ދައުލަތުގެ އިސްވެރިންނަށް މަރުހަބާ ކިޔުމަށް ސްކޫލުކުދިން ނެރެން އަންގާފައެއް ނުވާނެ: ހޫދު

ދައުލަތުގެ އިސްވެރިންނަށް މަރުހަބާ ކިޔުމަށް ސްކޫލުކުދިން ނެރެން އަންގާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ. ތަރުޖަމާން ހޫދު ވިދާޅުވީ ދައުލަތުގެ އިސްވެރިން ރަ...

02 Dec 2020 | 14:40

ދައުލަތުގެ އިސްވެރިންނަށް މަރުހަބާ ކިޔުމަށް ސްކޫލުކުދިން ނެރެން އަންގާފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

ތަރުޖަމާން ހޫދު ވިދާޅުވީ ދައުލަތުގެ އިސްވެރިން ރަށްރަށް ދަތުރުކުރައްވާއިރު، ސްކޫލް ކުދިން ނެރެގެން އެއްވެސް ހަރަކާތެއް ހިންގަން ސަރުކާރުން ތަރުހީބު ނުދޭކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު ވިދާޅުވީ އެފަދަ އެއްވެސް ހަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގާފައި ނުވާނެ ކަމަށެވެ.

އެފަދަ ހަރަކާތްތަކުގައި، ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިނުކުރުމަށް، ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ރައީސް ސޯލިހު އިލްތިމާސް ކުރައްވާފައިވާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

ހޫދު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލ. ގަމަށް މާދަމާ ވަޑައިގެން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް، އެ ހަރަކާތްތަކުގައި އެ ރަށު ހަމަދު ބިން ޚަލީފާ އަލް ސާނީ ސްކޫލްގެ ދަރިވަރުން ބައިވެރިކޮށްދޭން ގަމު ކައުންސިލުން ސްކޫލްގައި އެދިފައިވާ ކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.

ޚާއްސަކޮށް ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި ރައީސް ސޯލިހު ގަމަށް ވަޑައިގަންނަވާއިރު، ސްކޫލް ކުދިން ނެރުމަށް އަންގާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ސަރުކާރަށް އަމާޒު ވަމުން ނެވެ.

ދާދިފަހުން ހއ. ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ގިނަ އަދަދެއްގެ ސްކޫލް ކުދިން ވަނީ ބައިވެރިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް