2020 ވަނަ އަހަރުގެ "ގޯލްޑަން ފުޓް" އެވޯޑް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެއެވެ.
2003 ވަނަ އަހަރު ދޭންފެށި މި އެވޯޑަކީ ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ކޮންމެ އަހަރަކުވެސް ވަކި ކުޅުންތެރިއެއްގެ ގޮތުގައާއި ޓީމެއްގެ ގޮތުގައި ކުޅީވަރު އެތްލީޓެއްގެ ގޮތުންނާއި ވަކި ޝަހްސިއްޔަތެއްގެ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކަށް ދެމުން އަންނަ އެވޯޑެކެވެ.
28 އަހަރުން މަތީގެ ކުޅުންތެރިންނަށް ދޭ ބައިނަލްއަޤުވާމީ މި އެވޯޑް ލިބޭ ފަރާތް ހޮވަނީ ދުނިޔޭގެ އެކި ކުޅިވަރު ނޫސްވެރިންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
ކޮންމެ ކުޅުންތެރިއަކަށްވެސް ކެރިއަރުގައި އެއްފަހަރު ހާސިލްކުރެވޭ މި ޝަރަފުވެރި މި އެވޯޑްގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެވޯޑް ހާސިލްކުރާ ކޮންމެ ކުޅުންތެރިއެއްގެ ފައިގެ ނިޝާން ރަންކުލައިގެ ޕްލޭޓަކަށް ޕްރިންޓް ކުރުމަށްފަހު ޗެމްޕިއަންސް ޕްރޮމިނޭޑްގައި އާކައިވް ކޮށްފައި ބެހެއްޓޭކަމެވެ.
މި އެވޯޑް އެންމެ ފުރަތަމަ ހާސިލްކުރީ އިޓަލީގެ ފޯވާޑް ރޮބާޓޯ ބާޖިއޯއެވެ. މިއެވޯޑް އެންމެ ފަހުން ހޯދާފައިވަނީ ކްރޮއޭޝިއާގެ މިޑްފީލްޑަރ ލޫކާ މޮޑްރިޗްއެވެ.
ގައުމުގެ ނިސްބަތައް ބަލާއިރު މި އެވޯޑް އެންމެ ގިނައިން ހޯދާފައިވަނީ އިޓަލީއަށް ނިސްބަތް ވާ ކުޅޫންތެރިންނެވެ. ކުލަބައް ބަލާއިރު އެންމެ ގިނައިން މި އެވޯޑް ހޯދާފައިވަނީ އިޓަލީގެ ޔުވެންޓަސްއަށް ކުޅެފައިވާ ކުޅުންތެރިންނެވެ.
ދުނިޔޭގެ މަޝްޙޫރު ކަން ހޯދާފައިވާ ގިނަ ކުޅުންތެރިން މި އެވޯޑް ހޯދާފައިވާއިރު، ބާސެލޯނާއަށް ކުޅެމުން އަންނަ ފޯވާޑް ލިއޮނެލް މެސީއަށް އަދި މި އެވޯޑް ހާސިލް ކުތެވިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް