ސަރުކާރު ކޯލިޝަން ވަރުގަދަ ކުރުމަށާއި މަސްލަހަތު ގެއްލޭފަދަ ކަމެއް ނުކުރުރުމަށް ކޯލިޝަންގެ ހުރިހާ ހިއްސާދާރުންގެ ކިބައިން އކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުއްޤައްޔޫމް އެދިވަޑައިގެންފި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެމްއާރްއެމް އަކީ މިހާރު އުފެދިފައިވާ ކޯލިޝަން ސަރުކާރުގެ މުހިންމު ހިއްސާދާރެއް ކަމަށާއި ރައީސް ސާލިޙު އިންތިޚާބު ކުރުމަށް އެޕާޓީން ކޮށްފައިވާ މަސައްކަތަށް މުޅި ގައުމު ހެކިވާނެ ކަމަށެވެ.
އެޕާޓީގެ ވާޖިބުތައް އަދާކުރަމުން ގެންދާނީ އެޕާޓީގެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަދި ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ވޭތުވެދިޔަ އެއްއަހަރު ގައުމު ހޭދަކުރީ ވަރަށް ދަތި ދުވަސްތަކެއް ކަމަށެވެ.
މި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް އިހްސާސް ކުރެވެމުންދާ ކަމަށާއި މިއީ ހަމައެކަނި ރާއްޖެއަށް ދިމާވި ކަމެއް ނޫން ކަމަށް ވެސް އެމަކިނުފާނު ވިދާޅުވި އެވެ.
"މުޅި ދުނިޔެއަށް ވެސް މި ބަލިމަޑުކަން ފެތުރި ހިތްދަތިކަމާ ކުރުމަތިލާން ޖެހިފަ މިވަނީ. މިކަމުގައި ވަރަށް ސާބިތުކަމާއެކު ކުރިމަތިލައި، ސަލާމަތްވުމަށް އަންނަނީ މަސައްކަތްތަކެއް ކުރަމުން. އެގޮތުން ސަރުކާރުގެ އެކި މުވައްސަސާތަކުން ކުރައްވާ މަސައްކަތްތަކުގައި އެމްއާރްއެމް ވެސް އަންނަނީ ބައިވެރިވަމުން." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖެއިން މިބަލި އަދިވެސް ފިލުވާ ނުލެވޭ ކަމަށާއި މިފަހަކަށް އައިސް އިންފެކްޝަން ޖެހޭ މީހުންގެ ޢަދަދު މަދުވި ނަމަވެސް އެއީ ހިތްހަމަ ޖައްސާލަންވީ ކަމެއް ނޫން ކަމަށެވެ. އަދި އަބަދުވެސް ހޭލާ ތިބެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދަންޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް