ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅިވިފަހުން ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން ސީރިއަސް ކޭސްއެއް ފެނިފައި ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރ ވޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ސީއެންއެންގެ 'ކުއެސްޓް މީންސް ބިޒްނަސް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިވީ ހަތަރުވަރަކަށް މަހުގެ ތެރޭގައި ފަސްދޮޅަސް ހަތް ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ ކަމަށެވެ. އަދި މިހާރުވެސް އެގްޒިޓް ސްކްރީނިންގ ޕޮޒިޓިވް ވަނީ 0.23 އިންސައްތަ މީހުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ރާއްޖެ އަންނައިރު 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަންޖެހޭ ކަމަށެވެ.
" މިކަމުގެ ސަބަބުން ރައްކާތެރިކަން ޔަޤީންކޮށްދޭ. އަދި ޓެސްޓިންގ ރޫޓިންގ އަކީ ބަދަލުވަމުންދާ އެއްޗެއް. މިއަށްވުރެ އަވަސް މުއްދަތެއް ލިބޭނެ ކަމަށް އުއްމީދު ކުރަން." މިނިސްޓަރ ވިދާޅުވި އެވެ.
ޑރ. މައުސޫމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފަތުރުވެރިން ރާއްޖެ އަންނާނީ ވެކްސިނޭޓް ކުރެވިގެން ކަމަށެވެ.
އަންނަ އަހަރު މިހިސާބުގައި ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން ވެކްސިނޭޓް ކުރެވިގެން އަންނަ ބައެއްގެ ގޮތުގައި ލާޒިމް ކުރައްވާނެތޯ ޕްރޮގްރާމުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މައުސޫމު ވިދާޅުވީ، ރާއްޖެ އުފެދިފައި އޮންނަ ގޮތުން ރާއްޖެއަކީ ރައްކާތެރި ޤައުމެއް ކަމަށެވެ.
ނަމަވެސް އުންމީދަކީ ރާއްޖޭގެ ހުރިހާ އެންމެންނަށް ވެސް ވެކްސިން ލިބިގެން ދިއުން ކަމަށާއި، ހަމަ އެގޮތަށް ރާއްޖެ އަންނަ ފަތުރުވެރިންވެސް ވެކްސިނޭޓް ކުރެވިގެން އަންނަ ބަޔަކަށް ވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް-19 އިގެ ކޭސްތައް ހުރި ނަމަވެސް ރާއްޖޭ އުފެއްދިފައި އޮންނަ ގޮތުން ރާއްޖެއަކީ ރައްކާތެރި ޤައުމެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
ސަލާމަތީ ފިޔަވަޅުތަކާއެކު ޓޫރިޒަމް ފެށީ ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައި އޮތީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށްވާތީ ކަމަށެވެ. އަދި ފަތުރުވެރިކަން ހުއްޓިއްޖެނަމަ، ރާއްޖެވެސް ހުއްޓޭނެތީ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް