްދުކޮށްލެވުނެވެ. ރީނާއަށް ގުޅައިގެން އިއްޔެ ފޯނަށް ޑާޓާ އެޅުނީ ނަސީބެކޭ ހިތަށް އެރިއެވެ. އަވަހަށް ފޯނު ނެގުމަށްފަހު ރޫބީ ފޯނުން މެޕްސް އެޕަށް ވަދެލިއެވެ. އެއަށްފަހު އޭނާ މިހާރު ހުރިތަނާ ދާންވިތަން ޖަހައިލުމާއެކު ރާސްތާ ފެނިގެން ދިޔައެވެ. އެއާ އެއްގޮތަށް ހިނގަމުން ރޫބީއަށް ގެއާ ހިސާބަށް އާދެވުނުއިރު ތިރީހަކަށް މިނިޓް ވެއްޖެއެވެ. ގެ ފެނުމާއެކު ރޫބީގެ ތުންފަތަށް ވެރިވީ ބަޔާންކުރަން ދަތި ހިނިތުންވުމެކެވެ.
ރޫބީ ގޭޓާ ކައިރިވުމާއެކު ގޭޓުކައިރީގައި އިން ދޮރުވާނު ހީނލަމުން ގޭޓް ހުޅުވައިލައިދިނެވެ. ރޫބީވެސް ހިނިތުންވެލަމުން އެތެރެއަށް ވަދެގެން ދިޔައެވެ. ވޯކްވޭއިން ހިނގާލާފައި ދިޔައިރު ރޫބީގެ ސިކުނޑީގައި އެތައްކަމެއް ރާވަމުން ދިޔައެވެ. އާކިން ކޮށްލާ ކުޑަ ކުޑަ ޖެއްސުމަކުން އޭނާ ފަހަތަށް ޖެހޭނޭ ހީކުރުމަކީ އާކިންއަށް ކުރެވޭ ބޮޑު ކުށްހީއެކެވެ. އާކިންގެ ކިބައިން ބަދަލު ހިފާކަށް ރޫބީ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އޭނާހުރީ ފަހަތަށް ޖެހޭގޮތަކަށް ނޫންކަން އާކިންއަށް އަނގައިދޭން އޭނާ ބޭނުންވެއެވެ.
ގޭތެރެއަށް ވަންގޮތަށް މަޑުނުކޮށް ރޫބީ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި ހަމަޖެހިލައިގެން ދެފައި ތަޅުވަތަޅުވާލާ އާކިން އޮތެވެ. ރޫބީ ފެނުމުން އާކިންގެ ތުންފަތްމަތީގައި ކުޅެލީ މަލާމާތުގެ ހިނިތުންވުމެކެވެ. ރޫބީ ވަކި އެއްޗެއް ނުބުނެ ގޮސް ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ.
*************
" ސޯ އާކި ހައު ވަޒް ދަ ޑޭޓް..." ކާމޭޒު ކައިރީގައި އިށީން އާކިން ކައިރީ ޒޫނީ އަހައިލިއެވެ.
" ތެދެއް އާކި.. ދޮންތަ ބުނި މިއަދު ރޫބީ ގޮވައިގެން ޑޭޓަކަށް ދިޔަ ވާހަކަ.." އަރީކްވެސް އަހައިލިއެވެ. އާކިންއަށް ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ވާހަކަ ދެއްކީ އެތަނަށް އައިސް ވަން ރޫބީއެވެ.
" ޑޭޓް ވަރަށް ސަޅި ދޮންބޭ.. އާކި ކަހަލަ ލޯބިވާ ފިރިއެއް ލިބުނީތީ އުފާކުރަން...." އާކިންގެ ދެކޮނޑުގައި އަތްއަޅުވައިލަމުން ރޫބީ ބުންޏެވެ. އާކިންއަށް އުނދަގޫވިނަމަވެސް އިތުރު ހަރަކާތެއް ކޮށްލާކަށް ނުކެރުނެވެ. ބޭނުންނުވިޔަސް ހިނިތުންވެލަން މަޖުބޫރުވިއެވެ.
" ޑޯންޓް ޓެލް މީ އާކި.. އަނެއްކާ ކާން ތިއުޅެނީ...؟"އެހުރިގޮތަށް ހުރެ އާކިންގެ މޫނު ފެންނަ ގޮތަށް ކުޑަކޮށް ގުދުވެލަމުން ރޫބީ އަހައިލިއެވެ.
" ދޮންތަމެންނަށް ޤަބޫލުވެސް ނުކުރެވޭނެ މިއަދު އާކި ކާލި ވަރު.. ނުވީތާކަށް އަހަރެންނަށް ނުކެވުނުބައިވެސް ހުސްކޮށްދިނީ އާކި.. " ރޫބީ ބުންޏެވެ.
" އަސްލުވެސް؟؟ ސޯ ސްވީޓް އޮފް ޔޫ އާކި.. އެކަމަކު ދެން ކެއުމަކީ އެހާ ރަނގަޅުކަމެއް ނޫނެއްނު.. ސިއްޙަތަށް ބަލަން ވާނެއްނު.." ކައިރީގައި ހުރި ފެންތަށިން ކޯވަރެއް ބޯލަމުން އަމްރާ ބުންޏެވެ.
" އެމައްސަލައެއް ނޫނޭ ދޮންތާ.. ލޯބި ލިބެންޏާ އެހެންވެސް ވާނެ.." ދިމާކުރާ ފާޑަކަށް ޒޫނީވެސް ބުންޏެވެ. އަރީކްގެ ތުންފަތްމަތީގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. އާކިން ކައިރިއަށް އިންތިހާއަށް ރުޅިއަންނަމުން ދިޔަ ނަމަވެސް މޫނުމަތިން އެކަން ނުދައްކައިވޭތޯ މަސައްކަތް ކުރިއެވެ.
" އަސްލު ކާންވެގެނެއް ނޫނޭ އައީ.. ހަމަ ދޮންތަމެންނާއެކު ވަގުތު ހޭދަކޮށްލަންވެގެން.." އާކިންއަށް އެޖަވާބުދޭން މަޖުބުރުވި ފަދައެވެ.
" އަހަރެން އިހަށް ގޮސްލަނީ... ސީ ޔޫ އޯލް ލެއިޓަރ.." އިންތަނުން ތެދުވެ ހިނގައިގަތުމުގެ ކުރިން އާކިން ބުންޏެވެ.
***************
ލިބުނު ހިތްހަމަނުޖެހުމުގައި އާކިން ގޮސް ވަނީ ލައިބްރަރީއަށެވެ. މޭޒު ކައިރީގައި ފޮތެއް ހުޅުވައިގެން އިންނަމަވެސް އޭނާގެ ސިކުނޑީގައި ރާވަމުން ދިޔައީ ރޫބީގެ ކިބައިން ބަދަލު ހިފާނެ ގޮތަކާމެދުގައެވެ. ރޫބީގެ ސަބަބުން އޭނާ އިންނަން މިޖެހުނީ އިންތިހާއަށް ބަނޑުހައިވެފައެވެ. ބޭރަށް ގޮސް ކައި އުޅުމަކީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާ ކަމެއް ނޫނެވެ. ލައިބްރަރީގެ ޓަކި ޖަހާލާފައި ރޫބީ އެތެރެއަށް ވަދެގެން އައީ އާކިން އެފަދަ ވިސްނުމެއްގައި ވަނިކޮށެވެ. ރޫބީ ފެނުމާއެކު އާކިންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
އެތެރެއަށް ވަދެގެން އައި ރޫބީގެ އަތުގައި ހުރި ކާއެއްޗެހި ތަބަށް އޭނާ ގެންގޮސް އާކިން ކައިރީގައި ބެހެއްޓިއެވެ. އޭގެއިން ދުވި މީރުވަހުންވެސް އާކިންގެ ބަނޑު ފުރުނު ކަހަލައެވެ. ކުޅުދިޔާވި ނަމަވެސް އެކަން ނުދައްކާވޭތޯ މަސައްކަތް ކުރިއެވެ.
" ސޮރީ އާކި.. މިއަދު އާކި ކަންތައް ކުރި ގޮތަށް އަހަރެންނަށްވެސް ކުރެވިދާނެކަން އާކިއަށް އަންގައިދޭން އަހަންނަށް މަޖުބޫރުވީ... އެކަމަކު އަހަރެން މީ އާކި ކަހަލަ ރަހުމުކުޑަ މީހެއް ނޫން.. " ރޫބީ ބުނެލިއެވެ.
" ފުރަތަމަ ކަމަކަށް.. އަހަރެންނާ އާކި އޭ ކިޔާ މުޙާތަބު ކުރުމުގެ ހުއްދަ އަހަރެން ކަލެއަށް ނުދެން... އެހެން ކިޔާނީ ހަމައެކަނި އަހަރެން ލޯބިވާ މީހުން.. ތީ އަހަރެން ލޯބިވާ މީހެއް ނޫން.. އިންފެކްޓް.. ތީ މިވަގުތު އަހަރެން އެންމެ ރުޅި އަރާ މީހާ.. " އިންތަނުން ތެދުވަމުން އާކިން ބުންޏެވެ.
" އޯކޭ.. އާކިން ހިތްހަމަނުޖެހޭ ކަމެއް ކުރަން އަހަރެން ބޭނުމެއްވެސް ނޫން.." ރޫބީ ބުންޏެވެ.
" ކަލޭ ހިތުން ތި ފެށީ ގޭމެއް ދޯ.. އޯކޭ އަހަރެން ތި ގޭމް ކުޅެން ތައްޔާރު.. ބަލާނަން މޮޅުވަނީ ކާކުތޯ.." ރޫބީ ދާންވެގެން ހިނގައިގަތުމާއެކު އާކިން ބުންޏެވެ. ވަކި ޖަވާބެއް ނުދީ ރޫބީ އެތަނުން ނިކުތެވެ. އައި ރުޅީގައި އާކިންއަށް މޭޒުގައި ޖަހައިލެވުނެވެ. ކުރިމަތީގައި ހުރި ތަށިތައް ހިފައިގެން ގޮސް ކުޑަދޮރުން ބޭރަށް އުކައިލަން އުޅުނެވެ. ނަމަވެސް އިސްރާފުކުރުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭތީ އޭނާ ހުއްޓުނެވެ. ކާއެއްޗެހި އިސްރާފު ނުކުރަން އޭނާގެ މައިންބަފައިން އޭނާއަށް އަބަދުވެސް ނަސޭހަތްތެރިވެއެވެ. ހިތާދެކޮޅަށް ނަމަވެސް އޭނާއަށް މަޖުބޫރުވީ ތަށިތައް ގެނެސް އަލުން މޭޒުމަތީގައި ބެހެއްޓުމަށެވެ.
*******************************
ރޫބީ ފަތިސް ނަމާދަށް ހޭލިއިރު އާކިން ފެންނާކަށް ނެތެވެ. މިސްކިތަށް ދިޔައީކަން އެނގުނީ ކްލޯޒެޓަށް ވަންއިރު ބޭލި ނިދާ ހެދުން ވަށިގަނޑަށް ލާފައި އޮތުމުންނެވެ. ފެންވަރައިގެން ނިކުމެ އާކިން އައުމުގެ ކުރިން އެނދު އަޅައިލިއެވެ. އާކިން ކޮޓަރިއަށް އައިސްވަނީ ރޫބީ ނަމާދަށް ހުއްޓައެވެ. ނަމާދުން ފޭބުމުގެ އަނެއްކާވެސް އިވުނީ އާކިން ކޮޓަރިން ނިކުތް އަޑެވެ.
ނަމާދުކޮށް ނިމިގެން ރޫބީ ދިޔައީ ބަދިގެއަށެވެ. ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ ނާބީއަށް ހެނދުނު ސަލާމްކޮށްލުމަށްފަހު ކޮފީ މެޝިނުން ކޮފީއެއް އަޅައިގެން ގޮސް އޭނާ އިށީނީ ސޯފާގައެވެ. އަމްރާއާއި އާކިން އެކުގައި އައިސް ގެއަށްވަނީ ރޫބީ އެތާ އިންނަތާ އިރުކޮޅެއް ފަހުންނެވެ. އެދެމީހުން ހެދުން އަޅައިގެން ހުރިގޮތުން އެއައީ ކަސްރަތަށް ގޮސްފައި ރޫބީއަށް އެނގުނެވެ. ވެފައި ހުރި ވަރުބައްޔައެކު ދެމީހުން ގޮސް އިށީނީ ސޯފާގައެވެ. އިރުކޮޅަކުން ނާބީ އައިސް އެދެމީހުންނަށް ދެޖޫސްތަށި ދިއްކޮށްލިއެވެ.
" ސޯ ރޫބީ!! ކޮބާ މިއަދުގެ ޕްލޭންއަކީ؟" ޖޫސްތަށިން އެއްބައި ބޯލުމަށްފަހު އަމްރާ އަހައިލިއެވެ.
" ޖޮބެއް ހޯދަން ބޭނުންވަނީ.. މިހެން ގޭގަ އިންނަން ޖެހުނީމަ ވަރަށް ފޫހި.." ވަޒީފާ ހޯދުމުގެ އަސްލު ސަބަބު ސިއްރުކުރަމުން ރޫބީ ބުންޏެވެ. ރޫބީގެ ބޭނުމަކީ އިއްޔަގައި ހިނގާ ދިޔަ ކަހަލަ ކަމެއް ތަކުރާރު ނުވުމެވެ.
" އަދި ހަނދާން ނެތިފަ މިހުންނަނީ ބައްޕަ ބުންޏޭ އާކި ކައިރީގައި ބުނާށޭ ރޫބީ ގޮވައިގެން ބޭންކަން ގޮސް އެކައުންޓެއް ހުޅުވާށޭ.. އެންޑް ރޫބީ ކީއްކުރަން ޖޮބަކަށް ދަނީ.. ރޫބީ ބޭނުންވިއްޔާ ފެމިލީ ކޮމްޕެނީ ޖޮއިން ކުރެވިދާނެ..." އަމްރާ ބުންޏެވެ.
" ޝުއަރ ދޮންތާ... ރޫބީ ތައްޔާރުވެގެން ހުންނާތި ބޭންކަން ދާން.." އިންޒާރުގެ ބެލުމަކުން ރޫބީއާ ދިމާލަށް ބަލައިލަމުން އާކިން ބުންޏެވެ. އެވަގުތު އަނެއްކާވެސް ރޫބީގެ ހަނދާނަށް އައީ އިއްޔަގައި އާކިން ކަންތައް ކުރިގޮތެވެ. ރޫބީގެ ދެލޮލުން ޖެހިލުންވުން ފެނިގެން ދިޔަ ހިނދު އާކިންގެ ތުންފަތްމަތީގައި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 25 ނޮވެމްބަރ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް